އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުގެ އިތުބާރު ނެތްކަމަށް ފާސްކުރަން އިދިކޮޅު އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލާގައި މަޖިލީހަށް ޖަވާބުދާރީވާން ސައީދަށް އެއް ގަޑިއިރުގެ ވަގުތު ދޭން މަޖިލީހުގެ އާއްމު ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.
މަޖިލީހުގެ އިޖުރާއީ ކަންތައްތައް ކަނޑައަޅާ އާއްމު ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ފޭދޫ ދާއިރާގެ މެންބަރު އިބްރާހީމްދީދީ ހުށަހެޅުއްވީ މަޖިލީހަށް ޖަވާބުދާރީވާން މިނިސްޓަރަށް އެއް ގަޑިއިރުގެ ވަގުތު ދިނުމާ އެކު، އެ މައްސަލާގައި ބަހުސް ކުރަން މެންބަރުންނަށް ވެސް އެއް ގަޑިއިރު ދިނުމަށެވެ.
އެ ހުށަހެޅުން ފާސްކުރީ ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.
މަޖިލީހުގައި އަމަލުކުރާ ގޮތަކީ ބިލެއް ނުަވަތަ މައްސަލައަކަށް ބަހުސްކުރަން ކަނޑައަޅާ ވަގުތު، މަޖިލީހުގައި ތަމްސީލުކުރާ ސިޔާސީ ޕާޓީތަކަށް، މެންބަރުން ތިބި އަދަދަށް ބަލައިގެން ދިނުމާ އެކު މިނިވަން މެންބަރުންނަށް ވެސް ވަކި ވަރަކަށް ވަގުތު ދޭ އުސޫލެކެވެ.
އެމްޑީޕީގެ 13 މެންބަރުން ސޮއިކުރައްވައި މި މަހުގެ ފުރަތަމަ ދުވަހު މަޖިލީހަށް ހުށަހެޅި ގަރާރުގައި ބުނެފައިވަނީ ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ މަސްއޫލިއްޔަތު އަދާކުރައްވަން ސައީދު އިހުމާލުވެވަޑައިގެންފައިވާ ކަމަށެވެ. އަދި މަޖިލީހަށް ޖަވާބުދާރީވުމުގެ ވާޖިބު އަދާކުރުމުގައި ވެސް އިހުމާލުވެ، މިނިސްޓަރުން ކުރުން މަނާކޮށްފައިވާ އަމަލުތަކެއް ހިންގަވާފައިވާ ކަމަށެވެ.
އެހެންވެ، ސައީދުގެ އިތުބާރު ގެއްލިފައިވާ ކަމަށް ކަނޑައަޅައި، އޭނާ މަގާމުން ވަކިކުރަން ގަރާރުގައި ހުށަހަޅާފައިވެ އެވެ.
އިތުބާރު ނެތް ކަމަށް ގަރާރުގައި ހުރި ކަންކަން:
- ޑޮލަރުގެ އަގު ކަޅު ބާޒަރުގައި ހުއްޓުމެއް ނެތި މައްޗަށް ގޮސް ތަކެތީގެ އަގު އިންތިހާއަށް އުފުލުން
- ދައުލަތުގެ މުދަލާއި ދައިސާ އަމާނަތްތެރިކަމާ އެކު ނުބެލެހެއްޓުން
- ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވުމަށް ހުރަސްއެޅުން
- އަމިއްލަ ވިޔަފާރިތައް ހިމާޔަތްކުރުމުގައި ފެއިލްވުން
- އެސްއީޒެޑް ގާނޫނަށް ގެނައި އިސްލާހާއި ދައުލަތުގެ ސިޔާދަތަށް އޮތް ނުރައްކާ
މީގެ އިތުރުން ރާއްޖޭގެ އިގްތިސާދީ މަލަމަތި ބަދަލުކޮށްލާނެ ކަމަށް، ތަފާތު އެކި ބިޔަ މަޝްރޫއުތައް އިއުލާން ކޮށްފައިވީ ނަމަވެސް އެ މަޝްރޫއުތައް ހުއްޓިފައި އޮތުން ވެސް ގަރާރުގައި ފާހަގަކޮށްފައިވެ އެވެ.
އޭގެ ތެެރޭގައި ބަންކަރިންގެ ހިދުމަތުން 400 މިލިއަން ޑޮލަރުގެ އާމްދަނީއެއް ނުލިބުމާއި މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭގެ އަމަލީ މަސައްކަތް ނުފެށުމާއި ޑިވެލޮޕްމެންޓް ބޭންކްގެ ހިދުމަތާއި މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރުގެ މަސައްކަތް ނުފެށުން ހިމެނެ އެވެ.
ގަރާރުގައި ބުނެފައިވާ ގޮތުން ސައީދު ވަނީ މަޖިލީހަށް ހާޒިރުކޮށް، އޭނާއާ މެމްބަރުން ކުރައްވާ ސުވާލުތަކަށް ސީދާ ޖަވާބު ދެއްވުމުގެ ބަދަލުގައި ސުވާލާ ނުގުޅޭ ސިޔާސީ ވާހަކަ ދައްކަވައި މަސްއޫލިއްޔަތުން ރެކިވަޑައިގެންފަ އެވެ.
އަދި އަމިއްލަ ވިޔަފާރިވެރިންގެ މަސްލަހަތު ހިމާޔަތް ކުރުމުގެ ބަދަލުގައި ސަރުކާރު ހިއްސާވާ ކުންފުނިތައް އާންމު ވިޔަފާރީގެ ތެރެއަށް ވައްދައި އެތައް ވިޔަފާރިއަކާއި އަމިއްލަ ފަރުދުން ބިކޮށްފައި ކަމަށް ވެސް ގަރާރުގައި ތުހުމަތުކޮށްފައިވެ އެވެ.