އުފަންވުމާ އެކު ދައުލަތުގެ ބެލުމުގެ ދަށަށް ގެންދިޔަ ކުއްޖާއާ މެދު އަމަލުކޮށްފައި ވާނީ ގާނޫނާ އެއްގޮަށް ކަމަށާއި ކުއްޖަކު ދައުލަތުގެ ބެލުމުގެ ދަށަށް ގެންދަނީ އާއިލާއިން އެ ކުއްޖަކަށް ރައްކާތެރިކަން ކަށަވަރުނުވާނެ ހާލަތުގައި އެކަނި ކަމަށް، ސިއްހަތާއި އާއިލާ އާއި އިޖުތިމާއީ އެހީއާ ބެހޭ މިނިސްޓްރީން މިއަދު ބުނެފި އެވެ. 

ކުއްޖާ ދައުލަތުގެ ބެލުމުގެ ދަށަށް ގެންދިއުމުން ސޯޝަލް މީޑިއާގައި އެކަމާ ސުވާލު އުފައްދައި ކަންބޮޑުވުން ފާޅުކުރީ ކުއްޖާގެ މަންމަ އެވެ. އުމުރުން 25 އަހަރުގެ މަންމަ ބުނެފައިވަނީ އޭނާގެ  ނަފްސާނީ މައްސަލައެއް ހުންނާތީ އާއި އަތުގެ ނުކުޅެދުންތެރިކަމެއް ހުރުން ސަބަބަކަށް ދައްކާފައި ދަރިފުޅު ދައުލަތުގެ ބެލުމުގެ ދަށަށް ގެންދިޔައީ ކަމަށެވެ. އަދި ކުއްޖާ ގެންދިޔައީ ވިހޭތާ ތިން ވަނައަށްވީ ދުވަހު މަންމަގެ ނުރުހުމުގައި ކަމަށް ވެސް ބުނެފައިވެ އެވެ. 

އެ މައްސަލާގައި މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ ކުއްޖާއަށް ބޭނުންވާ ރައްކާތެރިކަން ދައުލަތުން ފޯރުކޮށްދިނުމަކީ ދައުލަތުގެ ޒިންމާއެއްކަމަށާއި ރާއްޖޭގެ ގާނޫނުއަސާސީގެ 35 ވަނަ މާއްދާގައި، އާއިލާގެ ފަރާތުންނާއި ޖަމާއާތުގެ ފަރާތުންނާއި ދައުލަތުގެ ފަރާތުން، ހާއްސަ އެހީތެރިކަމާއި ހާއްސަ ރައްކާތެރިކަން ލިބުމަކީ ކުޑަކުދިންނާއި ޅަފުރައިގެ ކުދީންނަށް ލިބިފައިވާ ހައްގެއް ކަމަށެވެ.

އެ ބަޔާނުގައި، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ 8 ވަނަ މާއްދާއާ ހަވާލާދީ ބުނި ގޮތުގައި ކުޑަކުއްޖަކާ ގުޅޭ ކަންކަން ނިންމުމުގައި އެންމެ އިސްކަން ދޭންވާނީ އެ ކުއްޖާގެ މަސްލަހަތު ހިޔާމަތްކުރުމަށެވެ.

ކުޑަކުދިންނާ ގުޅިގެން ހުށަހެޅޭ ކޮންމެ މައްސަލައެއްގައި ކުއްޖަކު ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭނީ ކުއްޖެއްގެ އާއިލާގެ ތެރެއިން ކުއްޖާއަށް ލިބެންވާ ރައްކާތެރިކަން ކަށަވަރުނުކުރެވޭ ހާލަތުގައިކަމާއި، އަދި ކުއްޖެއް ވަށައިންގެންވާ އެންމެ ހާލަތްތައް ދެނެގަނެ، އެކަންކަމަށް ރިއާޔަތްކޮށްގެންނޫން ގޮތަކަށް ދައުލަތުގެ ބެލުމުގެ ދަށަށް ކުއްޖަކު ނުނެގޭނެ
މިނިސްޓްރީ

މިނިސްޓްރީން ބުނީ ކުއްޖާގެ ރައްކާތެރިކަން ކަށަވަރުނުވާ ހާލަތުގައި ދައުލަތުގެ ބެލުމުގެ ދަށަށް ނެގުމުގެ ކުރިން ކުއްޖާގެ މައިންބަފައިންގެ ގާތުގައި ކުއްޖާ ބަހައްޓައިގެން ކުއްޖާގެ ހައްގުތައް ހިމާޔަތްކުރުމަށް ދައުލަތުން އަބަދުވެސް މަސައްކަތްކުރާނެ ކަމަށެވެ. މައިންބަފައިންގެ ގާތުގައި ކުދިން ނުބެހެއްޓޭ ހާލަތުގައި ކުއްޖާގެ އާއިލާގެ ތެރެއިން ކުއްޖާއަށް ރައްކާތެރިކަން ފޯރުކޮށްދެވޭނެ މީހަކު ހުރި ނަމަ، ކުއްޖާ އެ މީހެއްގެ ގާތުގައި ބެހެއްޓުމަކީ ދައުލަތުން ކުއްޖާގެ މަސްލަހަތަށް އިސްކުރާނެ ކަމެއްކަން ވެސް ބަޔާނުގައި ފާހަގަކުރި އެވެ. 

