ކުޑަކުދިން ޖިންސީ ޝިކާރައަކަށް، ފުލުފުލުން ހަމަ އެ މައްސަލަ!

ދުއްވަނީ ޖީއެން ސައިކަލެކެވެ. އުޅެނީ ޒަަމާނީ ބޮޑުބެރު ގުރޫޕެއްގަ އެވެ. ލަނީ އެންމެ ފަހުގެ ފެޝަންތަކުގެ ހެދުންތަކެވެ. އުމުރުން އަދި ވިހި އަހަރު ވެސް ނުވެ އެވެ. މިއީ ކުޑަ ދެ ފިރިހެން ކުދިންނާ ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގި ކަމުގެ ތުހުމަތުގައި މިދިޔަ ހުކުރު ދުވަހުގެ ރޭ ބަޔަކު ގަން ހިންގުވި ޒުވާނާ އެވެ.


ސިފަ އާއި އުމުރަށް ބަލާފައި އެ ފަދަ ނުބައި އަމަލެއް ހިންގަފާނެ ކަމަކަށް ބައެއް މީހުންނަށް ހީވެސް ނުވެދާނެ އެވެ. އެކަމަކު އޭނާ ހިފަހައްޓައި، ބަޔަކު ކުރި ވީޑިއޯއެއްގައި އެ ޒުވާނާ ވަނީ ހަތަރު ދުވަހެއްގެ މަތިން އެ ކުދިންނަށް ޖިންސީ ގޯނާ ކުރި ކަމަށް އެއްބަސްވެެފަ އެވެ. އަމަލު ހިންގި ގޮތަށް ދާންދެން ކިޔައިދިނުމުން، އާއްމުން ރުޅި އައިސްގެން އޭނާގެ ގަމީހާއި ޖީންސް ބާލުވައި، ހުޅުމާލޭ މަގުމަތީގައި ހިންގުވި އެވެ.

މިއީ އާއްމުންނަށް ފެނުނު އެއް މަންޒަރެވެ. އެކަމަކު ޖެންޑާ މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ނުރައްކާ ރާއްޖޭގައި ވަރަށް ބޮޑެވެ. އެ އަނިޔާ ލިބިގެން އަހަރަކު 400 އެއްހާ ކުދިންނާ ބެހޭ ރިޕޯޓު ފުލުހުންނަށް ލިބެ އެވެ.

އެންމެ އަނިޔާވެރި، އެންމެ އާއްމު އަނިޔާ

ޖެންޑާ މިނިސްޓްރީގެ މިދިޔަ ފަސް އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު އެންމެ ގިނައިން މައްސަލަ ރިޕޯޓުކޮށްފައިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކޮށްގެންނެވެ. އެގޮތުން 2017 ގައި ކުޑަކުދިންނާ ގުޅުން ހުރި 1،372 މައްސަލަ ހުށަހަޅާފައިވާއިރު، ޖިންސީ ގޯނާގެ 418 މައްސަލަ ހިމެނެ އެވެ. އޭގެ އިތުރުން ވިޔަފާރި ފައިދާ ހޯދުމަށް ކުޑަކުދިންނަށް ޖިންސީ ހާނިއްކަ ކޮށްފައިވާއިރު، ހަތަރު ކުޑަކުދިން ވެސް އެ ފަދަ އަނިޔާ ދިނުމުގައި ބައިވެރިވި އެވެ.

ކުޑަކުދިންނަށް ކުރާ އަނިޔާތަކާ ދެކޮޅަށް ހޭލުންތެރިކުރުވަން ހަދާފައިވާ ޕޯސްޓަރެއް---

އެ އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު އެއް މަހުގެ ތެރޭގައި، 126 ކުޑަކުދިންނާ ގަދަކަމުން ޖިންސީ ގޯނާ ކޮށްފައިވެ އެވެ.

