ވަކި ދާއިރާތަކެއްގައި އިންވެސްޓްކުރާ ބޭރު މީހުންނަށް ދިގު މުއްދަތުގެ ވިސާ ދޫކުރަން ސަރުކާރުން ފަށަން އުޅޭ ޕްރޮގްރާމް ވަގުތުން ހުއްޓާލައި، އެކަމާ ބެހޭ މައުލޫމާތު ރައްޔިތުންގެ މަޖިލީހަށް ހޯދަން ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ހުށަހެޅުއްވި ގަރާރަށް ޕީއެންސީގެ މެންބަރުން މިއަދު ރައްދު ދެއްވައިފި އެވެ. 

ގަރާރު ހުށަހަަޅުއްވަމުން މިއަދުގެ ޖަލްސާގައި ޝަމްހީދު ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައުމަށްޓަކައި އިންތިހާބުގެ އެންމެ ބޮޑު ބަހުސަކަށްވީ ރާއްޖޭގެ ކަނޑުގެ ސަރަަހައްދު ވިއްކާލި ކަމަށް ބުނެ ދެއްކި ވާހަކައެއް ކަމަށާއި ރައްޔިތުންގެ އެެންމެ ބޮޑު އެދުމަކީ ރާއްޖޭގެ ފަސްގަނޑާއި ކަނޑު ރައްކާތެރިކުރުން ކަން އެ އިންތިހާބުން ސާފުވެފައިވާ ކަމަށެވެ.

ޕާލް ރެސިޑެންސް ޕްރޮގްރާމަކީ ރާއްޖޭގެ ފަޅުތަކަކާއި ރަށްތަކެއްގެ މައްޗަށް، ބާރުވެރިކަން ހިންގަން ބޭރުގެ އަމިއްލަ ކުންފުންޏަކަށް ދޫކޮށްލާ ޕްރޮގްރާމެެއް ކަމަށް، އެއާ އެކު އޭނާ ތުހުމަތުކުރެއްވި އެވެ.

މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު މަޖިލީހުގައި ވާހަކަ ދައްކަވަނީ--ފޮޓޯ: މަޖިލިސް
މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު މަޖިލީހުގައި ވާހަކަ ދައްކަވަނީ--ފޮޓޯ: މަޖިލިސް

ޝަމްހީދުގެ ގަރާރަށް ރައްދު ދެއްވަމުން މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު (ޓޮމް) ވިދާޅުވީ ރެސިޑެންޓް ވިސާ ނުވަތަ ކޯޕަރޭޓް ވިސާ ރާއްޖޭގައި މިހާރު ވެސް ދޫކުރާ ކަމަށާއި ރާއްޖޭގައި އިންވެސްޓް ކޮށްފައިވާ ވިޔަފާރިވެރިންގެ އަތުގައި އެ ވިސާ މިހާރު ވެސް އޮންނާނެ ކަމަށެވެ. އޭގެ މިސާލެެއްގެ ގޮތުގައި ދެއްކެވީ ކްރައުން އެންޑް ޗަމްޕާގެ ބޭރު ޕާޓްނަރުންނާއި ރާއްޖޭގައި ގިނަ އަދަދެއްގެ ރިސޯޓްތައް ހިންގ، ސިންގަޕޫރުގެ ވިޔަފާރިވެރިޔާ އޮންގް ބެން ސެން އެވެ.

"ބޭނުން ދުވަހެއްގައި ރާއްޖޭގައި އައިސް އުޅެވޭ ގޮތަށް، އުޅުމުގެ ފަހި ފުރުސަތު ދީފައި ކުރީ ސަރުކާރުތަކުން ވެސް އޮތީ، އެއީކީ މިހާރު އަލަށް ވެގެން އުޅޭ ކަމެއް ނޫން،" ތޯރިގު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަނީ. ފޮޓޯ: މަޖިލީހުގެ އިދާރާ
ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަނީ. ފޮޓޯ: މަޖިލީހުގެ އިދާރާ

ޝަމްހީދުގެ ގަރާރަކީ ޕާލް ރެސިޑެންސް ޕްރޮގްރާމަށް ބޭނުންވާ ގާނޫނެއް ހަދަން ސަރުކާރުން މަޖިލީހަށް ބިލެއް ހުށަހަޅަން އުޅޭތީ ކުރެއްވި ކަމެއް ކަމަށް ތޯރިގު ތުހުމަތު ކުރެއްވި އެވެ.

