މީހުންގެ މަގުބޫލުކަން ހޯދުމުގެ ބޭނުމުގައި ވާހަކަތައް ފަތުރައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާ މެދު ބައެއް މީހުން ނަފުރަތު އުފައްދާ ކަމަށާއި އެކަމުގެ ސަބަބުން މެންބަރުންނަށް ބޮޑެތި ނުރައްކާތައް ކުރިމަތިވާ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
"ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ދޭ އަގުބޮޑު ހެލްތު އިންޝުއަރެންސް ކަނޑާލަން" ގޮވާލައި 7،000 އަށް ވުރެ ގިނަ މީހުން ސޮއިކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ޕެޓިޝަނަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރި ބަހުސްގައި ނާޒިމް ވިދާޅުވީ އެ ދުވަސްވަރެއްގައި އެންމެ މަގުބޫލީ ކޮންކަމެއްތޯ ބަލައި އެކަމެއް ރައްދުވާ މީހުންނަށް "އެޓޭކް ކުރުމަކީ" ނުރައްކާތެރި ކަމެއް ކަމަށެވެ. އެކަމުގެ ސަބަބުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ނުރައްކަލަށް ހުށަހެޅޭ ކަމަށް ވެސް މަޖިލީހުގެ ނައިބު ރައީސްކަން ކުރެއްވި ނާޒިމް ވިދާޅުވި އެވެ.
"ހަމަ މަގުބޫލުކަން ބޭނުންވާ ކޮންމެ ފަހަރަކު، އެންމެ މަގުބޫލީ މިވަގުތު ކޮންކަމެއްތޯ ބަލާފައި، އެކަމާ ބެހޭ ގޮތުން، އެކަމެއް ރައްދުވާ މީހުންނަށް އެޓޭކްކުރުމަކީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ވަރަށް ނުރައްކާތެރިކަމެއް. އަދި އެކަަމަކީ އެކަމުގެ ސަބަބުން މި މަޖިލީހުގެ މެމްބަރުން ނުރައްކަލަށް ހުށަހެޅި އަދި އަޅުގަނޑުމެންގެ އިއްޒަތްތެރި މެންބަރަކު އަވަހާރަކޮށްލިވިގެން ވެސް ހިނގައްޖެ ހަމަ މިގޮތަށް ނަފުރަތު އުފެއްދުމުގެ ނަތީޖާއެއްގެ ގޮތުން،" ނާޒިމް ވިދާޅުވި އެވެ.
އޭނާ އެ އިޝާރާތްކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރުކަމުގައި ހުންނަވަނިކޮށް، ދީނީ އިލްމުވެރިޔާ ޑރ.އަފްރާޝީމް އަލީ އަވަހާރަކޮށްލި ހާދިސާއަށެވެ.
ނާޒިމް ވިދާޅުވި ގޮތުގައި އޮސްޓްރޭލިއާގެ ޕާލަމެންޓް މެންބަރެއްގެ ގައިގައި މީހަކު އިއްޔެ ގަސްދުގައި ކާރަކުން ޖެއްސި ހާދިސާއަކީ ވެސް އެގޮތަށް ނަފުރަތު އުފެއްދުމުގެ ނަތީޖާއެއްގެ ގޮތުން މެންބަރުން ނުރައްކަލަށް ހުށަހެޅޭ ގޮތުގެ މިސާލެކެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ހަމަޖައްސާފައިވާ ހެލްތު އިންޝުއަރެންސް ޕެކޭޖް ދިފާއުކުރައްވަމުން ނާޒިމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ދޭ އިނާޔަތްތަކަކީ ގާނޫނުއަސާސީގެ 102 ވަނަ މާއްދާއިން ބާރުލިބިގެން ކަނޑައަޅާފައިވާ ކަންތައްތަކެއް ކަމަށާއި އެ މާއްދާގައި ދައުލަތުގެ އިސް އެހެން އެތައް މަގާމެއް ވެސް ހިމަނާފައިވާ ކަމަށެވެ. ރައީސުލް ޖުމްހޫރިއްޔާ އާއި ވަޒީރުންނާއި ފަނޑިޔާރުން އަދި މިނިވަން މުއައްސަސާތަކުގެ މެންބަރުން ވެސް އެ މާއްދާގައި ހިމަނާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެހެންވީމާ ހަމަ އެކަނި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކަށް ނޫން މި [އިިނާޔަތްތައް] ކަނޑައަޅާފައި މިއޮތީ. އަޅުގަނޑުމެން މި އާގާނޫނުއަސާސީއަށް ހިޖުރަކުރުމަށް ފަހު އުފަންކުރި ހުރިހާ މިނިވަންމުއައްސަސާތަކުގެ ވެރިންނަށާއި ފަނޑިޔާރުންނަށާއި ހުރިހާ ފަރާތްތަކަށް މިވަނީ މި އިނާޔަތްތައް ކަނޑައެޅިފައި،" ނާޒިމް ވިދާޅުވި އެވެ.