ވޭތުވެ ދިޔަ އަހަރުގެ ތެރޭގައި އެ ނިސްބަތް ތަންކޮޅެއް ދަށެވެ. ކުޑަކުދިންނަށް ޖިންސީ ގޯނާ ކޮށްގެން ހުށައެޅީ 358 މައްސަލަ އެވެ. ނަމަވެސް އެފަދަ އަނިޔާއާ ގުޅުން ހުރި އެހެން މައްސަލަތަކެއް ފުލުހުންނާ ހަމައަށް ގެންދިޔަ އެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެވްރެޖްކޮށް ދުވާލަކު ހަތަރު ކުދިންނަށް ރާއްޖޭގައި ޖިންސީ ގޯނާ ކުރެ އެވެ.

މީގެ ތެރޭގައި ތަކުރާރުކޮށް މިފަދަ އަނިޔާ ލިބޭ ކުދިން ތިބި ނަމަވެސް ގިނައީ އަނިޔާ ލިބިގެން ފުރަތަމަ ފަހަރަށް ރިޕޯޓު ކުރާ ކުދިންނެވެ. ތަފާސްހިސާބުތަކަށް ބަލާއިރު ޖިންސީ ހާނިއްކަ އެންމެ ގިނައިން ލިބިފައިވަނީ އުމުރުން ހަ އަހަރާއި ދިހަ އަހަރާ ދެމެދުގެ އަންހެން ކުދިންނަށެވެ. އެކަމަކު އެ އުމުރުގެ ފިރިހެން ކުދިން ވެސް މި އަނިޔާގެ ޝިކާރައަކަށް ވެ އެވެ.

ކުޑަކުދިންނަށް ގޯނާ ކުރަން ވަކި އުމުރެއް ނެތް

ކުޑަކުދިންނާ ޖިންސީ ގޯނާކޮށްގެން ހުކުމްކޮށްފައިވާ މީހުންގެ ވަނަވަރާއި ފޮޓޯ ހިމެނޭ ދަފުތަރެއް، ޖެންޑާއިން ވަނީ އާއްމުކޮށްފަ އެވެ. "އޮފެންޑާސްޑޮޓްއެމްވީ"ގެ ނަމުގައި ހިންގާ އެ ދަފުތަރުގައި ހިމެނޭ ގިނަ މީހުންގެ އެވްރެޖް އުމުރަކީ 45-60 އެވެ. އެކަމަކު 75 އަހަރާއި 90 އަހަރަށް ވުރެ މަތިވެފަައިވާ މީހުން ވެސް އޭގެ ތެރޭގައި ހިމެނެ އެވެ. އެހެންކަމުން އެއީ ވަކި އުމުރަކަށް ހާއްސަ ކަމެއް ނޫނެވެ.

ކުޑަ ދެ ފިރިހެން ކުދިންނާ ބެހިގެން މިފަހުން 19 އަހަރުގެ ޒުވާނަކު ހައްޔަރުކުރުމުގެ އިތުރުން 13 އަހަރާއި 16 އަހަރުގެ ބޭބެ، އެ ކުދިންގެ ނުވަ އަހަރުގެ އަންހެންކޮއްކޮއަށް ޖިންސީ ގޯނާ ކުރާ ކަމުގެ ތުހުމަތުކުރެވޭތީ އެކަން ފުލުހުން އަންނަނީ ބަލަމުންނެވެ.

ކުޑަކުދިންނަށް ކުރާ އަނިޔާތަކާ ދެކޮޅަށް ހޭލުންތެރިކުރުވަން ހަދާފައިވާ ޕޯސްޓަރެއް---

ފުލުހުންގެ ފެމެލީ އެންޑް ޕްރޮޓެކްޝަން ޑިޕާޓްމެންޓްގެ ހެޑް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ހަނީފް ވިދާޅުވި ގޮތުގައި ކޮންމެ އުމުރެއްގެ މީހެއްގެ ފަރާތުން ވެސް ކުދިންނަށް މިފަދަ ގޯނާއާ ކުރިމަތިވެދާނެ އެވެ. އޭނާ ސިފަކުރެއްވި ގޮތުގައި މިއީ އެފަދަ މީހުންގެ ކިބާގައި ހުންނަ "ބިހޭވިއަރަލް ޑިސްއޯޑާ" އެކެވެ. އެކަމަކު އޭގެ ބައެއް މީހުންނަކީ ހަޔާތުގެ ކޮންމެވެސް ހިސާބެއްގައި އެފަދަ ގޯނާއާ ކުރިމަތިލާން ޖެހިފައިވާ މީހުންކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

