ގދ. ފަރެސްމާތޮޑާ އަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކުރަން އެ ރަށަށް 18 ހެކްޓަރު އިތުރުކުރަން ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން އިއްޔެ ފަށައިފި އެވެ. 

ފަރެސް-މާތޮޑާއަކީ 1990ގެ އަހަރުތަކުގައި ވަކިން އޮތް ދެ ރަށެވެ. އެއީ އެއް ރަށެއްގެ ގޮތުގައި ހަމަޖެއްސީ 2007 ވަނަ އަހަރެވެ. 

އެ ރަށުގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު 142.6 މިލިއަން ރުފިޔާ އަށް އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. 

އާބާދީގައި ހާހެއްހާ މީހުން ދިރިއުޅޭ ފަރެސްމާތޮޑާ ކައުންސިލްގެ ރައީސް މުހައްމަދު ސޮބާހު "މިހާރު"އަށް ވިދާޅުވީ އެމްޓީސީސީއާ ހަވާލުކޮށްގެން އެ މަސައްކަތް ފެށީ އިއްޔެ ހަވީރު ކަމަށެވެ. 

ގދ. ފަރެސްމާތޮޑާ ބިން ހިއްކުމުގެ މަސައްކަތް ފަށާފައި-- ފޮޓޯ: މަރިޔަމް ޝަޒްލާ / ފޭސްބުކް
ގދ. ފަރެސްމާތޮޑާ ބިން ހިއްކުމުގެ މަސައްކަތް ފަށާފައި-- ފޮޓޯ: މަރިޔަމް ޝަޒްލާ / ފޭސްބުކް

ސޮބާހު ވިދާޅުވި ގޮތުގައި ވަކިން އޮތް ދެ ރަށް އެއްކޮށްލަން ކުރިން ހިއްކާފައި އޮތް ނަމަވެސް އެއްކޮށް ނުގުޅުވައި ގާތްގަނޑަކަށް 15 ވަރަކަށް ހެކްޓަރުގެ ސަރަހައްދެއް އޮތް ކަމަށެވެ. މިހާރު ހިއްކަނީ ދެ ރަށް ދޭތެރޭގައި އޮތް އެ ސަރަހައްދު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފަރެސްމާތޮޑާގެ ބިން ހިއްކައި، އެ ރަށަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ހައްލެއް ހޯއްދަވައި ދެއްވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދެކެވެ. އެހެން ރަށްތަކެކޭ އެއްގޮތަށް އެ ރަށުގެ ބިން ހިއްކާނީ، ގެދޮރުގެ ދަތިކަން ހައްލުކުރުމުގެ އިތުރުން އިގްތިސާދީ ބޭނުންތަކަށް ވެސް ބޭނުންކުރެވޭނެ ގޮތަށް ކަަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ. 

ގދ. ފަރެސްމާތޮޑާ ބިން ހިއްކުމުގެ މަސައްކަތް ފަށާފައި-- ފޮޓޯ: މަރިޔަމް ޝަޒްލާ / ފޭސްބުކް
ގދ. ފަރެސްމާތޮޑާ ބިން ހިއްކުމުގެ މަސައްކަތް ފަށާފައި-- ފޮޓޯ: މަރިޔަމް ޝަޒްލާ / ފޭސްބުކް

ފަރެސްމާތޮޑާ ބިން ހިއްކުމުގެ މަޝްރޫއުގައި 18 ހެކްޓަރުގެ ސަރަހައްދެއްގެ ބިން ހިއްކައި 620 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކުރާނެ އެވެ. އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 142.67 މިލިއަން ރުފިޔާއަށެވެ.