މީގެ ދެތިން ދުވަހެއް ކުރިން ޒުވާން މަންމައަކު ޓިކްޓޮކަށް ދޫކޮށްލީ އަސަރުގަދަ ވާހަކައެކެވެ؛ ވިހޭ ތަނުން އޭނާގެ ދަރިފުޅު ދައުލަތުގެ ބެލުމުގެ ދަށަށް ނެގީ އެވެ. ކުއްޖާއާ އެކު ހޭދަކޮށްލަން ދެތިން ދުވަސް އެ ޒުވާން މަންމައަށް ނުލިބުނުއިރު ކުއްޖާއަށް ނަން ކިޔައި އެ އުފަލުގައި ބައިވެރިވުމުގެ ފުރުސަތު ވެސް އޭނާއަށް ރަނގަޅަށް ނުލިބުނެވެ. ފޫޅު ނުވެއްޓެނީސް އެ ތުއްތު ކުއްޖާ މަންމައާ ވަކިކުރުމުގެ ހިތްދަތިކަން އޭނާ ބަންޑުންކޮށްލި އެވެ.
މި މައްސަލަ ސޯޝަލްމީޑިއާގައި ވައިރަލްވެ، އެ ކުއްޖާ ދައުލަތުގެ ބެލުމުގެ ދަށަށް ނަގަން ޖެހުނު ސަަބަބާ މެދު އަންނަނީ ސުވާލު އުފައްދަމުންނެވެ. މި މައްސަލައާ ގުޅިގެން މަންމަ އާއްމުކުރި ވާހަކައަަކަށް ބަލައި، ޖެންޑާ މިނިސްޓްރީން މިކަމުގައި އަމަލުކުރި ގޮތާ މެދު ވަނީ ފާޑުކިއުން އަމާޒުވެފަ އެވެ.
ދައުލަތަށް އެ ތުއްތު ކުއްޖާ ނަގަން މެދުވެރިވި ގޮތާ ގުޅޭ ގޮތުން މިނިސްޓްރީން ރަސްމީކޮށް އަދި ވާހަކައެއް ނުދައްކަ އެވެ.
އެކަމަކު، އެގޮތަށް އަމަލުކުރަން ޖެހުނު ސަބަބާ ގުޅޭ ގޮތުން ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަނުން އާއިލާ އަށް ވަނީ ސިޓީއެއް ފޮނުވައިފަ އެވެ. އެ ސިޓީގައިވާ ގޮތުން، ކުއްޖާ ގެންދިޔައީ ރައްކާތެރިކަމާ ގުޅޭ ގޮތުން ކަންބޮޑުވުންތަކެއް ހުރި ކަމަށް އެ އިދާރާއަށް ހުށަހަޅާފައިވާތީ އެވެ.
ކައިވެނިން ބޭރުގައި ލިބުނު އެ ކުއްޖާގެ މަންމަ ދިރިއުޅޭ މާހައުލާއި ނަފްސާނީ ހާލަތާއި އަތުގެ ނުކުޅެދުންތެރިކަމާއި އާއިލާ އިން ވެސް އަޅާލާނެ ބަޔަކު ނެތުމަކީ ދައުލަތަށް ކުއްޖާ ނަގަން ޖެހުނު ސަބަބުތައް ކަމަށް އެ ސިޓީގައިވެ އެވެ.
އުތުރުގެ ރަށަކަށް ނިސްބަތްވާ 25 އަހަރުގެ އެ ޒުވާނާ "މިހާރު" އަށް ކިޔައިދިން ގޮތުގައި މިމަހުގެ 5 ވަނަ ދުވަހު އިމަޖަންސީގައި ސިޒޭރިއަން ހަދައިގެން ނެގި ދަރިފުޅުގެ ހާލު ބޮޑުވެ، އެންއައިސީޔޫގައި ވެސް ފަރުވާދިނެވެ. އެކަމަކު ކުއްޖާ ރަނގަޅު ވެއްޖެ ކަމަށް ބުނެ ހަތް ވަނަ ދުވަހު އެތަނުން ދޫކޮށްލި ގޮތަށް ދައުލަތުގެ ބެލުމުގެ ދަށަށް ކުއްޖާ ނަގައި ރޭގަނޑު ފްލައިޓުގައި އެ ކުއްޖާ ވަނީ މާލެ ގެނެސްފަ އެވެ.
