ބާލިދީ ތެރެއިން ފެނުނު ކުއްޖާ ދައުލަތަށް ނަގައިފި

ގދ. ވާދޫގައި ނަހަލާލަށް ބަލިވެ އިން އަންހެނަކު އެކަނި ވިހެއުމަށް ފަހު، ބާލިދީއަކަށް ލާފައި އޮއްވައި މިދިޔަ މަހު ފެނުނު އަންހެން ކުއްޖާ ދައުލަތުގެ ބެލުމުގެ ދަށަށް ނަގައި، ހުޅުމާލޭގައި ހުންނަ ކުޑަކުދިން ބަލަހައްޓާ މަރުކަޒަށް ގެނެސްފައިވާ ކަމަށް ޖެންޑާ މިނިސްޓަރު ސިދާތާ ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.


މިނިސްޓަރު "މިހާރު" އަށް ވިދާޅުވީ އެ ކުއްޖާގެ ކަންކަން ދެން ބަލަހައްޓާނީ ދައުލަތުން ކަމަށެވެ. އަދި ކުއްޖާގެ ހާލު ރަނގަޅު ކަމަށް ވެސް ވިދާޅުވި އެވެ.

ކުއްޖާގެ މަންމަގެ މައްޗަށް ދަރިޔަށް އިހުމާލުވިކަމުގެ ތުހުމަތުކޮށް ފުލުހުން އަންނަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ. އެކަމަކު އޭނާ ހުރީ ފުލުހުންގެ ބަންދެއްގައެއް ނޫނެވެ.

އެ ތަހުގީގާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.

އެކަނިމާއެކަނި ގޭގައި ވިހެއުމަށް ފަހު ބާލިދީއަކަށް ލާފައި އޮއްވައި ފެނުމުން ކުއްޖާ މަރާލަން އުޅުނީ ކަމަށް ތުހުމަތު ކުރެވުނު ނަމަވެސް ކުއްޖާއަށް އެއްވެސް އަނިޔާއެއް ދީފައެއް ނުވެ އެވެ. އެހެންކަމުން ފުލުހުން ބުނެފައިވަނީ އަންހެން މީހާގެ މައްޗަށް ކުރަނީ ކުއްޖާއަށް އިހުމާލުވިކަމުގެ ތުހުމަތު ކަމަށެވެ.

ވެހެއުމަށް ފަހު ބާލިދީއަށް ކުއްޖާ ލީ ކީއްވެގެން ކަމެއް ނޭނގެ އެވެ. އެކަމަކު ރަށު ބައެއް މީހުން ފަހުން ބުނި ގޮތުގައި މީހަކަށް ގޮވާލަން، އަންހެންމީހާގެ ދަރިއެއް ކައިރީ އޭނާ އެދުނެވެ. ވިހޭ ކުއްޖާ ބާލިދީ ތެރޭގައި އޮއްވާ ފެނުނީ އެގޮތުން ގެއަށް ގެނައި މީހަކަށް ކަމަށް، ރަށުގެ ބައެއް މީހުން ބުނެ އެވެ.

ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމާ ބެހޭ ގާނޫނުގައިވާ ގޮތުން، މައިމީހާ ބަލިވެ އިނީއްސުރެ ކުއްޖާ އާއި މައިމީހާގެ ސިއްހަތަށް ރައްކާތެރި ފިޔަވަޅު އަޅަން ޖެހޭނެ އެވެ. އެހެން ނޫން ނަމަ އެއީ ޖިނާއީ ކުށެކެވެ.

އަންހެން މީހާ ކުރިން ކުރި ކައިވެންޏަކަށް 10 އަހަރުން ދަށުގެ ތިން ކުދިން ލިބިފައިވެ އެވެ.