ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް ވަކިކުރަން ހުށަހެޅި މައްސަލާގައި ބާއްވާ ޖަލްސާ ކުރިއަށް ގެންދާނީ ޖުމްލަ އެއް ގަޑިއިރަށް ކަމަށް މަޖިލީހުގެ އާއްމު ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.
ނާޒިމް މަގާމުން ވަކިކުރަން ނިންމީ ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕުން ބޭއްވި ބައްދަލުވުމެއްގަ އެވެ. އެ ބައްދަލުވުމަށްފަހު، ނާޒިމް މަގާމުގެ ވަކިކުރުމުގެ ގަރާރުގައި ޕީއެންސީގެ 73 މެމްބަރަކު ސޮއިކޮށް، ހުށަހެޅި އެވެ.
އެކަމާ ގުޅިގެން މަޖިލީހުގެ އާއްމު ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު ހުށަހަޅުއްވައި، ދުވާފަރު ދާއިރާގެ މެންބަރު މުހައްމަދު އަލީ ތާއީދު ކުރެއްވި ހުށަހެޅުމުގައިވާ ގޮތުން މަޖިލީހަށް ޖަވާބުދާރީވާން އެ ޖަލްސާގައި ނާޒިމަށް ލިބިވަޑައިގަންނަވާނީ 10 މިނެޓެވެ. އަދި މެންބަރުން ބަހުސް ކުރުމަށް 50 މިނެޓް ބަހާލާނީ މެންބަރަކަށް ތިން މިނެޓްގެ އުސޫލުންނެވެ.
އެ ހުށަހެޅުން ފާސްކުރީ ކޮމިޓީގެ ބައްދަލުވުމުގައި އެކަމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި ފަސް މެންބަރުންގެ އިއްތިފާގުންނެވެ.
ނާޒިމްގެ އިތުބާރު ނެތްކަމަށް ފާސްކުރަން ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ 73 މެންބަރުންގެ ސޮޔާ އެކު، މަޖިލީހަށް ހުށަހެޅި ގަރާރުގައިވާ ގޮތުން އޭނާގެ އިތުބާރު ނެތް ކަމަށް ހުށަހެޅި އެއް ސަބަބަކީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ނަގާ ކަމުގެ ތުހުމަތެވެ. އަދި ދެވަނަ ތުހުމަތަކީ މަޖިލީހުގެ މަސްލަހަތު ނަގާލަން ހިތްވަރުދީ، ޒިންމާއިން ބަރީއަވުން ކަމަށް އެ ގަރާރުގައިވެ އެވެ.
ގަރާރުގައިވާ ގޮތުން މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ނާޒިމް ވަކި އަތަކަށް ޖެހިފައިވާތީ ހުރިހާ މެމްބަރުންގެ ހައްގުތަކާއި އިމްތިޔާޒުތައް ހިމާޔަތް ކޮށްދިނުމުގައި އޭނާ ފުޅާ ދާއިރާއެއްގައި އިހުމާލުވެފައިވެ އެވެ. އަދި ނާޒިމް އެގޮތަށް އަމަލު ކުރައްވާތީ މެންބަރުންނާ މަތިކޮށްފައިވާ ވާޖިބުތައް އަދާކުރުމުގައި "ނައިބު ރައީސް ހުރަހަކަށް ވެފައިވާ" ކަމަށް ވެސް އެ ގަރާރުގައި ބުންޏެވެ.
މަޖިލިހުގެ ގަވާއިދުގައިވާ ގޮތުން ނައިބު ރައީސް މަގާމުން ވަކިކުރަން ހުށަހެޅޭނީ މަދުވެގެން ހަތަރުބައިކުޅަ އެއްބަޔަށް ވުރެ މަދު ނޫން އަދަދެއްގެ މެމްބަރުންގެ ސޮޔާއެކު ހުށަހަޅާ ގަރާރަކުންނެވެ. އެއީ މަދުވެގެން 24 މެމްބަރުންނެވެ.
ނަމަވެސް މަޖިލިހުގެ ނައިބު ރައީސް މަގާމުން ވަކިކުރެވޭނީ ގަވާއިދުގައިވާ ގޮތުން މަޖިލިހުގެ ޖަލްސާއަށް ހާޒިރުވެވަޑައިގެން ވޯޓު ދެއްވާ މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.
މަޖިލިހުގައި 93 މެމްބަރުން ތިއްބަވާއިރު އޭގެ ތެރެއިން ޕީއެންސީގެ މެމްބަރުންގެ އަދަދަކީ 76 އެވެ.
ނާޒިމަށް މަޖިލިހުގެ ނައިބު ރައީސްކަން ލިބިވަޑައިގަތީ މަޖިލިހުގެ މެމްބަރުންގެ މެދުގައި ނެގި ވޯޓުގައި 80 ވޯޓު ހޯއްދަވައިގެންނެވެ. ނާޒިމާ ވާދަކުރެއްވި އެމްޑީޕީގެ މަރަދޫ ދާއިރާގެ މެމްބަރު އަހުމަދު ދީދީ އަށް ލިބިވަޑައިގަތީ 12 ވޯޓެވެ.
މަޖިލީހުގެ ނައިބު ރައީސްކަމުން ނާޒިމް ވަކިކުރަން ހުށަހެޅިއިރު، 17 ވަނަ މަޖިލީހުގައި ނައިބު ރައީސްކަން ވެސް އޭނާ ކުރެއްވި އެވެ.