"ބަނޑަށް ކުއްޖާ ޕުއްޕުލީމަ އެ ކުއްޖާ އިމަޖަންސީގައި ސިޒޭރިއަން ހަދައިގެން ނަގަން ޖެހުނީ. އެހާ ވޭނުގައި ލިބުނު ދަރިފުޅު އެ ވަކިކޮށްލީ،" މަންމަ ބުންޏެވެ.
އޭނާ ބުނި ގޮތުގައި ކުއްޖާ ގެންދިޔައީ ނުރުހުމުގަ އެވެ. އެންމެ ފަހު ވަގުތު ކުއްޖާ އުރާލަން ވެސް އޭނާގެ އަތަށް ނުދީ ގެންދިޔައީ ފޮރުވައިގެން ކަމަށް ތުހުމަތުކުރި އެވެ.
"އަޅުގަނޑާ ހަވާލުވެ ހުރި ކޭސް ވޯކާ ބުނީ ނުރުހުމުގައި ނުގެންދާނެއޭ. ދެން ގެންދަންޏާ ކުއްޖާއާ އެކީގައި ގެންދާށޭ ބުނީމަ ބުނީ އަޅުގަނޑު ގެންދަން ޖެހޭ ސަބަބެއް ނެތޭ. ބޭބީއޭ ގެންދާނީ. އެކަމަށް އަޅުގަނޑު ދެކޮޅު ހެދީމަ ވެސް އެ މީހުން ދިޔައީ ކުއްޖާ ގޮވައިގެން،" ކަން ހިނގާދިޔަ ގޮތް ކިޔައިދެމުން އޭނާ ބުންޏެވެެ.
އޭނާ ބުނި ގޮތުގައި ސިޒޭރިއަންގެ ވޭނުގައި ވެސް ކުއްޖާ ނުގެންދިއުމަށް އެދި އާދޭސްކޮށް އެމީހުންގެ ފަހަތުން ދިޔަ އެވެ.
"އަޅުގަނޑަށް ފުރުސަތު ދޭން ރޮއެ ރޮއެ އޮއްވާ ހޮސްޕިޓަލަށް އައިސް ދަރިފުޅު ގެންދިޔައިރު އަޅުގަނޑަށް ރަނގަޅަށް ނުވެސް ހިނގޭ. ސިޒޭރިއަން ހަދައިން އަޅުގަނޑުގެ ބަނޑުގައި ވެސް އެހެން މީހުންގެ އަޅާ ވަރަށް ވޭން އަޅާނެ. އެކަމަކު ވެސް ތެދުވެވުނު ގޮތަކަށް ތެދުވެ ދެފައި ދަމަމުން ރޮމުން ފަހަތުން ދިޔައިން،" އޭނާ ބުންޏެވެެ.
ކޯޓު އަމުރެއް ނެތި ވަގުތީ ގޮތުން ކުއްޖާ ނަގައިގެން ގޮސްފައިވާއިރު ކުއްޖާގެ މަންމަ ބުނާ ގޮތުގައި ކުއްޖާ މިހާރު ވަނީ އެހެން އާއިލާއަކާ ހަވާލުކޮށްފައި ކަމަށް އެ މީހުން ވަނީ އޭނާގެ ކޮއްކޮއަކަށް މައުލޫމާތު ދީފަ އެވެ. ކުއްޖާ ދެން ނުލިބޭނެ ކަމަށާއި އެކަމަކު ކުއްޖާއާ ބައްދަލުކުރެވޭނެ ކަމަށް ބުނެފައިވާ ކަމަށް އޭނާ ބުންޏެވެ.
އެކަމަކު އެ ކުއްޖާ އެހެން އާއިލާއަކާ ހަވާލުކުރިކަން އަދި ކަށަވަރެއް ނުވެ އެވެ.
