އިގުތިސާދީ ބައެއް މަސައްކަތްތައް ކުރަން ކުރު މުއްދަތަކަށް ބިން ދޫކުރެވޭ ގޮތަށް ގަވައިދެއް ހަދައި ހަައުސިން މިނިސްޓްރީން މިއަދު ގެޒެޓްކޮށްފި އެވެ.

"ދިރިއުޅުން ނޫން އެހެން  ބޭނުންތަކަށް ބިން ދޫކުރުމާއި ރަޖިސްޓްރީކުރުމުގެ ގަވާއިދު" ގެ ނަމުގައި މިއަދު ގެެޒެޓްކުރި ގަވައިދުގައިވާ ގޮތުން ހަތަރު ބާވަތެއްގެ މަސައްކަތް ކުރުމަށާއި ސާފުކޮށް ބެލެހެއްޓުމަށް ތިން އަހަރު ނުވަތަ އެއަށް ވުރެ ކުރު މުއްދަތަށް ބިން ދޫކުރާ ނަމަ ބީލަން އުސޫލަށް ނުފެތޭ ގޮތަށް ވެސް ދޫކުރެވޭނެ އެވެ.

ބީލަމަށް ނުލައި ކުރުމުއްދަތަށް ބިން ދޫކުރެވޭ ބޭނުންތައް

  1. މަސްހިއްކުމާއި ލޮނުއެޅުމާއި ހުއިފިލަނޑާގެ މަސައްކަތްތައް ކުރަން
  2. ދަނޑުވެރިކަމަށް
  3. ޖަނަވާރު ގެންގުޅެން
  4. ގާޑިޔާ ވިޔަފާރިއަށް (އެއް އަހަރު ދުވަހަށް ވުރެ ދިގު ނޫން މުއްދަތަކަށް)
  5. ސާފުކޮށް ބަލަހައްޓަން

ގަވައިދުގައިވާ ގޮތުން، މި ބޭނުންތަކަށް ބިން ދޫކުރަން ކައުންސިލްތަކުން ދޫކުރާ ބިންތަކުން ކުލި ނެގޭ އިރު، ބިން ދޫކުރުމަށް ކުރާ އިއުލާނުގައި އެކަމާ ބެހޭ ހުރިޙާ ތަފްސީލުތަކެއް ހިމަނަން ޖެހޭނެ އެވެ. ބިން އޮތް ތަނާއި ބިމުގެ ބާވަތާއި ބިމުގައި ކުރެވޭނެ ބޭނުން އޭގެ ތެރޭގައި ހިމެނެ އެވެ. ބިން ދޫކުރާ މުއްދަތާއި ޕޮއިންޓް ދޭނެ އުސޫލާއި ބިން ދޫކުރާނެ އެންމެ ކުޑަ ކުއްޔާއި ބިން ހޯދަން ހުށަހަޅާ ފަރާތުގައި ހުންނަން ޖެހޭނެ ޝަރުތުތައް ވެސް ގަވައިދުގައިވާ ގޮތުން އެ އިއުލާނުގައި ހިމަނަން ޖެހޭނެ އެވެ. 

ބީލަމަށް ނުލުމުގެ އިތުރުން، އާއްމުކޮށް އިއުލާނުކުރުމަކާ ނުލައި ވެސް ވަކި ބޭނުންތަކަށް ބިން ދޫކުރާނެ އުސޫލެއް ވެސް އެ ގަވައިދުގައި ހިމަނާފައިވެ އެވެ. 

އާއްމުކޮށް އިއުލާނުކުރަން ނުޖެހޭނީ ދައުލަތުގެ އިދާރާއެއްްގެ ބޭނުމަށް ބިން ދޫކުރުމާއި އިޖުތިމާއީ ބޭނުމަށް ބިން ދޫކުރުމާއި އާއްމު ހިދުމަތަށް ބިން ދޫކުރުމުގަ އެވެ. އޮޑިވަޅު ހަދަން (އޮޑިދޯނިފަހަރު ބަންނަން ނުވަތަ  މަރާމާތު ކުރަން) ބިން ދޫކުރާ އިރުގައި ވެސް އާއްމުކޮށް އިއުލާނުކުރާކަށް ނުޖެހޭނެ އެވެ.

ބޭރު ގައުމެއްގެ އެމްބަސީއެއްގެ ބޭނުމަށް ނުވަތަ ބައިނަލް އަގުވާމީ ޖަމިއްޔާއެއްގެ ބޭނުމަށް ދައުަލަތުގެ އިދާރާއަކާ ގުޅިގެން ބިން ދޫކުރާ އިރު ވެސް އާއްމުކޮށް އިއުލާނުކުރާކަށް ނުޖެހޭނެ އެވެ. 

ކައުންސިލްތަކާއި ދައުލަތުގެ އިދާރާތަކާއި ކުންފުނިތަކުން ބިން ދޫކުރާނެ އުސޫލުތައް އެ ގަވައިދުގައި ވަރަށް ތަފްސީލުކޮށް ހިމަނާފައިވެ އެވެ.