ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި އެ ބޭފުޅުންގެ އާއިލާގެ މެމްބަރުންނަށް ލިބޭ އަގުބޮޑު ހެލްތު އިންޝުއަރެންސް ކަނޑާލަން ގޮވާލާ ޕެޓިޝަނަށް 2000 އަށް ވުރެ ގިނަ މީހުންގެ ސޮއި ހަމަކޮށްފި އެވެ.
ސޯޝަލް މީޑިއާ އެކްޓިވިސްޓް މިދުއަމް ސައުދު މިމަހުގެ 12 ގައި ފެށި އެ ޕެޓިޝަނަށް މިއަދު މެންދުރު 2117 މީހުންގެ ސޮއި ލިބި، އެ ޕެޓިޝަން ވެފައި ވަނީ ހާއްސަ ދަރަޖައިގެ ޕެޓިޝަނަކަށެވެ.
މަޖިލީހުގެ އީ-ޕެޓިޝަން ގަވާއިދު ބުނާގޮތުން، ޕެޓިޝަނަކަށް 2,100 ސޮއި (ވޯޓުލެވޭ އާބާދީގެ 0.5 ޕަސެންޓް) ހަމަވުމުން، އެ ޕެޓިޝަނެއް މަޖިލީހުގެ ކަމާ ގުޅޭ ކޮމިޓީއަށް ދިރާސާކުރަން ފޮނުވަން ލާޒިމުވެ އެވެ.
އެ އަދަދަށް ސޮއި ހަމަވެއްޖެ ނަމަ މަޖިލީހުގެ ތަޅުމުގައި ބަހުސްކުރުން ޖެހޭއިރު އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނެސް، ކުރިއަށް އޮތް ތިން ޖަލްސާގެ ތެރެއިން ޖަލްސާއެއްގައި އެޖެންޑާކޮށް ބަހުސްކުރަން ޖެހޭނެ އެވެ.
މެމްބަރުންނަށް ބޭސްފަރުވާ ފޯރުކޮށްދޭން ޖެހޭނެ ކަމަށް ގާނޫނުގައި ކަނޑައަޅާފައިވާތީ، ރައްޔިތުންގެ މަޖިލީހުގެ ކޮންމެ މެމްބަރަކަށް އަހަރަކު 1 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހެލްތު އިންޝުއަރެންސްގެ ގޮތުގައި މިހާރު ލިބޭނެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނުގައި މެމްބަރުންގެ މާލީ އިނާޔާތްތަކުގެ ބާބު 7 ގެ ހ ގައި ވަނީ މަޖިލީހުގެ ކޮންމެ މެމްބަރަކާއި އެ މެމްބަރެއްގެ އަނބިމީހާ/ފިރިމީހާ އަދި އުމުރުން 18 އަހަރު ނުފުރޭ ދަރިން ރާއްޖެ އާއި ސާކް ގައުމުތަކާއި އޭޝިއާގެ ގައުމުތަކުން ސިއްހީ ފަރުވާ ލިބޭނެ ފަދަ މެޑިކަލް އިންޝުއަރެންސް ސްކީމެއްގައި ބައިވެރިކޮށްދޭން ވާނެ ކަމަށެވެ.
ހަމަ އެ ގާނޫނުގައިވާ ގޮތުން މަޖިލީހުގެ މެމްބަރުކަން ކޮށްފައިވާ ކޮންމެ މީހަކަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް އޮންނަފަދަ ހެލްތު އިންޝުއަރެންސް ސްކީމެއްގެ ދަށުން ބޭސް ފަރުވާކޮށްދޭންވާނެ އެވެ.
އެހެންވެ އެ ޕެޓިޝަން ހުށަހަޅާފައި ވަނީ ކުރީގެ މެމްބަރުންނާއި މިހާރުގެ މެމްބަރުން އަދި އެ ބޭފުޅުންގެ އާއިލާތަކަށް ރާއްޖެ އާއި ސާކް އަދި އާސިއާންގެ ގައުމުތަކުން ސިއްހީ އިންޝުއަރެންސް ލިބެން ޖެހޭ ކަމަށް ބުނާ ގާނޫނުތައް އުވާލުމަށެވެ.
ހުރިހާ މެމްބަރުންނަކީ ވެސް އާންމު އެހެން ހުރިހާ ދިވެހިންނަށް ލިބޭ ގައުމީ ސިއްހީ އިންޝުއަރެންސް ދެވޭ ބަޔަކަށް ހަދައި، އެއްވެސް މަޖިލިސް މެމްބަރަކަށް އަދި މެމްބަރެއްގެ އާއިލާއަކަށް ވެސް އާންމުންނަށް ނުދޭ އެއްވެސް ހާއްސަ ސިއްހީ އިނާޔަތެއް ލިބިގެން ނުދާނެ ގޮތަށް ގާނޫނަށް އިސްލާހުތައް ގެނައުމަށް ޕެޓިޝަނުގައިވެ އެވެ.