ކުއްޖާގެ ރައްކާތެރިކަމަށް އެޅި ފިޔަވަޅެއް ކަމަށް އާއިލާއަށް އެންގި
ހެލްތު މިނިސްޓްރީގެ ދަށުން މިހާރު ހިންގަމުން އަންނަ ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސް އިން އާއިލާއަށް ފޮނުވި ސިޓީގައިވާ ގޮތުން އޭރު ރަޖިސްޓްރީ ވެސް ކޮށްފައި ނުވާ އެ އަންހެން ކުއްޖާ ދައުލަތަށް ނެގީ އެ ކުއްޖާގެ ރައްކާތެރިކަމާ ގުޅިގެން ކަންބޮޑުވާ ކަންތައްތަކެއް ހުރި ކަމަށް އެ އިދާރާއަށް ހުށަހަޅާފައިވާތީ އެވެ.
އެ މައްސަލައާ ގުޅިގެން އެ ސާވިސް އިން އެއްކުރި މައުލޫމާތުގައިވާ ގޮތުން، ކުއްޖާގެ މަންމައަކީ ނަފްސާނީ ބައްޔެއް ކަމަށްވާ "މައިލްޑް މެންޓަލް ރިޓާޑޭޝަން އެންޑް ޑިޕްރެސިވް އެޕިސޯޑު" އަށް ޑައިގްނޯސްކޮށްފައިވާ މީހެކެވެ. އަމިއްލައަށް މަރުވުމުގެ ހިޔާލު އައުމާއި އަމިއްލަ ނަފްސަށް ގެއްލުން ދިނުމުގެ ގޮތުން މީގެ ކުރިން އަދި ބަލިވެއިނުމަށް ފަހު ވެސް މަސައްކަތްކޮށްފައިވާ ކަމަށް އާއިލާއަށް އެންގި އެންގުމުގައިވެ އެވެ.
އެ އެންގުމުގައި އެހެންވިޔަސް އެ އަންހެން މީހާ ބުނި ގޮތުގައި ބަލިވެ އިނދެ އެފަދަ އަމަލެއް ހިންގާފައެއް ނުވާނެ އެވެ. އެކަމަކު ކުއްޖާ ދައުލަތަށް ނަގާފާނެ ކަމުގެ ނުތަވަނަސްކަން ބަނޑުބޮޑުއިރު ވެސް ހިތުގައި އޮތް ކަމަށް އޭނާ ބުންޏެވެެ.
އާއިލާއަށް އެންގި އެންގުމުގައިވާ ގޮތުން އޭނާއަކީ އުފެދުމުގައި ޖިސްމާނީ ގޮތުން އަތުގެ ނުކުޅެދުންތެރިކަން ހުންނަ މީހަކަށްވުމާ އެކު ކަނާއަތުން އެއްވެސް މަސައްކަތް ނުކުރެވޭ މީހެކެވެ. އަދި ކުއްޖާ ނެގި ސަބަބުތަކުގެ ތެރޭގައި އޭނާއަކީ އެކަނި ގެއެއްގައި ދިރިއުޅެމުން އަންނަ މީހަކަށްވުމާއި އޭނާއަށް އެހީތެރިވެދޭނެ އެއްވެސް ފަރާތެއް އާއިލާގެ ތެރެއިން އަދި އާއިލާ އިން ބޭރުން ވެސް ނެތްކަން ފާހަގަކުރެވިފައިވާ ކަމަށް އެންގުމުގައިވެ އެވެ.
އަތުގައި ނުކުޅެދުންތެރިކަމެއް ހުރި ނަމަވެސް އޭނާ ބުނީ މީގެ ކުރިން މާލޭގައި ދިރިއުޅުނުއިރު ވެސް އޭނާ ވަނީ ގޭގޭގައި ކުޑަކުދިން ބަލަހައްޓާފައި ކަމަށެވެ. އެ ކުދިންނަށް ކާންދީ، ރީތިކޮށް ހަވީރު ހިނގާލުމަށް ވެސް ގެންދާ ކަމަށް އޭނާ ކިޔައިދިނެވެ.