"ވަރަށް ރަނގަޅު ކަމަށް ގަބޫލުކުރެވޭ މީހުން، އިތުބާރު ކުރެވޭ މީހުން ވެސް އެބަހުރި ދެއްތޯ މި ޑިސްއޯޑާ. ވަކި އުމުރެއް މިކަމުގައި ނޯވޭ،" އޭނާ ވިދާޅުވި އެވެ.

ހަނީފް ވިދާޅުވި ގޮތުގައި ޖިންސީ ގޯނާގެ ޝިކާރައަކަށް ގިނަ ފަހަރު ވަނީ އާއިލާ ރޫޅިފައި ނުވަތަ ހަމަނުޖެހުން ބޮޑު އާއިލާތަކުގެ ކުދިންނެވެ. އެފަދަ ކުދިން ހައްލާލަން އެ މީހުންނަށް ފަސޭހަވަނީ އެވެ. ހަދިޔާ ނުވަތަ އަޅާލައިގެން، އެ ކުދިންގެ އިތުބާރު އެ މީހުން ހޯދަ އެވެ، އެކަން ކުރަނީ ލަސްލަހުން ކެތްތެރިކަމާ އެކު އެވެ. ކުދިންނަށް ގޯނާ ކުރަނީ އެއީ ގޯސް ކަމެއް ނޫންކަން ވިސްނައިދީ، އެކަން ސިއްރުކޮށްދޭނެ ކަމުގެ ޔަގީންކަން ލިބުމުންނެވެ.

"ކުޑަ ތަންކޮޅެއްގައި ގިނަ ބަޔަކު ދިރިއުޅެން ޖެހުން ފަދަ ސޯޝަލް މައްސަލަތަކުގެ ސަބަބުން ވެސް ކުޑަކުދިންނަށް ގޯނާ ކުރާ މިންވަރު އެބަ އިތުރުވޭ،" ހަނީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މިފަދަ މީހުންގެ މައްޗަށް އެކަށީގެންވާ ފިޔަވަޅު އެޅެ އެވެ. ކުށް ސާބިތުވެއްޖެ ނަމަ، ކުޑަކުދިންނާ ބެހޭ މީހުންގެ ހާއްސަ ގާނޫނުގެ ދަށުން މަދުވެގެން ދިހަ އަހަރަށް އެ މީހުން ޖަލަށް ހުކުމް ކުރެ އެވެ. އަދި މި ފަދަ ގިނަ މައްސަލަތައް ކާމިޔާބުކޮށް، ކުށްވެރިންނަށް އަދަބު ދެވޭކަން ވެސް ފާހަގަކުރެއްވި އެވެ.

ބެލެނިވެރިންގެ ސަމާލުކަމަށް!

ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މިންވަރު ކަންބޮޑުވާ ދަރަޖައަށް އިތުރުވެފައިވާއިރު، އެކަމުން ރައްކާތެރިވުމަށް އެންމެ ރަނގަޅު ފިޔަވަޅަކީ ދަރިންނާއި ބެލެނިވެރިންނާ ދެމެދު އޮންނަ ގުޅުން ވަރުގަދަ ކުރުމެވެ.

ކުޑަ ދެ ފިރިހެން ކުއްޖަކާ ފުލުހަކު ބެހުނު މައްސަލައެއް ފުލުހުން އަންނަނީ ބަލަމުން.

