ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ދެނެގަތުމަށް އެ ކުދިންގެ ހިޔާލާއި މަޝްވަރާ ހޯދުމަށް ހާއްސަ ބައްދަލުވުމެއް އާއިލީ ކަންކަމާ ބެހޭ މިނިސްޓްރީން ބާއްވައިފި އެވެ.
އެ މިނިސްޓްރީން އިސްނަގައިގެން ބޭއްވި އެ ބައްދަލުވުމަކީ ކުދިންގެ ހައްގުތައް ކަށަވަރުކުރުމަށާއި އެ ކުދިންގެ ރައްކާތެރިކަމާއި ޒިންމާތަކާ ގުޅޭގޮތުން ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގައި ކުދިންގެ އަޑު އަހައި އެ ކުދިންގެ ބައިވެރިވުން އިތުރުކުރުމުގެ މަގްސަދުގައި ބޭއްވި ބައްދަލުވުމެއް ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ އެ ބައްދަލުވުން ކުރިއަށް ގެންގޮސްފައި ވަނީ ކުދިންނަށް މިނިވަންކަމާ އެކު ހިޔާލުފާޅުކުރެވޭނެ ފަދަ، ކުޑަކުދިންނަށް ރައްކާތެރި މާހައުލެއްގައި ކަމަށެވެ.
އެ މަޝްވަރާ ބައްދަލުވުމުގައި މާލޭގެ ސްކޫލުތަކުގެ އިތުރުން ރަށްރަށުގެ އެކި ސްކޫލުތަކުން ދަރިވަރުން ބައިވެރިވި އެވެ. ގާނޫނުގައި ހިމެނޭ އެކި މާއްދާތަކާ ގުޅޭގޮތުންނާއި ކުދިންނަށް ދިމާވާ އެކި ގޮންޖެހުންތަކާއި ކުދިންގެ ރައްކާތެރިކަމާއި ޒިންމާތައް އިތުރަށް ހަރުދަނާކުރުމަށް އެ ކުދިން ދެކޭގޮތް އެ ބައްދަލުވުމުގައި ހިއްސާކޮށްފައިވާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެެ.
މިނިސްޓްރީން ބުނި ގޮތުގައި އެފަދަ ބައްދަލުވުން ބޭއްވުމުގެ މައިގަނޑު މަގްސަދަކީ ކުޑަކުދިންނާ ގުޅޭ ސިޔާސަތުތަކާއި ގާނޫނުތައް އެކުލަވާލުމުގައި އެ ކުދިންގެ ވިސްނުމާއި ހިޔާލުތަކަށް އިސްކަންދީ ކުދިންގެ އެންމެ މަތީ މަސްލަހަތު ހިމާޔަތްކުރުމެވެ. އެ ބައްދަލުވުމުގައި ލިބުނު މައުލޫމާތާއި ހިޔާލުތަކަށް ބިނާކޮށް ގާނޫނު އިސްލާހުކުރުމުގެ މަސައްކަތް އިތުރަށް ފުރިހަމަވާނެ ކަމަށް ވެސް ބުންޏެވެ.