އުފަންވުމާއެކު ދައުލަތަށް ކުއްޖަކު ނެގުމުގައި ފެމިލީ މިނިސްޓްރީން އަމަލުކުރި ގޮތް ހޯދަން، ބަލައި ފާސްކުރުމުގެ އަމުރަކާ އެކު ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން މިއަދު އެ މިނިސްޓްރީއަށް ވަދެއްޖެ އެވެ.
އެޗްއާރުސީއެމްގެ ގާނޫނުން މައްސަލަތައް ތަހުގީގު ކުރުމުގެ ބާރު ލިބިދޭ 20 ވަނަ މާއްދާ އާއި 21 އަދި 22 ވަނަ މާއްދާއާ ހަވާލާދީ ނެރުނު އަމުރުގައި މިއަދުގެ ހެނދުނު 9:00 އިން މާދަމާ ރޭ 11:59 އާ ހަމައަށް ބާރު ދީފައިވާކަން ވަނީ އެނގިފަ އެވެ.
އެ އަމުރާ އެކު ކޮމިޝަންގެ ބައެއް މެމްބަރުންނާއި މުވައްޒަފުން މިއަދު އަންނަނީ އެ މިނިސްޓްރީއަށް ވަދެ ތަހުގީގަށް ބޭނުންވާ މައުލޫމާތު އެއްކުރަމުންނެވެ.
މީހެއްގެ ނުވަތަ ބައެއްގެ އިންސާނީ ހައްގަކަށް އުނިކަމެއް އަތުވެއްޖެ ކަމަށް ބުނެ ޝަކުވާ ހުށަހެޅުމުން ނުވަތަ ކޮމިޝަނުން އަމިއްލައަށް އިސްނަގައިގެން މައްސަލަ ތަހުގީގުކުރުމުގެ ބާރު އެޗްއާރުސީއެމްގެ ގާނޫނުން އެ ކޮމިޝަނަށް ލިބެ އެވެ.
އެ ކުއްޖާ ދައުލަތުގެ ބެލުމުގެ ދަށަށް ގެންދިއުމުން ސޯޝަލް މީޑިއާގައި އެކަމާ ސުވާލު އުފައްދައި، ކަންބޮޑުވުން ފާޅުކުރީ ކުއްޖާގެ މަންމަ އެވެ. އުމުރުން 25 އަހަރުގެ މަންމަ ބުނެފައިވަނީ އޭނާގެ ނަފްސާނީ މައްސަލައެއް ހުންނާތީ އަދި އަތުގެ ނުކުޅެދުންތެރިކަމެއް ހުރުން ސަބަބަކަށް ދައްކައި، ދަރިފުޅު ދައުލަތުގެ ބެލުމުގެ ދަށަށް ގެންދިޔައީ ކަމަށެވެ. އަދި ކުއްޖާ ގެންދިޔައީ ވިހޭތާ ތިން ވަނައަށްވީ ދުވަހު އޭނާގެ ނުރުހުމުގައި ކަމަށް ވެސް ބުނެފައިވެ އެވެ.
މި މައްސަލަ ސޯޝަލްމީޑިއާގައި ވައިރަލްވެ، އެ ކުއްޖާ ދައުލަތުގެ ބެލުމުގެ ދަށަށް ނަގަން ޖެހުނު ސަަބަބާ މެދު ގިނަ ބަޔަކު ސުވާލު އުފެއްދި އެވެ. މި މައްސަލައާ ގުޅިގެން މަންމަ އާއްމުކުރި ވާހަކައަަކަށް ބަލައި، ޖެންޑާ މިނިސްޓްރީން މިކަމުގައި އަމަލުކުރި ގޮތާ މެދު ވަނީ ފާޑުކިއުން އަމާޒުވެފަ އެވެ.
އެކަމަކު މިނިސްޓްރީން ބުނެފައި ވަނީ ކުއްޖާ ދައުލަތަށް ނެގުމުގައި އަމަލުކޮށްފައި ވާނީ ގާނޫނާ އެއްގޮތަށް ކަމަށާއި ކުއްޖަކު އެގޮތަށް ނަގާނީ އާއިލާ އިން ރައްކާތެރިކަން ކަށަވަރުނުވާ ހާލަތުގައި އެކަނި ކަމަށެވެ.
މިނިސްޓްރީން ބުނެފައި ވަނީ ކުއްޖާއަށް ބޭނުންވާ ރައްކާތެރިކަން ދައުލަތުން ފޯރުކޮށްދިނުމަކީ ދައުލަތުގެ ޒިންމާއެއްކަމަށާއި ރާއްޖޭގެ ގާނޫނުއަސާސީގެ 35 ވަނަ މާއްދާގައި، އާއިލާގެ ފަރާތުންނާއި ޖަމާއާތުގެ ފަރާތުންނާއި ދައުލަތުގެ ފަރާތުން، ހާއްސަ އެހީތެރިކަމާއި ހާއްސަ ރައްކާތެރިކަން ލިބުމަކީ ކުޑަކުދިންނާއި ޅަފުރައިގެ ކުދީންނަށް ލިބިފައިވާ ހައްގެއް ކަމަށެވެ.
އެ ކުއްޖާ ދައުލަތަށް ނެގި ސަބަބުތައް ބަޔާންކޮށް ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަނުން އާއިލާ އަށް ވަނީ ސިޓީއެއް ފޮނުވައިފަ އެވެ. އެ ސިޓީގައިވާ ގޮތުން، ކުއްޖާ ގެންދިޔައީ ރައްކާތެރިކަމާ ގުޅޭ ގޮތުން ކަންބޮޑުވުންތަކެއް ހުރި ކަމަށް އެ އިދާރާއަށް ހުށަހަޅާފައިވާތީ އެވެ.
ކައިވެނިން ބޭރުގައި ލިބުނު އެ ކުއްޖާގެ މަންމަ ދިރިއުޅޭ މާހައުލާއި ނަފްސާނީ ހާލަތާއި އަތުގެ ނުކުޅެދުންތެރިކަމާއި އާއިލާ އިން ވެސް އަޅާލާނެ ބަޔަކު ނެތުމަކީ ދައުލަތަށް ކުއްޖާ ނަގަން ޖެހުނު ސަބަބުތައް ކަމަށް އެ ސިޓީގައިވެ އެވެ.