"އަތުގައި ނުކުޅެދުންތެރިކަމެއް ހުރުމަކީ އަޅުގަނޑަށް އެ ކުއްޖާ ނުބެލެންޖެހޭ ސަބަބެއް ކަމަށް ނުދެކެން. އަތް ބަޅުވެފައި ހުއްޓަސް އަޅުގަނޑަށް އަތް ހަރަކާތް ކުރެވޭ. މީގެ ކުރިން ވެސް ބޭބީސިޓްކޮށް އުޅުނިން. ދެން އެކަނި ގެއެއްގައި އުޅެނީއޭ އަޅާލާނެ މީހަކު ނެތޭ އެ މީހުން ބުނަނީ. މިއަދު އަޅުގަނޑު އަލުން އެ މީހުންނަށް ގުޅީމަ ބުނީ ދިރިއުޅޭ ތަން ވެސް ހަޑީއޭ،" ސިޒޭރިއަނަަށް ފަހު އަދިވެސް ހޮސްޕިޓަލުގައި އޮތް އަންހެން މީހާ ބުންޏެވެ.
"އުޅޭ ތަނަށް މި މީހުން ދިޔަ ކަމަށް ވަނީ، އަޅުގަނޑު ބަނޑަށް އަށް މަހުން ފެށިގެން އަޅުގަނޑު އުޅުނީ ވަރަށް ބަލިވެ، އިމަޖަންސީގައި ވަރަށް ގިނައިން މި ހޮސްޕިޓަލަށް ވެސް އައިސް ފަރުވާ ހޯދަން ޖެހުނު. އެ ދަނޑިވަޅުގައި އެކަނި އުޅޭތަން ހަޑިވާނީ،"
އެފަދަ ސަބަބުތަކާ ހުރެ، ޗައިލްޑް ޕްރޮޓެކްޝަން ސާވިސްއަށް ލިބިފައިވާ މައުލޫމާތުތަކަށް ރިއާޔަތްކޮށް އޭނާގެ ޒިންމާގެ ދަށުގައި ކުއްޖާ ބެލެހެއްޓުމަކީ މިވަގުތު ކުއްޖާއާ މެދު އެންމެ ރައްކާތެރި އަދި ކުއްޖާގެ މަސްލަހަތަށް އެންމެ ރަނގަޅުގޮތް ނޫން ކަމަށް ގަބޫލުކުރެވޭ ކަމަށް އެ ސާވިސްގެ އެންގުމުގައިވެ އެވެ.
އެ ސާވިސް އިން އެގޮތަށް ބުނި ނަމަވެސް ކުއްޖާގެ މަންމަ ބުނާ ގޮތުގައި އަތުގައި އުނިކަމެއް ހުރުމަކީ ދަރިފުޅު ނުބެލެންޖެހޭ ސަބަބެއް ނޫނެވެ. އަދި މިހާތަނަށް އޭނާއަކީ ކުޑަކުއްޖަކަށް އަނިޔާއެއް ކޮށްފައިވާ މީހެއް ނޫން ކަމަށް ބުންޏެވެ.
ވިހައިގެން ހޮސްޕިޓަލުގެ ބެލުމުގެ ދަށުގައި އޮތް ކުއްޖަކު ދައުލަތުގެ ބެލުމުގެ ދަށަށް ނަގައިގެން ގެންދިޔައީ ކޮން ކަހަލަ އިމަޖަންސީއެއް ނުވަތަ ނުރައްކަލެއް އޮވެގެންތޯ އޭނާ ސުވާލު އުފައްދަ އެވެ.
އޭނާ ބުނީ ބަނޑުބޮޑުއިރު އޭނާގެ ހާލު ބަލަން އިދާރާތަކުން ނުދާ ކަމަށެވެ. އަދި އޭނާއަކީ އެހާ ނުރައްކާތެރި މީހެއް ނަމަ، އެ ދަނޑިވަޅުގައި ކުއްޖާގެ ހާލު ބަލަން ނުދިޔައީ ކީއްވެތޯ ސުވާލު އުފެއްދި އެވެ.
