ރާއްޖޭގެ ހަ އަތޮޅަކުން 15 ސަރަހައްދެއްގައި ޓޫރިސްޓު ރިސޯޓު ހިންގަން ޓޫރިޒަމް މިނިސްޓްރީން ބީލަމަށް އިއްޔެ ހުޅުވާލައިފި އެވެ.

އެ މިނިސްޓްރީން ވަކިވަކިން ކުރި އިއުލާންތަކުގައިވާ ގޮތުން، ތިން ރަށެއްގައި ހަލާލް ޓޫރިޒަމްގެ ރިސޯޓުތައް ހިންގާނެ ބަޔަކު ވެސް ބޭނުންވެ އެވެ. 

ހަލާލް ޓޫރިޒަމަށް ހާއްސަކޮށްފައި ވަނީ ހދ. މަަކުނުދޫ ފަރުން 200 ހެކްޓަރުގެ ފަޅަކާއި ލ. ފޮނަގާދޫގެ 8.18 ހެކްޓަރުގެ ބިމެއްގެ އިތުރުން ސ. ދޮންހެރައިގެ 10.23 ހެކްޓަރުގެ ސަރަހައްދެކެވެ. އަދި މަަކުނުދޫ ފަރުގައި މަދުވެގެން 150 އެނދުގެ ރިސޯޓެއް ހަދަން ޖެހޭއިރު، ފޮނަގާދޫ އަދި ދޮންހެރައިގައި ހަދަން ޖެހެނީ މަދުވެގެން 100 އެނދު ހުންނަ ރިސޯޓެކެވެ. 

އިއުލާންތަކުގައި ބުނީ އެ ރަށްތަކުގައި ރިސޯޓު ހިންގަން ވާނީ އިސްލާމީ އުސޫލުތަކަށް ފުރިހަމައަށް ތަބާވާ ގޮތަށް ކަމަށެވެ. އެތަންތަނުގައި އޫރުމަހާއި ރާ ވިއްކުން މަނާއިރު، ހަލާލް ސެޓްފިކެޓް ލިބިފައިވާ ކާބޯތަކެތި ފޯރުކޮށްދިނުމާއި އަންހެނުންނާއި ފިރިހެނުންނަށް ވަކިން ވެލްނެސް ހިދުމަތްތައް ދިނުން ހިމަނަން ޖެހެ އެވެ. އަދި މުވައްޒަފުންނަށާއި ޓޫރިސްޓުންނަށް ވަކިން ދެ މިސްކިތް ހަދަން ޖެހެ އެވެ.

ހދ. މަކުނުދޫ: އެ ރަށުގެ ފަޅުގައި ވެސް ރިސޯޓު ހަދަން ވަނީ ހުޅުވާލައިފައި.-- ފޮޓޯ: ވިޝާހް ފޮޓޯސް
ހދ. މަކުނުދޫ: އެ ރަށުގެ ފަޅުގައި ވެސް ރިސޯޓު ހަދަން ވަނީ ހުޅުވާލައިފައި.-- ފޮޓޯ: ވިޝާހް ފޮޓޯސް

ރިސޯޓު ހަދަން ހުޅުވާލި އިތުރު ސަރަހައްދުތަކުގެ ތެރޭގައި ރާއްޖޭގެ އުތުރުގެ 10 ފަޅެއް ހިމެނެ އެވެ. 

އޭގެ ތެރޭގައި ހިމެނެނީ ހއ. މާދުނި ފަރުން 3 ފަޅާއި ހދ. މަަކުނުދޫ ފަރާއި މާފަރުން ހަތަރު ފަޅު އަދި ށ. ގޮނާ ފަރުން ތިން ފަޅެވެ. މީގެން ކޮންމެ ފަޅަކުން 200 ހެކްޓަރުގެ ސަރަހައްދެއް ރިސޯޓު ހަދަން ދޭއިރު، ކޮންމެ ރިސޯޓެއްގައި މަދުވެގެން 150 އެނދު ހުންނަން ޖެހޭނެ އެވެ. 

އެ ހުރިހާ ފަޅުތަކުގެ ލީސް އެކިއުޒިޝަން ކޮސްޓް އުޅެނީ 1.5 މިލިޔަން ޑޮލަރާއި 2.1 މިލިޔަން ޑޮލަރާ ދެމެދުގެ އަގެއްގަ އެވެ. 