މިނިސްޓްރީން ބުނީ އެއިން އެއްވެސް ހާލަތެއްގައި ކުއްޖާގެ މައިންބަފައިން އަދި ކުއްޖާގެ އާއިލާގެ އެއްވެސް ފަރާތަކުން ކުއްޖާއަށް ރައްކާތެރިކަން ކަށަވަރުނުކުރެވޭ ހާލަތުގައި ނޫން ގޮތަކަށް ކުއްޖަކު ދައުލަތުގެ ބެލުމުގެ ދަށަށް ނުގެންދާނެ ކަމަށެވެ. 

"ކުޑަކުދިންނާ ގުޅިގެން ހުށަހެޅޭ ކޮންމެ މައްސަލައެއްގައި ކުއްޖަކު ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭނީ ކުއްޖެއްގެ އާއިލާގެ ތެރެއިން ކުއްޖާއަށް ލިބެންވާ ރައްކާތެރިކަން ކަށަވަރުނުކުރެވޭ ހާލަތުގައިކަމާއި، އަދި ކުއްޖެއް ވަށައިންގެންވާ އެންމެ ހާލަތްތައް ދެނެގަނެ، އެކަންކަމަށް ރިއާޔަތްކޮށްގެންނޫން ގޮތަކަށް ދައުލަތުގެ ބެލުމުގެ ދަށަށް ކުއްޖަކު ނުނެގޭނޭކަން ފާހަގަކުރަމެވެ." މިނިސްޓްރީގެ ބަޔާނުގައިވެ އެވެ. 

މިނިސްޓްރީން ބުނީ ކުއްޖަކު ދައުލަތަށް ނެގުމަކީ އެ ގާނޫނުގެ ދަށުން ނެގޭނެ އެންމެ ފަހު ފިޔަވަޅު ކަމަށެވެ. 

މިނިސްޓްރީން ބުނި ގޮތުގައި އެއްވެސް ކުއްޖެއްގެ ރައްކާތެރިކަން ކަށަވަރުނުވާ ހާލަތުގައި ކުއްޖަކަށް އަޅާލުމާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ވަގުތުން ފިޔަވަޅު އެޅިދާނެ އެވެ. އެހެންވެ، ކުއްޖާ ހުރި މާހައުލުން ވަކިކޮށް ދައުލަތުގެ ބެލުމުގެ ދަށަށް ނެގުމާއި ކުއްޖާ ބެލެހެއްޓުން ވަގުތީ ގޮތުން އެހެން ފަރާތަކާ ހަވާލުކުރުމަކީ ވެސް އޮންނަ އިހުތިޔާރެއް ކަމަށް ބުންޏެވެ. 

މިނިސްޓްރީން ވަނީ ކުޑަކުދިންނާއި ނާޒުކު ހާލަތުގައި ދިރިއުޅެމުން އަންނަ ފަރާތްތަކާ ގުޅޭގޮތުން މީޑިއާގެ ވަސީލަތްތަކުގައި ސައްހަ ނޫން ޚަބަރުތައް ދައުރުކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ވެސް ބުނެފަ އެވެ. އަދި އެފަދަ މައުލޫމާތުތައް ދައުރުކުރުމުގައި ސަމާލުވުމަށާއި ސައްހަ ނޫން މައުލޫމާތު ދައުރު ނުކުރުމަށް ވެސް ބަޔާނުގައި އިލްތިމާސްކޮށްފައިވެ އެވެ. 


މި މައްސަލަ ސޯޝަލްމީޑިއާގައި ވައިރަލްވެ، އެ ކުއްޖާ ދައުލަތުގެ ބެލުމުގެ ދަށަށް ނަގަން ޖެހުނު ސަަބަބާ މެދު ގިނަ ބަޔަކު ސުވާލު އުފެއްދި އެވެ. މި މައްސަލައާ ގުޅިގެން މަންމަ އާއްމުކުރި ވާހަކައަަކަށް ބަލައި، ޖެންޑާ މިނިސްޓްރީން މިކަމުގައި އަމަލުކުރި ގޮތާ މެދު ވަނީ ފާޑުކިއުން އަމާޒުވެފަ އެވެ. 

އެ ކުއްޖާ ދައުލަތަށް ނެގި ސަބަބުތައް ބަޔާންކޮށް ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަނުން އާއިލާ އަށް ވަނީ ސިޓީއެއް ފޮނުވައިފަ އެވެ. އެ ސިޓީގައިވާ ގޮތުން، ކުއްޖާ ގެންދިޔައީ ރައްކާތެރިކަމާ ގުޅޭ ގޮތުން ކަންބޮޑުވުންތަކެއް ހުރި ކަމަށް އެ އިދާރާއަށް ހުށަހަޅާފައިވާތީ އެވެ. 

ކައިވެނިން ބޭރުގައި ލިބުނު އެ ކުއްޖާގެ މަންމަ ދިރިއުޅޭ މާހައުލާއި ނަފްސާނީ ހާލަތާއި އަތުގެ ނުކުޅެދުންތެރިކަމާއި އާއިލާ އިން ވެސް އަޅާލާނެ ބަޔަކު ނެތުމަކީ ދައުލަތަށް ކުއްޖާ ނަގަން ޖެހުނު ސަބަބުތައް ކަމަށް އެ ސިޓީގައިވެ އެވެ.