"އަޅުގަނޑު ބަނޑުބޮޑުއިރު އުޅުނު ހާލު ބަލާލަން ޖެންޑާއަކުން ނާދޭ. އަޅުގަނޑަކީ އެހާ ނުރައްކާ މީހެއް ނަމަ މާބަނޑު ދުވަސްވަރު ހާލު ބަލާލަން ނައީ ކީއްވެގެން؟ އަހަރެން ވިހާނެ ދުވަހެއްގެ އިންތިޒާރުގައި ފާރަޔަށް ތިބީ އެ ދަރިފުޅު އަތުލުމުގެ ބޭނުމުގައި،"
ކުއްޖަކު ދައުލަތަށް ނަގަންޖެހޭ ހިސާބަކީ ކޮބާ؟
އެ ކުއްޖާ ދައުލަތަށް ނެގުމާ އެކު އެ ޕޯސްޓަށް ކޮށްފައިވާ ކޮމަންޓުތަކުގައި ވެސް ގިނަ ބަޔަކު ސުވާލު އުފެއްދީ ދައުލަތަށް ކުއްޖަކު ނަގަން ޖެހޭ ހިސާބަކީ ކޮބައިތޯ އެވެ. އެ ކުއްޖާ ނަގަން ޖެހޭ ނަމަ، އެގޮތަށް ނަގަން ޖެހޭ ގިނަ ކުދިންތަކެއް އެބަ ތިބި ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.
ނަފްސާނީ ބައްޔަކީ ރާއްޖޭގެ ގިނަ ބަޔަކު ތަހައްމަލުކުރަމުން އަންނަ ބައެއް ކަމަށް ސިއްހީ އިދާރާތަކުގެ ތަފާސްހިސާބުން ސާފުވާއިރު އެ ފަދަ އެތައް ބަޔަކު ވެސް އެމީހުންގެ ދަރިން ރަނގަޅަށް ބަލައި ބޮޑުކުރަމުން އަންނަ ކަމަށް ބައެއް މީހުން ހިޔާލުފާޅުކުރި އެވެ. އެހެންކަމަށްވާ ނަމަ، މީހެއްގެ ހުރި ނަފްސާނީ ބައްޔަކީ އޭނާގެ ދަރިފުޅު ދައުލަތުގެ ބެލުމުގެ ދަށަށް ނެގުމަށް ދައްކާ އުޒުރަކަށް ވެއްޖެނަމަ، އެއީ އެންމެ އިންސާފުވެރި ގޮތްތޯ ވެސް ސުވާލު އުފެއްދި އެވެ.
އަނެއް ބަޔަކު ނުރުހުން ފާޅުކޮށް ބުނެފައި ވަނީ ސްކޫލަށް ކުދިން ނުފޮނުވައި އެކުދިން އުޅޭ ނޫޅޭ ގޮތް ބަލައި ނުލާ އުޅޭ އެތައް ބެލެނިވެރިންނެއް އެބަ ތިބި ކަމަށާއި އެކުދިންގެ ހައްގު ރައްކާތެރިކުރުމަށް ދައުލަތުގެ ބެލުމުގެ ދަށަށް ނުނަގަނީ ކީއްވެތޯ އެވެ.
"ވިހޭތާ 3 ވަނަ ދުވަހު، ފޫޅުވެސް ނުވެއްޓެނީސް ޖެންޑާ އިން މި ކުއްޖާ އަތުލައިފި އެވެ. މި މުޖުތަމައުގައި ދަރިން މަގުމައްޗަށް އުކާލާ އަންހެނުންނާއި، ފާޅުގައި ދަރިން ގޮވައިގެން ހުތުރު ބަހުން ވާހަކަ ދައްކާ މީހުން އުޅޭއިރު އެމީހުންގެ ދަރިން އަތެއް ނުލާ. ދަރިން ގޮވައިން ތިބެ ލައިވް ވެގެން 24 ގަޑިއިރު ބޭއަދަބީ ވާހަކަ ދައްކާ ކިތައް ކިތައް އަންހެނުން އެބަތިބި ހެއްޔެވެ؟،" އެކަކު ލިއެފައިވެ އެވެ.
