ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސްކަމުން ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމު ވަކިކުރަން ޕީއެންސީގެ އެތެެރެއިން މަސައްކަތް ފަށާފައިވާ ކަމުގެ ވާހަކަތަކެއް ފެތުރިފައި ވަނިކޮށް، އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާހު އެކަން މިއަދު ދޮގުކުރައްވައިފި އެެވެ.
ނާޒިމް މަގާމުން ވަކިކުރަން ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕް ތެރޭގައި މަސައްކަތް ފަށާފައިވާ ކަމަށް ފެތުރިފައިވާ އަޑުތަކާ ގުޅިގެން "މިހާރު" އިން ސުވާލު ކުރުމުން ފަލާހު ވިދާޅުވީ، އެފަދަ އެއްވެސް ކަމެއް ނުހިނގާ ކަމަށާއި އެފަދަ ސަބަބެއް މެދުވެރި ވެސް ނުވާ ކަމަށެވެ.
"އެ ފަތުރަނީ މާސިންގާ ދޮގެއް. ހަގީގަތާ ހިލާފު ވާހަކަތަކެއް،" ފަލާހު ވިދާޅުވި އވެެ.
އޭނާ އެހެން ވިދާޅުވި ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުން "ދުރަށް ވަޑައިގަތުމަށް" ދެންނެވެން އޮތް ގޮތަކަށް ދެންނެވުމުގެ ކަންކަން ކުރިއަށް ދާނެ ކަމަށް ބެލެވޭ ކަމަށް އެހެން މެމްބަރަކު ވިދާޅުވި އެވެ.
"އެކަމަކު ނާޒިމް މަގާމުން ވަކިކުރަން ސޮއި ހޯދުމުގެ މަސައްކަތެއް އަދި ނުހިނގާ. އެ ދިމާލަށް ނުސީދާކޮށް މިސްރާބު އެ ޖަހަނީ،" ނަން ނުޖަހަން ޝަރުތުކޮށް "މިހާރު" އާ ވާހަކަ ދެއްކެވި މެމްބަރު ވިދާޅުވި އެވެ.
ނާޒިމް މަގާމުން ވަކިކުރުމާ ގުޅޭ ގޮތުން ސުވާލު ކުރަން އޭނާ އަށް ގުޅި ނަމަވެސް ފޯނަށް ޖަވާބު ނުދެއްވާތީ ކޮމެންޓެއް ނުލިބުނެވެ.
ވެރިކަން ކުރާ އަދި ރައްޔިތުންގެ މަޖިލީހުގެ ސުޕަމެޖޯރިޓީ ވެސް އޮންނަ ޕީއެންސީގައި އެންމެ ނުފޫޒު ގަދަ އެއް މެންބަރުގެ ހައިސިއްޔަތުން މަޖިލީހުގެ އެންމެ ބާރު ގަދަ ދެ ކޮމިޓީގައި ނާޒިމް ކުރިން އިންނެވި އެވެ. އެކަމަކު، އެ ދެ ކޮމިޓީން އޭނާ ވަކިކޮށް، މިހާރު ވަނީ މަޖިލީހުގެ އެންވަޔަރްމެންޓް ކޮމިޓީ އަށް ބަދަލުކޮށްފަ އެވެ.
ނާޒިމް ވަކިކުރީ ރައްޔިތުންގެ މަޖިލީހުގެ އެންމެ ބާރުގަދަ ދެ ކޮމިޓީ ކަމަށްވާ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) އާއި މާލިއްޔަތު ކޮމިޓީންނެވެ.
މީގެ ތެރެއިން ސަލާމަތީ ބާރުތަކާ ގުޅޭ ކަންތައްތަކާއި ގައުމީ ސަލާމަތާ ގުޅުން ހުރި ކަންކަން ބަލާ ކޮމިޓީއަކީ ރައްޔިތުންގެ މަޖިލީހަށާއި ސަރުކާރަަށް ލަފާދިނުމާއި އެންގުންތައް އެންގުމުގެ ބާރު އޮންނަ ކޮމިޓީ އެކެވެ. ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުގެ ތެރެއިން ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ހަމަ އެކަނި ކޮމިޓީއަކީ ވެސް އެއީ އެވެ.
