އިގުތިސާދު މިހާރު އޮތީ ކައުންސިލަރުންގެ މުސާރަ ބޮޑުކުރެވޭ ފަދަ ހާލަތެއްގައި ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮންނަ ޕީއެންސީގެ ބައެއް މެމްބަރުން މިއަދު ވިދާޅުވެއްޖެ އެވެ.
ކައުންސިލަރުންގެ މުސާރަ ބޮޑުކުރަން ގޮވާލައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާ އަށް ހުށަހެޅުއްވި ގަރާރަށް ކުރި ބަހުސްގައި އެ ގަރާރާ އެންމެ ބޮޑަށް ދެކޮޅު ހެއްދެވި އެއް މެންބަރަކީ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު އެވެ.
އޭނާ ތުހުމަތު ކުރެއްވި ގޮތުގައި އެމްޑީޕީގެ މެންބަރަކު އެ ގަރާރު ހުށަހެޅުއްވީ ހެޔޮ ނިޔަތެއް ނެތި އެވެ. ނަމަވެސް ކައުންސިލަރުންގެ މުސާރަ ބޮޑުކުރުމަކީ ޕީއެންސީން ޖުމްލަ ގޮތެއްގައި ތާއީދުކުރާ ކަމެއް ކަމަށާއި މި ދައުރު ނިމުމުގެ ކުރިން އެ ބަދަލު ގެންނާނެ ކަމަށް ވެސް ޝުޖާއު ވިދާޅުވި އެވެ. އެކަމަކު، ސިޔާސީ މީހުންގެ މުސާރަ މިވަގުތު ބޮޑުކުރަން ގައުމު ތަނެއް ނުދޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މި ގަރާރަށް އަޅުގަނޑުމެން ތާއީދު ނުކުރާ ސަބަބަކީ މީގެ ނިޔަތް ގޯސްވުން. މި ގައުމު [ގައުމުގެ އިގުތިސާދު] ތަނެއް ނުދޭ މިވަގުތު ސިޔާސީ މީހުންގެ މުސާރަތައް ބޮޑުކުރާކަށް. އެހެން ނަމަވެސް އަޅުގަނޑު ކުރިން އިޝާރާތްކުރި ފަދައިން މިއީ އަޅުގަނޑުމެން ޖުމްލަ ގޮތެއްގައި ތާއީދުކުރާ ކަމެއް. އެކަން އިރާދަކުރެއްވިއްޔާ މި ދައުރުގައި ދެކޭނެ ކަމަށް ވެސް އަޅުގަނޑު ގަބޫލުކުރަން،" ޝުޖާއު ވިދާޅުވި އެވެ.
ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ދީދީ (އައިބީ) ވިދާޅުވީ އެމްޑީޕީގެ ވެރިކަން ނިންމާލީ ރާއްޖެ "ފައްތާލާފައި" ކަމަށާއި ޕީއެންސީން މަސައްކަތްކުރަމުން އަންނަނީ ރާއްޖެ ފެންމައްޗަށް ނަގަން [އިގުތިސާދީ ހާލަތު ރަނގަޅުކުރަން] ކަމަށެވެ.
"ގައުމު ފައްތާލާފައި ދިޔަ ބަޔަކު މިކުރާ ކަމަކީ، މިގައުމު ފެންމަތިކުރަ އަޅުގަނޑުމެން މަސައްކަތްކުރާ އިރު އިތުރަށް ފައްސާލަން މަސައްކަތްކުރުން،" އައިބީ ވިދާޅުވި އެވެ.
މިލަންދޫ ދާއިރާގެ މެންބަރު ހަސަން މުފީދު ވިދާޅުވީ އެމްޑީޕީއަށް ވެރިކަމުގެ ދެ ޓާމް ލިބުނުއިރު ކައުންސިލަރުންގެ މުސާރަ ބޮޑު ނުކުރީ ކީއްވެތޯ ސުވާލު އުފެދޭ ކަމަށެވެ. އެފަަދަ އިސްލާހުތައް ގެންނަން ޖެހެނީ އިދިކޮޅުގައި ހަރަކާތްތެރިވާއިރުގައިތޯ ވެސް އޭނާ ސުވާލުކުރެއްވި އެވެ.
ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ ވިދާޅުވީ ކުރާ މަސައްކަތާ އެކަށީގެންވާ ގޮތަކަށް އަބުރުވެރިކަމާ އެކީ ދިރިއުޅެވޭ ވަރުގެ މުސާރައެއް ދިނުމަކީ ތާއީދު ކުރައްވާ ކަމެއް ކަމަށާއި ނަމަވެސް މިއީ އިގުތިސާދި ގޮތުން އެކަމަށް އެކަށީގެންވާ ވަގުތެއް ނޫން ކަމަށެވެ.