އެ މައްސަލާގައި ގިނަ ބައެއްގެ މެދުގައި ދެބަސްވުން އުފެދިފައިވާއިރު ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ 16 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގައި ކުއްޖާގެ މަސްލަހަތަށް ރިއާޔަތްކުރާއިރު ކުއްޖާގެ މަސްލަހަތަށް އެންމެ ފައިދާހުރި ގޮތަކީ، ގާނޫނުގައިވާ ގޮތުގެމަތިން އޭނާގެ މައިންބަފައިންނާ ވަކިކުރުން ކަމުގައިވާ ހާލަތުގައި މެނުވީ، ކުއްޖާގެ އަދި ކުއްޖާގެ މައިންބަފައިންގެ ނުރުހުމުގައި ކުއްޖާގެ މައިންބަފައިންގެ ކިބައިން އޭނާ ވަކިކޮށްގެންނުވާނެ އެވެ.
އެ ގާނޫނުގެ 18 ވަނަ މާއްދާގައި ވެސް ބަޔާންކުރަނީ ކުއްޖާގެ މަސްލަހަތަށް އެންމެ ފައިދާހުރި ގޮތް ކަމުގައިވާ ހާލަތުގައި މެނުވީ، ކުއްޖެއްގެ މައިންބަފައިންގެ ކިބައިގައި ނުކުޅެދުންތެރިކަމެއް ހުރުމަކީވެސް އެކުއްޖެއްގެ މައިންބަފައިންނާ އެކުއްޖާ ވަކިކުރުމަށް ސައްހަ ސަބަބެއް ނޫން ކަމަށެވެ.
"އަޅުގަނޑު މިހެން އޮވެ މޮޔަވެދާނެ. އަޅުގަނޑުގެ ނަފްސަށް ލިބޭ ގެއްލުމުގެ ޒިންމާ ޖެންޑާ އިން ނަގާނަން ހެއްޔެވެ؟ އެއް ބަޔަކު އަނެއް ބަޔަކު ކުށްވެރިކޮށް ބަޔާން ނެރެން ތިބޭ." ނުރުހުން ފާޅުކޮށް އޭނާ ބުނެފައިވެ އެވެ.
ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުދިން ފޮސްޓާކުރުމާ ބެހޭ ގަވާއިދުގައިވާ ގޮތުން ކުއްޖާ ވަގުތީ ގޮތުން އެހެން ފަރާތަކާ ހަވާލުކުރާ ހާލަތުގައި، އާއިލާގެ ފަރާތުން ކުއްޖާއާ ހަވާލުވާނޭ އެއްވެސް ފަރާތެއް ނެތް ހާލަތުގައި ނުވަތަ ކުއްޖާ ބެލެހެއްޓުން ކުއްޖާގެ އާއިލާގެ ފަރާތަކާ ހަވާލުކޮށްފިނަމަ، ކުއްޖާގެ މަސްލަހަތަށް އުނިކަމެއް އަތުވެދާނެކަމަށް އެކަށީގެންވާ ސަބަބުތަކެއްގެ މައްޗަށް ބިނާކޮށް ގަބޫލުކުރެވޭނަމަ، ކުއްޖާގެ އާއިލާގެ ފަރާތަކާ ކުއްޖާ ބެލެހެއްޓުން ހަވާލުކުރުމުގެ ބަދަލުގައި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ 99 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް ވަގުތީގޮތުން ކުއްޖާ ފޮސްޓާ ކުރެވިދާނެ އެވެ.
އެ މާއްދާގައި ބަޔާންކުރަނީ ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ ކުއްޖަކީ، އެ ކުއްޖާގެ މައިންބަފައިންނާ އެކުއްޖާ ބެލުން އަލުން ހަވާލުކުރެވެން ނެތް ކުއްޖެއް ކަމަށް ނުވަތަ އެކުއްޖާގެ އާއިލާގެ އެހެން ފަރާތަކާ ބެލުން ހަވާލުކުރެވެން ނެތް ކުއްޖެއް ކަމަށް ދައުލަތަށް ފެނިއްޖެ ނަމަ، އެ ކުއްޖަކު ފޮސްޓަކުރުމަށް އެހެން ފަރާތަކާ ހަވާލުކުރުމަށް ކޯޓަށް ހުށަހެޅުމުގެ އިހްތިޔާރު ދައުލަތަށް ލިބިގެންވާ ކަމަށެވެ.
