ފިލާ ކުދިންގެ އެހެން ވާހަކަތަކެއް!

ކުޑަކުއްޖަކު ވީ ތަނެއް ނޭނގިގެން ހޯދަން އިއުލާން ކުރުން މިހާރު ވަނީ އާންމުވެފަ އެވެ. ސަބަބުތައް ވެސް ގިނަ އެވެ. އެފަދަ ބައެއް ކުދިންގެ ބެކްރައުންޑަށް ބަލާއިރު ގޭތެރެއިން ތަފާތު އަނިޔާތައް ތަހައްމަލް ކުރަން ޖެހިފައި ހުރުން ހިމެނެ އެވެ. އެހެންވެ ދިމާވެފައިވާ އަހުލާގީ ގިނަ މައްސަލަތަކެއް އޭގެ ތެރޭގައި ހިމެނެ އެވެ. އެފަދަ ކުދިންގެ އެތައް މައްސަލަތަކެއް އެ ކުދިންގެ ފަރާތުން ފާހަގަ ވެ އެވެ.


"އެކަހަލަ ކުދިންނަށް ދިމާވާ ނަފްސާނީ މައްސަލަތަކުގެ ތެރޭގައި އިތުބާރު ނުކުރުމާއި ޖިންސީ ނަހަމަ ގުޅުންތައް ހިންގުމާއި އެންޒައިޓީ އަދި ރުޅިގަދަ ވުމާއި އަމިއްލަ ނަފްސަށް ގެއްލުން ދިނުމުގެ ކަންކަން ހިމެނޭ. އަދި އެފަދަ ކުދިން ޑިޕްރެޝަނަށް ވެސް ދޭ. އެހެންވެ ފިލުން ކަހަލަ ޑިސިޝަންތައް މި ނަގަނީ،" ފިލައިގެން ދިޔަ އަންހެން ކުއްޖަކަށް ކައުންސެލިން ދިން ކައުންސެލަރަކު، ނަން ނުޖަހާ ގޮތަށް ވިދާޅުވި އެވެ.

ކުދިން ފިލުން އާންމުވެއްޖެ!

ފުލުހުންގެ ތަފާސްހިސާބްތަކަށް ބަލާއިރު މަހެއްގެ މައްޗަށް ހައެއްކަ ކުދިން "ގެއްލިގެން" ފުލުހުންނަށް ހުށައަޅަ އެވެ. އާންމުކޮށް ފިލަނީ 13-17 އަހަރާ ދެމެދު އުމުރުގެ ކުދިން ކަމަށް ފުލުހުން ބުނެ އެވެ. އޭގެ ތެރޭގައި ތަކުރާރުކޮށް ފިލާ ކުދިން ވެސް ހިމެނެ އެވެ. ބައެއް ކުދިން ގެއްލުންކަން އިއުލާން ކުރުމާ އެކު އަމިއްލަ އަށް އެނބުރި ގެއަށް ދެ އެވެ. އަނެއްބައި ކުދިން ހޯދަން ޖެހެނީ އެތައް މަސައްކަތަކުން ކަމަށް ފުލުހުން ބުނެ އެވެ.

އެފަދަ ކުދިން ހޯދައިގެން އާއިލާތަކާ ހަވާލުކުރުމުގެ ކުރިން ކައުންސިލިން ދިނުމުގެ އިތުރުން މައިންބަފައިންގެ އިހުމާލެއް ފެނިއްޖެ ނަމަ އެ މީހުންނާ ދޭތެރޭ ފިޔަވަޅު އަޅަމުން އަންނަ ކަމަށް ވެސް ފުލުހުން ބުނެ އެވެ.

ކުދިން ފިލުމުގެ މައްސަލަތަކާ ބެހޭ ގޮތުން ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓްގެ ހެޑް، ސްޕެރިންޓެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރު ދެއްކެވި ސަބަބުތަކުގެ ތެރޭގައި ގޭތެރެއިން ހިތްހަމަނުޖެހޭ ކަންކަން ދިމާވުމާއި ނަފްސާނީ އަދި ޖިސްމާނީ އަނިޔާތައް ލިބުން ހިމެނެ އެވެ.

އޭގެ އިތުރުން ގޭތެރޭގެ މާހައުލުގެ އުސޫލްތަކަށް ތަބާނުވެ އަމިއްލަ މިނިވަން ކަމުގައި އުޅުމުގެ ވިސްނުމުގައި ވެސް ބައެއް ކުދިން ފިލާ ކަމަށް އޭނާ ވިދާޅުވި އެވެ.

ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓްގެ ހެޑް، ސުޕްރިންޓެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރު-- މިހާރު ފޮޓޯ

އެހީތެރިންނަށް ލޯބިވެރިންނާއި ގުރޫޕުތައް

ފިލައިގެން އުޅޭ ގިނަ ކުދިން ފެންނަނީ ގެސްޓް ހައުސްތަކުން، ނުވަތަ މަގުމަތިންނެވެ. ފުލުހުން ބުނާ ގޮތުގައި އެފަދަ ކުދިން ފިލަން ލޯބިވެރިންގެ އިތުރުން ކުށުގެ ވެށީގައި ހަރަކާތްތެރިވާ ގްރޫޕްތަކުގެ ދައުރު ވެސް، ބައެއް ކޭސްތަކުގައި ފާހަގަވެފައިވެ އެވެ.

"ސާދަ އަހަރު، 17 އަހަރުގެ ކުދިން އެ ކުދިން ލޯބީގެ ގޮތުން ގުޅިގެން އުޅޭ މީހުންނާ އެކިއެކި ބައްދަލުވުންތައް ބާއްވަން، ނުވަތަ އެ މީހުންނާ އެކު ތަންތަނަށް ދިއުމަށް އެބަހުރި ފިލާފައި. އެހެން ގޮސް އާއިލާ އަށް ނޭނގި އެކި ތަންތަނުގައި އުޅުމަށް ފަހު އެބަހުރި އެނބުރި [ގެއަށް] އައިސްފައި،" ބަޝީރު ވިދާޅުވި އެވެ.

ސިއްހީ ދުޅަހެޔޮކަމާ މެދު ޔޫއެންޑީޕީން 2013 ގައި ހެދި ދިރާސާއަކުން އެނގޭ ގޮތުގައި އެ ދިރާސާގައި ބައިވެރިކުރި ދިވެހި ކުދިންގެ ތެރެއިން އުމުރުން 15 އަހަރާއި 17 އަހަރާ ދެމެދުގެ 85 ޕަސެންޓް ކުދިން އަމިއްލަ ރުހުމުގައި ޖިންސީ ގުޅުން ހިންގަ އެވެ. އަދި އުމުރުން 15 އަހަރުން ދަށުގެ ކުދިންގެ އެ ނިސްބަތް އުޅެނީ 65 ޕަސެންޓްގަ އެވެ.

"އަންހެން ކުދިން ފެންނަނީ ގިނައިން އެ މީހުން ރައްޓެހިވެގެން އުޅޭ ކުދިންނާ އެކު، އެ މީހުންގެ އެހީތެރިކަމާ އެކު އުޅެނިކޮށް. ފިރިހެން ކުދިން ފެނިފައި އެބަހުރި ގޭންގުތަކަށް ނިސްބަތްވެ ގުރޫޕުތަކާ އެކު އުޅެނިކޮށް،" ބަޝީރު ވިދާޅުވި އެވެ.

މައްސަލަ ހައްލުކުރަން ދަސްކޮށްދޭން ޖެހޭ

ފިލައިގެންދާ ގިނަ ކުދިން ނިސްބަތް ވަނީ ގިނަ މައްސަލަތަކެއްގެ ތެރޭގައި އުޅޭ އާއިލާތަކަށެވެ. މައިންބަފައިން ވަރިވެފައި ތިބުމާއި އާއިލާގެ ތެރޭގައި އެކި ކަހަލަ ގޯނާތަކުގެ ޝިކާރައަށް ވެފައިވާ ކުދިން މީގެ ތެރޭގައި ހިމެނެ އެވެ. އެހެންވެ މިނިވަންކަމުގައި އުޅުމުގެ މަގުސަދުގައި ގެއިން ފިލައިގެންދާ ކުދިންގެ އިތުރުން ބޮޑެތި މައްސަލަތަކެއް ކުރިމަތިވެފައިވާ އެހެނިހެން ކުދިން ވެސް ހިމެނެ އެވެ.

އެފަދަ ކުދިންގެ ނަފްސާނީ މައްސަލަތަކަށް ކައުންސެލިން ދެއްވާ ފާތުމަތު ނަހުލާ ވިދާޅުވި ގޮތުގައި އުމުރުން ހަގު ކުދިން ފިލުން ފަދަ މައްސަލަތައް ފާހަގަވަމުން ދަނީ ވާހަކަ ދައްކައިގެން ކަންކަން ހައްލުކުރަން ކުދިންނަށް ދަސްކޮށްދީފައި ނުވާތީ އެވެ.