ޖެންޑާ މިނިސްޓްރީގެ ޑިރެކްޓަރު ފައްޒަ ފުއާދު ވިދާޅުވި ގޮތުގައި ކުދިން ބޮޑެތި ވަމުންދާ ވަރަކަށް، އެހެން މީހުންނަށް އަތް ނުލެވޭނެ ތަންތަން ކިޔައިދޭން ޖެހެ އެވެ. ރަނގަޅު ގޮތުގައި އަތްލުމާއި ގޯސްކޮށް އަތްލާ ގޮތް އޮޅުންފިލުވައިދޭން ޖެހެ އެވެ. އަދި ނުގޮތަކަށް މީހަކު ގައިގައި އަތްލައިފި ނަމަ ބުނަން ޖެހޭނެ ކަން ވެސް ދަރިންނަށް ހަނދާން ކޮށްދޭން ޖެހޭނެ ކަމަށް ފައްޒަ ވިދާޅުވި އެވެ.

"ކުދިން ކޮންމެ ދުވަހަކު ކުރާ ކަންތައްތަކަށް ހަމަ ޖެނުއިންލީ އިންޓަރެސްޓްވެގެން، ކުދިންނާ ސުވާލުކޮށް ހަދަންޏާ، އެ ކަހަލަ ކަމެއް ދިމާވެއްޖެ ނަމަ ކިޔައިދޭން ފަސޭހަ ވާނެ. އެންމެ ފުރަތަމަ ކަމަކަށް ދަރިފުޅާއި ޕޭރަންޓުންނާ އޮންނަ ރިލޭޝަން ވަރަށް ރަނގަޅުވާން ޖެހޭނެ،" އޭނާ ވިދާޅުވި އެވެ.

ޖެންޑާ މިނިސްޓްރީން ބުނިގޮތުގައި މިހާތަނަށް ރިޕޯޓުކޮށްފައިވާ މައްސަލަތަކަށް ބަލާއިރު ގިނައީ ކުޑަކުއްޖާގެ އާއިލާއާ ގުޅުން ހުރި ނުވަތަ ދެކެފަރިތަ މީހެއްގެ ފަރާތުން ލިބޭ އަނިޔާތަކެވެ. މަގުމަތިން ފެންނަ ނުދަންނަ މީހުންނަށް ވުރެ ގޯނާ ކުރުން ގިނައީ އާއިލާގެ ތެރެއިންނެވެ. އެހެންވެ، މިއީ ގިނަ ބެލެނިވެރިންނަށް ގަބޫލުކުރަން އުނދަގޫ ކަމެއް ކަމަށް އެ މިނިސްޓްރީން ފާހަގަކުރެ އެވެ.

އެކަމަކު ފައްޒަގެ ނަސޭހަތަކީ ދަރިން ދައްކާ މިފަދަ ކޮންމެ ވާހަކައެއް ވެސް ސީރިއަސްކޮށް ނަގައި، އެކަން ގަބޫލުކުރުމެވެ. ދަރިފުޅު ކުށްވެރިކުރުމުގެ ބަދަލުގައި، މައިންބަފައިން ކުއްޖާއާ އެކުގައިވާކަން ދައްކައިދީ އެހީވާނެކަމުގެ ޔަގީންކަން ދިނުމެވެ.

"އެހިސާބުން ބެލެނިވެރިން ޖެހޭނެ ކަމާ ބެހޭ ފަރާތްތަކަށް އެކަން ރިޕޯޓުކުރަން. ޖެންޑާ މިނިސްޓްރީއަށް ނުވަތަ ޕޮލިހަށް ވެސް ހުށަހެޅޭނެ،" އޭނާ ވިދާޅުވި އެވެ.

މި ފަދަ މައްސަލަތައް ރިޕޯޓު ކުރަން އޮންނަ ނަމްބަރަކީ 1412 އެވެ.

އެއްވެސް ކުއްޖަކަށް މައިންބަފައިންނާ އެފަދަ ވާހަކައެއް ހިއްސާކުރަން އުނދަގޫވާ ނަމަ، އަމިއްލައަށް އެ ނަމްބަރަށް ގުޅައިގެން އެކަން އެންގުމަށް ދަރިންނަށް ކިޔައިދެވިދާނެ އެވެ. ބޭނުމަކީ މި ނުބައި އަމަލްތަކުން ކުޑަކުދިން ސަލާމަތްކުރުމާއި ސަލާމަތްވާން އެ ކުދިންނަށް ވެސް ދަސްކޮށްދިނުމެވެ.