މާލިއްޔަތު ކޮމިޓީއަކީ ދައުލަތުގެ މާލިއްޔަތާ ގުޅޭ ހުރިހާ ކަމެއް ބަލައި، ދޭންޖެހޭ ލަފާތައް ދިނުމާއި އެންގުންތައް އެންގުމުގެ ބާރު އޮންނަ ކޮމިޓީ އެކެވެ.
ރައްޔިތުންގެ މަޖިލިހުގައި އެންމެ ބާރުގަދަ ދެ ކޮމިޓީން ނާޒިމް ވަކިކުރުމާ އެކު "މިހާރު" އިން ސުވާލު ކުރުމުން އޭނާ ވިދާޅުވި ގޮތުގައި އެ ދެ ކޮމިޓީއަށް ވެސް އޭނާގެ ބަދަލުގައި އެހެން މެންބަރުން އައްޔަންކުރަން ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕުން ނިންމީ މަސައްކަތް މިހާރު ހުރި ގޮތުން، ދެ ކޮމިޓީ އަށް ވަގުތު ނުދެއްވޭތީ އެގޮތަށް އެއްބަސްވެވަޑައިގަތުމުންނެވެ.
"ކޮމަންވެލްތު ޕާލަމެންޓްރީ ގުރޫޕުގެ ބައްދަލުވުމެއް ރާއްޖެ އިން ހޮސްޓް ކޮށްގެން ބާއްވަން އެބައޮތް ކުރިއަށް އޮތް ހަފުތާގައި. އެ ބައްދަލުވުމުގައި ވެސް އިސްކޮށް އުޅެން ޖެހެނީ އަޅުގަނޑު. އަނެއްކާ އަންނަ މަހުގެ ކުރީކޮޅުން ފެށިގެން އަޅުގަނޑު ރާއްޖެ އިން ބޭރުގައި އަމިއްލަ ކަމެއްގައި ވެސް އުޅެން ޖެހޭ،" ނާޒިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މާލިއްޔަތު ކޮމިޓީ އާއި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން އޭނާ ވަކިކުރީ އެ ސަބަބުތަކާ ހެދި އެވެ.
މަޖިލީހުގެ ކޮމިޓީތަކުގެ ތެރެއިން ނާޒިމް މިހާރު ހިމެނިވަޑައިގަންނަވަނީ ހަމަ އެކަނި ސްޓޭޓް އޯންޑް އެންޓަޕްރައިޒް ކޮމިޓީ (އެސްއޯއީ ކޮމިޓީ) އާއި އެންވަޔަރުމެންޓް އެންޑް ކްލައިމެޓް ޗޭންޖު ކޮމިޓީގަ އެވެ.
މިހާރު ހިނގަމުން އަންނަ 20 ވަނަ ރައްޔިތުންގެ މަޖިލިހުގެ ރައީސްކަމަށް އަބްދުއްރަހީމް އަބްދުﷲ އަދި ނައިބު ރައީސަކަށް ނާޒިމް އިންތިހާބުކުރީ މޭ 28، 2024 ގަ އެވެ.
ނާޒިމަށް މަޖިލިހުގެ ނައިބު ރައީސްކަން ލިބިވަޑައިގަތީ މަޖިލިހުގެ މެމްބަރުންގެ މެދުގައި ނެގި ވޯޓުގައި 80 ވޯޓު ހޯއްދަވައިގެންނެވެ. ނާޒިމާ ވާދަކުރެއްވި އެމްޑީޕީގެ މަރަދޫ ދާއިރާގެ މެމްބަރު އަހުމަދު ދީދީ އަށް ލިބިވަޑައިގަތީ 12 ވޯޓެވެ.
މަޖިލިހުގެ ރައީސްކަމަށް އަބްދުއްރަހީމް އިންތިހާބުކުރީ 71 ވޯޓުންނެވެ. އެ އިންތިހާބުގައި އަބްދުއްރަހީމާ ވާދަކުރެއްވި ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ނާޒިލަށް ލިބިވަޑައިގަތީ 14 ވޯޓެވެ. މަޖިލިހުގެ ރައީސްގެ އިންތިހާބުގައި ހަތް ވޯޓު ބާތިލްވި އެވެ.