އުފަންވުމާ އެކު ދައުލަތަށް ތުއްތު ކުއްޖާ ނެގުމުގައި ފެމިލީ މިނިސްޓްރީން އަމަލުކުރި ގޮތާ ގުޅޭ ހުރިހާ މައުލޫމާތެއް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ހޯދައިފި އެވެ.
އެޗްއާރުސީއެމުން ވަނީ އެ ތަހުގީގަށް ބޭނުންވާ މައުލޫމާތު ހޯދުމަށް ކުއްޖާގެ މަންމައާ މިދިޔަ އާދިއްތަ ދުވަހު ބައްދަލުކޮށްފަ އެވެ. އެ ކޮމިޝަނުގެ ޓީމެއް ކުއްޖާގެ މަންމަ ދިރިއުޅޭ ރަށަށް ޒިޔާރާތްކޮށް، އެ މައްސަލައާ ގުޅޭ މައައްސަސާތަކާއި ވަކިވަކި މީހުންނާ ބައްދަލުކޮށް، ތަހުގީގަށް ބޭނުންވާ މައުލޫމާތާއި ލިޔެކިޔުން ހޯދުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވެ އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި މަންމައާ ބައްދަލުކުރުމަށް އެ ރަށަށް ދިޔަ ޓީމު ވެސް މިހާރު ވަނީ އަނބުރާ މާލެ އައިސްފަ އެވެ. މިނިސްޓްރީ މެދުވެރިކޮށް ވެސް ބޭނުންވާ ހުރިހާ މައުލޫމާތެއް ލިބިފައިވާ ކަމަށްވެ އެވެ.
އެނގިފައިވާ ގޮތުގައި އިންވެސްޓިގޭޓްކުރުމަށް ފަހު، ކޮމިޝަނަށް ފާހަގަވާ ކަންކަމުގެ ރިޕޯޓެއް ނެރޭނެ އެވެ.
ދައުލަތަށް ކުއްޖާ ނެގުމުގައި ފެމިލީ މިނިސްޓްރީން އަމަލުކުރި ގޮތް ހޯދަން، ބަލައި ފާސްކުރުމުގެ އަމުރަކާ އެކު އެޗްއާރުސީއެމުން މިދިޔަ އާދިއްތަ ދުވަހު ވަނީ އެ މިނިސްޓްރީގެ އިދާރާއަށް ވެސް ވަދެ އެކަމާ ގުޅޭ ޑޮކިއުމަންޓްތައް ހޯދައިފަ އެވެ.
މީހެއްގެ ނުވަތަ ބައެއްގެ އިންސާނީ ހައްގަކަށް އުނިކަމެއް އަތުވެއްޖެ ކަމަށް ބުނެ ޝަކުވާ ހުށަހެޅުމުން ނުވަތަ ކޮމިޝަނުން އަމިއްލައަށް އިސްނަގައިގެން މައްސަލަ ތަހުގީގުކުރުމުގެ ބާރު އެޗްއާރުސީއެމްގެ ގާނޫނުން އެ ކޮމިޝަނަށް ލިބެ އެވެ.
އެ ކުއްޖާ ދައުލަތުގެ ބެލުމުގެ ދަށަށް ގެންދިއުމުން ސޯޝަލް މީޑިއާގައި އެކަމާ ސުވާލު އުފައްދައި، ކަންބޮޑުވުން ފާޅުކުރީ ކުއްޖާގެ މަންމަ އެވެ. އުމުރުން 25 އަހަރުގެ މަންމަ ބުނެފައި ވަނީ އޭނާގެ ނަފްސާނީ މައްސަލައެއް ހުންނާތީ އަދި އަތުގެ ނުކުޅެދުންތެރިކަމެއް ހުރުން ސަބަބަކަށް ދައްކައި، ދަރިފުޅު ދައުލަތުގެ ބެލުމުގެ ދަށަށް ގެންދިޔައީ ކަމަށެވެ. ކުއްޖާ ގެންދިޔައީ ވިހޭތާ ތިން ވަނައަށްވީ ދުވަހު އޭނާގެ ނުރުހުމުގައި ކަމަށް ވެސް ބުނެފައިވެ އެވެ.
މި މައްސަލަ ސޯޝަލް މީޑިއާގައި ވައިރަލްވެ، އެ ކުއްޖާ ދައުލަތުގެ ބެލުމުގެ ދަށަށް ނަގަން ޖެހުނު ސަަބަބާ މެދު ގިނަ ބަޔަކު ސުވާލު އުފެއްދި އެވެ. މި މައްސަލައާ ގުޅިގެން މަންމަ އާއްމުކުރި ވާހަކައަަކަށް ބަލައި، ފެމިލީ މިނިސްޓްރީން މިކަމުގައި އަމަލުކުރި ގޮތާ މެދު ވަނީ ފާޑުކިއުން އަމާޒުވެފަ އެވެ.
އެކަމަކު މިނިސްޓްރީން ބުނެފައި ވަނީ ކުއްޖާ ދައުލަތަށް ނެގުމުގައި އަމަލުކޮށްފައި ވާނީ ގާނޫނާ އެއްގޮތަށް ކަމަށާއި ކުއްޖަކު އެގޮތަށް ނަގާނީ އާއިލާ އިން ރައްކާތެރިކަން ކަށަވަރު ނުވާ ހާލަތުގައި އެކަނި ކަމަށެވެ.
މިނިސްޓްރީން ބުނެފައި ވަނީ ކުއްޖާ އަށް ބޭނުންވާ ރައްކާތެރިކަން ދައުލަތުން ފޯރުކޮށްދިނުމަކީ ދައުލަތުގެ ޒިންމާއެއް ކަމަށާއި ރާއްޖޭގެ ގާނޫނުއަސާސީގެ 35 ވަނަ މާއްދާގައި، އާއިލާގެ ފަރާތުންނާއި ޖަމާއާތުގެ ފަރާތުންނާއި ދައުލަތުގެ ފަރާތުން، ހާއްސަ އެހީތެރިކަމާއި ހާއްސަ ރައްކާތެރިކަން ލިބުމަކީ ކުޑަކުދިންނާއި ޅަފުރައިގެ ކުދިންނަށް ލިބިފައިވާ ހައްގެއް ކަމަށެވެ.
އެ ކުއްޖާ ދައުލަތަށް ނެގި ސަބަބުތައް ބަޔާންކޮށް ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަނުން ސާވިސް އިން އާއިލާ އަށް ވަނީ ސިޓީއެއް ފޮނުވައިފަ އެވެ. އެ ސިޓީގައިވާ ގޮތުން، ކުއްޖާ ގެންދިޔައީ ރައްކާތެރިކަމާ ގުޅޭ ގޮތުން ކަންބޮޑުވުންތަކެއް ހުރި ކަމަށް އެ އިދާރާއަށް ހުށަހަޅާފައި ވާތީ އެވެ.