ވަގުތީގޮތުން ކުއްޖަކު ފޮސްޓަކުރުމަށް ނިންމަންޖެހެނީ ފޮސްޓަ ޕެނަލަށް ހުށަހެޅުމަކާ ނުލައި ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސްގެ އިސްވެރިޔާ އާއި ކޭސް މެނޭޖްމަންޓުގެ 2 ސުޕަވައިޒަރުންގެ ލަފާގެ މަތީންނެވެ.
ކުއްޖަކު ވަގުތީގޮތުން ފޮސްޓަރކުރާއިރު، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ 99 ވަނަ މާއްދާގައިވާ ގޮތުން އެއްވެސް ކުއްޖަކު ފޮސްޓަ ކުރުމަށް އެހެން ފަރާތަކާ ހަވާލުކުރަންވާނީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ބަޔާންކޮށްފައިވެ އެވެ. އެހެންވެ އެގޮތުގެ މަތީން ކުއްޖާ ފޮސްޓަކޮށްދޭ ފަރާތާ ހަވާލުކުރުމަށް، ކަމާބެހޭ ކޯޓު އަމުރެއް ހޯދުމަށް، ކޯޓަށް ހުށަހަޅަންޖެހެ އެވެ.
ކޯޓު އަމުރެއް ހޯދުމުގެ މަރުހަލާގެ ތެރެއިން ކުއްޖާ ފޮސްޓަކުރުމާމެދު އުފަން މައިންބަފައިންގެ ބަހާއި، މައިންބަފައިންނާ ހަވާލުކުރެވެން ނެތް ސަބަބުތައް ބަޔާން ކުރަންޖެހެ އެވެ. އެކަމަކު މި ކޭސްގައި މިހާތަނަށް ކޯޓު މެދުވެރިކޮށް ކުއްޖާގެ މަންމަގެ ބަސް އަދި ނުނަގަ އެވެ.
ކުދިން ފޮސްޓަކުރުމުގެ މަރުހަލާތައް:
- ފުރަތަމަ މަރުހަލާ: އެސެސްމަންޓް ހެދުމާއި، ކުއްޖާގެ މަސްލަހަތަށް އެންމެ ރަނގަޅު ގޮތް ނިންމުން.
- ދެވަނަ މަރުހަލާ: ފޮސްޓަކުރުމަށް ކުއްޖާ އާއި ފޮސްޓަކޮށްދޭ ފަރާތް ތައްޔާރުކުރުން.
- ތިންވަނަ މަރުހަލާ: ކުއްޖާއާއެކު ގުޅުން ބަދަހިކުރުމާއި ކުއްޖާ ހަވާލުކުރުން.
- ހަތަރުވަނަ މަރުހަލާ: ފޮސްޓަ ކުރުމަށްފަހު ދޭންޖެހޭ އެހީތެރިކަން ދިނުމާއި މޮނިޓާކުރުން.
ފޮސްޓާކުރުމަށް ކޯޓަށް ހުށަހެޅުމެއް ހުށަހަޅައިފި ނަމަ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގައިވާ ގޮތުން އެ ހުށަހެޅުމެއް ލިބޭތާ 60 ދުވަސް ތެރޭގައި އެ އަޑުއެހުމެއް ބާއްވައި، އެ ހުށަހެޅުމަކާ މެދު ގޮތެއް ނިންމަން ޖެހެ އެވެ.
މި މައްސަލާގައި ގިނަ ބައެއްގެ ކަންބޮޑުވުމަކީ، ކުއްޖާ ބަލަން މަންމައަށް ފުރުސަތު ނުދީ އޭނާ އިހުމާލުވި ކަމަށް ނިންމުމެވެ. އަދި މަންމައަކު ދަރިއަކު ބަލަން ބޭނުންވެފައި ހުއްޓާ އެގޮތަށް ކަންކަން ކުރުމަކީ އެންމެ އިންސާފުވެރި ގޮތްތޯ ދައުލަތުން ސާފުކޮށްދިނުމަށް އަންނަނީ އެދެމުންނެވެ.