"ހައްލަކީ ތިމާ އަށް ފެންނަ ގޮތް ކަމަށް ދެކޭތީ އެެހެން އެވަނީ. އަދި އޯޕަންކޮށް ވާހަކަ ދައްކާނެ މާހައުލެއް ވެސް، ގުޅުންތައް ވެސް ގޭތެރޭގައި ނޯންނާތީ އެހެން އެ ދިމާވަނީ،" ނަހުލާ ވިދާޅުވި އެވެ.

ނަހުލާގެ އެ ވާހަކަ އަށް ފުލުހުން ވެސް އެއްބަސްވެ އެވެ. ބަޝީރު ވިިދާޅުވި ގޮތުގައި ދިމާވާ މައްސަލަތަކަށް ހައްލު ހޯދަން އުޅުމުގެ ބަދަލުގައި ކުއްޖާ އަމިއްލަ ކަންކަން ނިންމަ އެވެ. އެކަމަކު ރަނގަޅު ގޮތަކީ އަމިއްލަ އަށް މައްސަލައެއް ހައްލު ނުވެއްޖެ ނަމަ މުއައްސަސާތަކުގެ ބޭނުން ހިފުން ކަމަށް އޭނާ ވިދާޅުވި އެވެ.

ބަޝީރު ވިދާޅުވީ އާއިލާތަކުގެ ގުޅުން ބަދަހިކުރުމާއި އުޅެން ޖެހޭ ހެޔޮ މަގު ތައުލީމީ ނިޒާމުގެ ތެރެއިން މިހާރަށް ވުރެ ބޮޑަށް ބުނެދޭން ޖެހޭ ކަމަށެވެ.

"ދީނީ ނަޒަރަކުން ދީނުގައި ހުރި ކަންކަން ބުނެދޭން ޖެހޭ. ހަމައެއާ އެކު ހެލްތީ ރިލޭޝަންޝިޕެއްގައި ކުރެވޭނެ ކަންކަމާއި ނުކުރެވޭނެ ކަންކަމާއި، ގޯސްކޮށް ކަމެއް ކުރެވިއްޖެ ނަމަ މުސްތަގުބަލުގައި ދިމާވެދާނެ ކަންކަން އެބަ ޖެހޭ އެޑިއުކޭޝަން ސިސްޓަމްގެ ތެރެއިން ވެސް ކިޔައިދޭން،" ބަޝީރު ވިދާޅުވި އެވެ.

ފުލުހުންނާއި ކުޑަކުދިންގެ މައްސަލަތައް ކައިރިން ބަލަމުން އަންނަ އިލްމީ ފަރާތްތަކުން ބުނާ ގޮތުގައި ކުދިންނަށް އެކި އުމުރުތަކުގައި އަންނަ ބަދަލުތައް ދެނެގަނެ، ހޯދަން ޖެހޭ ހައްލުތަކަށް ކުރިއާލައި މަސައްކަތް ކުރަން ޖެހެ އެވެ. ގޭތެރޭގައި "ބަންދުކޮށްގެން" ގެންގުޅުމުގެ ބަދަލުގައި އާންމުންގެ ތެރެއަށް ކޮންމެވެސް ވަރަކަށް ކުދިން ނެރެ ހޭލުންތެރި ބަޔަކަށް ހަދަން ޖެހޭ ކަން ވެސް އެ މީހުން ފާހަގަކުރެ އެވެ.

"ކުދިން 24 ގަޑިއިރު ގޭގައި ބައިތިއްބައިގެން ގެންގުޅޭ ވިސްނުން އެބަ ޖެހޭ ބަދަލުކުރަން،" ބަޝީރު ވިދާޅުވި އެވެ.

"ބައެއް ކުދިން ފާހަގަކުރެވޭ އުމުރުން 13 ވަރަކަށް އަހަރަށް ދާއިރު ހަމައެކަނި ސްކޫލަށް ނޫން އިތުރު އެއްވެސް ތާކަށް ދާން ފުރުސަތު ނުލިބޭކަން،" ބަޝީރު ވިދާޅުވި އެވެ.

މީގެ އަހަރުތަކެއް ކުރިއަށް ޖެހިލާ ނަމަ ކުއްޖަކު ނުފެނިގެން ކުރާ އިއުލާނަކާ އެކު އާންމުން ކަންބޮޑުވެ އެވެ. މިހާރު އެފަދަ އިއުލާންތައް އާންމުކަމުން، އެއީ މާ ބޮޑު ކަމަކަށް ނުވެ އެވެ. އެކަމަކު ސީރިއަސް ވަނީ ފިލާ ބައެއް ކުދިންނަށް ކުރިމަތިވާ މައްސަލަތަކެވެ. އާއިލާއިންނާއި ކަމާ ބެހޭ ފަރާތްތަކުން ހައްލު ހޯދައިންދޭން ޖެހެނީ އެކަން ކަމަށެވެ.