ގާނޫނުގެ ބޭރުން އަނިޔާކޮށް، ތަންތަނަށް ގެއްލުން ނުދޭން އިލްތިމާސްކޮށްފި

ކުޑަކުދިންނަށް ކުރާ އަނިޔާއާ ދެކޮޅަށް ބާއްވާ ބައެއް އެއްވުންތަކުގައި މީހުންނަށް އަނިޔާކޮށް، މުދަލަށް ގެއްލުން ދޭތީ އެކަން ނުކުރުމަށް ފުލުހުން އިލްތިމާސްކޮށްފި އެވެ.


ގއ. ކަނޑުހުޅުދޫގައި އުމުރުން ދުވަސްވީ ދެ މީހަކު އެ މީހުންގެ ދެ އަހަރުގެ ކާފަދަރިފުޅު ރޭޕް ކުރި ކަމުގެ ތުހުމަތުގައި މިދިޔަ ހަފުތާގައި ހައްޔަރުކުރި ފަހުން، ކުޑަކުދިންނަށް ކުރާ އަނިޔާތަކާ ގުޅިގެން ރާއްޖޭގެ އެކި ހިސާބުތަކުގައި ގިނަ އެއްވުންތަކެއް ދަނީ ބާއްވަމުންނެވެ.

ފުލުސް އޮފީހުން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނީ ކުޑަކުދިންނަށް ޖިންސީ އަދި ޖިސްމާނީ އަނިޔާ ދިނުމާ ދެކޮޅަށް އަދި އެކަމާ ގުޅޭގޮތުން ކަމާ ބެހޭ ފަރާތްތައް ޒިންމާދާރުކުރުމަށް ބާއްވާ މިފަދަ އެއްވުންތަކަށް ފުލުހުން ހިތްވަރުދޭ ކަމަށެވެ. އެކަމަކު ފުލުހުން ބުނިގޮތުގައި، މި ފަދަ ބައެއް އެއްވުންތަކުގައި، ބައެއް މީހުން ގާނޫނާ ހިލާފު އަމަލުތައް ހިންގައި، ކުޑަކުދިންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ހައްގުތަކަށް އުނިިކަން ލިބި ބިރުވެރިކަން އުފެދޭ ގޮތަށް އަމަލު ކުރަމުންދެ އެވެ.

އެގޮތުން މީހުން ދިރިއުޅޭ ތަންތަނާއި ހޮސްޕިޓަލް ފަދަ ތަންތަނަށް އެއްވެ، އަޑުގަދަކޮށް ހަޅޭއްލަވައި، މުދަލާއި ތަކެއްޗަށް ގެއްލުންދީ، ގާނޫނީ ހަމަތަކުގެ ބޭރުން މީހުންނަށް އަނިޔާކުރުމުގެ މައްސަލަތައް ކުރިމަތިވަމުންދާ ކަމަށް ބުންޏެވެ.

ފުލުހުން ބުނި ގޮތުގައި މިއީ ހެޔޮ ނިޔަތުގައި ބާއްވާ އެއްވުންތަކެއް ނަމަވެސް، ބައެއް މީހުން ހިންގާ މިފަދަ އަމަލުތަކަކީ ހިޔާލުފާޅުކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަމުގެ ބޭރު އަދި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް އަޑުއުފުލުމުގެ މަގްސަދާ ވެސް ހިލާފު ކަމެކެވެ. އެހެންވެ، ގާނޫނީ ހަމަތަކުގެ ބޭރުން އެއްވެސް މީހަކަށް ގޯނާކޮށް ނުހެދުމަށް ފުލުހުން އިލްތިމާސް ކުރި އެވެ.

"ކޮންމެ މީހަކާ މެދު ވެސް ގާނޫނުގައިވާ ގޮތުގެ މަތިން އަމަލުކޮށް، އިންސާނީ ހައްގުތަކާއި ކަރާމާތް ރައްކާތެރިކުރުމަކީ ފުލުހުންގެ މަސްއޫލިއްޔަތެކެވެ. އެހެންވެ، މި ފަދަ ފުރުސަތުގެ ބޭނުން ނަހަމަގޮތުގައި ހިފައި، ރައްޔިތުންނާއި ދައުލަތުގެ މުދަލަށް ގެއްލުންދީ، އަނިޔާވެރިވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ވާހަކަ ދަންނަވަމެވެ." ފުލުހުންގެ ބަޔާނުގައި ބުންޏެވެ.

ފުލުހުން ބުނީ ފަސް ޖެހުމެއް ނެތި ރިޕޯޓު ކުރުމާއި މައުލޫމާތު ދިނުމުގެ ރޫހެއް މިހާރު އުފެދިފައިވާއިރު އެއީ އެފަދަ މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް މަގުފަހިވާނެ ކަމެއް ކަމަށެވެ. އަދި ކުޑަކުދިންގެ ހައްގުތައް ކަށަވަރުކޮށްދީ، އެ ކުދިންނަށް އަމާން ވެއްޓެއް ކަށަވަރުކުރުމުގައި ރައްޔިތުންނާ ގުޅިގެން މަސައްކަތް ކުރުމުގައި އަބަދުވެސް ތިބޭނެ ކަމުގެ ޔަގީންކަން ވެސް އެތަނުން ދިނެވެ.

ފުލުހުން ބަޔާން މި ނެރުނީ،، މެދު ރާއްޖެތެރޭގެ ރަށެއްގެ ކުދިންތަކެއް ރައްކާތެރި މާހައުލަކަށް ގެންދަން އުޅުމުން އެ ރަށުގެ ބަޔަކު އެކަމަށް ހުރަސްއަޅާފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފައި ވަނިކޮށެވެ. އަދި އުމުރުން 12 އަހަރުގެ އަންހެން ދަރިފުޅަށް އެކި ފަހަރު މަތިން ޖިންސީ ގޯނާކޮށް އާއިލާގެ މެމްބަރުން މަރާލާނެ ކަމުގެ އިންޒާރު ދިން ކަމަށް ބުނާ މީހަކު އިއްޔެރޭ މަގުމައްޗަށް ނެރެ، އަނިޔާކުރުމަށް ފަހު ފުލުހުންނާ ހަވާލު ކުރުމާ އެކު އެވެ.