ދިއްގަރު ދާއިރާގެ މެންބަރު އަދި ރައްޔިތުންގެ މަޖިލިހުގެ ކުރީގެ ނައިބު ރައީސް އަހުމަދު ނާޒިމު ވިދާޅުވީ އެއީ ހަމަނުޖެހޭ ގަރާރެއް ކަން އެ ގަރާރުގެ އިބާރާތަށް ބެލުމުން ވެސް އެނގޭ ކަމަށެވެ. އެއީ މިހާރު ވެސް ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަން ނުވަތަ ނޫންކަން އެ ގަރާރުން ނޭނގޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިހާރު އަޅުގަނޑުމެންނަށް މައުލޫމާތު އެނގޭ ގޮތުގައި ޕާލް ރެސިޑެންސީގެ ނަމުގައި ޕްރޮގްރާމެއް ތައާރަފް ކުރުމަށް ޓަކައި ހަދަން ޖެހޭ ގާނޫނު ހެދުމަށް އައްޔަން ކުރެވުނު ކޮންސަލްޓެންޓެއްގެ ވާހަކަ މި ދައްކަނީ،" ނާޒިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެއީ މިހާރު އޮތް ކަމެއް ނޫން ކަމަށާއި އެ ޕްރޮގްރާމް ފަށާނީ މަޖިލީހުން ފާސްކުރާ ގޮތެއްގެ މަތިން ކަމަށެވެ. ބޭރުގެ އިންވެސްޓްމެންޓް ގެންނަން އެއީ ވަރަށް މުހިއްމު ޕްރޮގްރާމެއް ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ. 

ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު، މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ. ފޮޓޯ: މަޖިލީހުގެ އިދާރާ
ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު، މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ. ފޮޓޯ: މަޖިލީހުގެ އިދާރާ

ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވީ ޝަމްހީދުގެ ގަރާރަކީ އެމްޑީޕީގެ ލީޑަޝިޕްގެ ވިސްނުމާ ވެސް ހިލާފު ގަރާރެއް ކަމަށާއި އެ ޕާޓީގެ ޗެއާޕާސަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ޕާލް ރެސިޑެންސް ޕްރޮގްރާމަށް ތާއީދު ކުރައްވާ ކަމަށެވެ.

"ޕާޓީގެ [އެމްޑީޕީގެ] ޗެއާޕާސަން އަކީ މިވަގުތު އިދިކޮޅު ލީޑަރު، އެހެންވީމާ ލީޑަރުގެ ވިސްނުމާ ދެކޮޅަށް، އަޅުގަނޑު ގަބޫލުކުރާ ގޮތުަގައި މި އުޅެނީ އަމިއްލަ މަސްލަހަތެއް އިސްކުރައްވަން ހެން ބޮޑަށް ވައްތަރީ،" ޝުޖާއު ވިދާޅުވި އެވެ.

އެއީ ރާއްޖޭގައި އަލަށް ކުރާ ކަމެއް ނޫން ކަމަށާއި 2015 ވަނަ އަހަރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް އެ ޕްރޮގްރާމް ހިންގި ކަމަށް ޝުޖާއު ވިދާޅުވި އެވެ. އެއީ ވަރަށް ރަނގަޅު ޕްރޮގްރާމެއް ކަމަށާއި ޔާމީނު ވެސް އެ ޕްރޮގްރާމާ ދެކޮޅު ނުހައްދަވާކަން ޝުޖާއު ފާހަގަކުރެއްވި އެވެ..

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވެސް އެ ފަދަ ޕްރޮގްރާމެއް ހަމަ އެގޮތަށް ކުރިއަށް ގެންދިޔަ ކަމަށާއި ކުރީގެ ސަރުކާރުތަކަށް ނުވި ކަމަކީ އެ ޕްރޮގްރާމް މާކެޓްކުރުން ކަމަށް ވެސް ޝުޖާއު ވިދާޅުވި އެވެ.