މެންބަރުންނަށް ދޭ އިނާޔަތްތައް ކަނޑައެޅީ އެއީ ދައުލަތަށް އުފުލޭނެ ބުރައެއް ކަަމަށް ސަރުކާރުގެ ފަރާތުން މިނިސްޓަރުން މަޖިލީހަށް ވަޑައިގެން ވިދާޅުވުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މެމްބަރުންގެ މުސާރަ ބޮޑުކުރި އިރު ވެސް އޭރުގައި ހުންނެވި ފިނޭންސް މިނިސްޓަރު މަޖިލީހަށް ވަޑައިގެން މަޖިލީހުގެ ތަޅުމުގައި އެކަމަށް ރުހުން ދެއްވި ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މަޖިލީހަށް ހުށަހަޅާފައިވާ ޕެޓިޝަނުގައި އަޅާކިޔާފައި އޮތީ އާއްމު ރައްޔިތުންނަށް ލިބޭ ހެލްތު އިންޝުއަރެންސާއި މެންބަރުންނަށް ލިބޭ އިންޝުއަރެންސް ކަމަށް ވާއިރު އެއީ އަޅާކިޔަން ޖެހޭ ދެ ކަމެއް ކަމަށް ގަބޫލުނުކުރައްވާ ކަަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުުވީ ރައްޔިތުންނަށް ލިބޭ ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅުކުރަން ޖެހޭ ކަމަށާއި އެކަމަށް ސަރުކާރުން މަސައްކަތްކުރަމުން އަންނަ ކަމަށެވެ.
މަޖިލިސް މެމްބަރުންނަށް އަހަރަކަށް 24،000 ރ. ދެއްކުމުން ބޭސްފަރުވާ ކުރެވޭނީ 1.3 މިލިއަނާ ހަމައަށެވެ. އާސަންދަ ނިޒާމްގައި، ބޭސްފަރުވާއަށް ވަކި ލިމިޓެއް ކަނޑައަޅާފައެއް ނޯވެ އެވެ.
މެންބަރުންގެ ހެލްތު އިންޝުއަރެންސް ކަނޑާލަން ގޮވާލައި ހުށަހެޅި ޕެޓިޝަނަށް އިއްޔެއާއި މިއަދު ކުރި ބަހުސްގައި ވެސް ގިނަ މެންބަރުން ފާޑުވިދާޅުވީ އެ ޕެޓިޝަން ހުށަހެޅި މީހުންނަށެވެ. މެންބަރުންނަށް ދައުލަތުން ކުރާ ހަރަދު ބޮޑު ނޫން ކަމަށާއި އެއަށް ވުރެ އާސަންދަ ސްކީމް އޮތް ގޮތުން ދައުލަތަށް މާލީ ގޮތުން މާބޮޑު ބުރައެއް އުފުލަން ޖެހޭ ކަމަށް ވިދާޅުވި އެވެ.