ނަލަންދޫގައި ރިސޯޓު ހަދަން އަލުން ހުޅުވާލުން

މީގެ އިތުރުން ދެ ފަޅުރަށެއްގައި ވެސް ރިސޯޓު ހިންގާނެ ބަޔަކު ހޯދަން ޓޫރިޒަމް މިނިސްޓްރީން އިއުލާންކޮށްފައިވެ އެވެ. އެއީ، ށ. ނަލަންދު އާއި ނ. ފަރުމުލީގަ އެވެ. 

އަޖައިބުކުރަނިވި ގުދުރަތީ ހާއްސަ ކަމެއް ލިބިފައިވާ ނަލަންދޫގައި ރިސޯޓު ހަދަން މިދިޔަ ސަރުކާރުގައި ތިން ފަހަރެއްގެ މަތިން އިއުލާންކުރި އެވެ. މަސްވެރިކަމުގެ މަސައްކަތަށް ދިގު މުއްދަތަކަށް އަމިއްލަ މީހަކަށް ދޫކޮށްފައި އޮތް އެ ރަށުގައި އެކަން ކުރިއަށް ނުދިޔަ ސަބަބެއް ސާފެއް ނުވެ އެވެ. 

ށ. ނަލަންދޫ: އެ ރަށުގައި ރިސޯޓެއް ހަދާނެ ބަޔަކު ހޯދަން އަނެއްކާވެސް ވަނީ އިއުލާންކޮށްފައި.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ށ. ނަލަންދޫ: އެ ރަށުގައި ރިސޯޓެއް ހަދާނެ ބަޔަކު ހޯދަން އަނެއްކާވެސް ވަނީ އިއުލާންކޮށްފައި.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އެ އިއުލާންތަކުގައި ބުނީ ރިސޯޓު ހަދަން ނަލަންދުއަށް ބީލަން ހުށަހަޅާ ފަރާތްތަކުގެ މާލީ ގާބިލުކަން 10 މިލިޔަން ޑޮލަރަށް ހުންނަން ޖެހޭނެ ކަމަށާއި ފަރުމުލީގެ ލީސް އެކިއުޒިޝަން ކޮސްޓަކީ 2.25 މިލިޔަން ޑޮލަރު ކަމަށެވެ. އަދި ނަލަންދޫގައި މަދުވެގެން 200 އެނދުގެ ރިސޯޓެއް ހަދަން ޖެހޭއިރު، ފަރުމުލީގައި މަދުވެގެން 150 އެނދުގެ ރިސޯޓެއް ހަދަން ޖެހޭނެ ކަމަށް އެ އިއުލާންތަކުގައި ބުންޏެވެ.

މި ހުރިހާ ފަޅުތަކާއި ފަޅުރަށްތަކުގައި ރިސޯޓު ތަރައްގީކުރަން ތިން އަހަރުގެ މުއްދަތެއް ދޭއިރު، އެ ތަންތަން ކުއްޔަށް ދެނީ 50 އަހަރުގެ މުއްދަށެވެ. 

ވަކިވަކިން އިއުލާންކޮށްފައިވާ މަޝްރޫއުތަކަށް ބީލަން ހުށަހެޅުމުގެ މުއްދަތު ހަމަވާނީ ނޮވެމްވަރު 17 އާއި 23 އާ ދެމެދުގެ ތާރީހުތަކުގަ އެވެ. 

މި ފަޅުތަކާއި ރަށްރަށުގައި ރިސޯޓުތައް ހަދަން ބީލަން ހުށަހަޅާ ފަރާތްތަކަށް ހާއްސަ އިނާޔަތްތަކެއް ދޭން ވެސް ސަރުކާރުން ނިންމާފައިވެ އެވެ. އޭގެ ތެރޭގައި އާންމު ރިސޯޓުތަކަށް އިމްޕޯޓް ޑިއުޓީން 15 ޕަސެންޓުގެ އިނާޔަތެއް ލިބޭއިރު، ހަލާލް ޓޫރިޒަމް މަޝްރޫއުތަކަށް 20 ޕަސެންޓުގެ އިނާޔަތް ލިބޭނެ އެވެ.