ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ރަސްމީ ރޭޓްގައި ދޫކުރި ޑޮލަރަށް ވުރެ 80 ޕަސެންޓް އިތުރަށް 1.9 ބިލިއަން ޑޮލަރު މި ސަރުކާރުން ދޫކޮށްފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
ސައީދުގެ އިތުބާރު ނެތް ކަމަށް ފާސްކޮށް މަގާމުން ވަކިކުރަން އިދިކޮޅު އެމްޑީޕީގެ 13 މެންބަރަކު ސޮއިކުރައްވައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި މައްސަލާގައި މަޖިލީހަށް ޖަވާބުދެއްވަމުން މިއަދުގެ ޖަލްސާގައި ސައީދު ވިދާޅުވީ ބޭރު ފައިސާގެ އެކްސްޗޭންޖް ރޭޓާ ބެހޭ ސިޔާސަތުތައް ކަނޑައަޅަން ގާނޫނުގައި ލާޒިމުކޮށްފައި އޮތީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ކަމަށެވެ. އެކަމަކު އެކަމުގައި އޭނާއާ ސުވާލުކުރާތީ ޖަވާބެއް ދެއްވާނެކަމަށް ވިދާޅުވެ އޭނާ ހުށަހެޅުއްވީ ތަފާސްހިސާބުތަކެކެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި 2021 ވަަނަ އަހަރުން ފެށިގެން ނޮވެމްބަރު، 17، 2023އާ ހަމައަށް ރަސްމީ ރޭޓުން ދޫކޮށްފައި ވަނީ 1.75 ބިލިއަން ޑޮލަރެވެ. އެކަމަކު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި މިވީ ގާތްގަނޑަކަށް ތިން އަހަރުގެ ތެރޭގައި ރަސްމީ ރޭޓުން ދޫކުރި ޑޮލަރުގެ އަދަދަކީ 1.9 ބިލިއަން ޑޮލަރު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ދެހާސް ސައްވީސް ވަނަ އަހަރު އެކަނި 483.53 މިލިއަން އެމެރިކާ ޑޮލަރު ރަސްމީ ރޭޓް، 15.42 ގެ ރޭޓްގައި ދޫކޮށްފައި ވޭ. އެއީ 2012 އާ އަޅާ ބަލާއިރު 97 ޕަސެންޓް ބޮޑުވުމެއް. ދެން 2025 ވަނަ އަހަރަށް ބަލާއިރު މި ދެންނެވި ބާވަތްތަކަށް [ވިޔަފާރިތަކަށް ދޫކުރި ޓީޓީ އާއި ބޭރުގައި ކިޔަވާ ދަރިވަރުންނަށާއި ބޭހަށް ފުރާ މީހުންނަށް ދޫކުރި ޑޮލަރު] 733.82 މިލިއަން އެމެރިކާ ޑޮލަރު ދޫކުރެވިފައި އެބަވޭ. ދެހާސް ސައްބީސް ވަނަ އަހަރުގެ މިހާ ހިސާބަށް 718.53 މިލިއަން އެމެރިކާ ޑޮލަރު، ޖުމްލަ 1.9 ބިިލިއަން 1.942.45 މިލިއަން އެމެރިކާ ޑޮލަރު މިސަރުކާރުން ދޫކޮށްފައި އެބަ އޮތް. މީގެ މާނައަކީ 80 ޕަސެންޓްގެ އިތުރުވުމެއް މިއޮތީ އައިސްފައި،" ސައީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ތަފާސްހިސާބުތަކަށް ބަލާއިރު ކުރީގެ ސަރުކާރުގެ ފަހު ތިން އަހަރު ޑޮލަރު ދޫކުރި ވަރަށް ވުރެ މި ތިން އަހަރު މަހަކަށް ޑޮލަރު ދޫކުރި ވަރު ހުރީ މަހަކަށް ގާތްގަނޑަކަށް 97 ޕަސެންޓުން އިތުރުވެފައި ކަމަށެވެެ.
އެހެންވީމާ ޑޮލަރުގެ ދަތިކަން މިހާރު ބޮޑުވެފައިވާ ކަމަށް ކުރާ ތުހުމަތަކީ ދޮގު ތުހުމަތެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެވަރަށް ޑޮލަރު އިތުރުވީ މިނިސްޓަރު ވިދާޅުވި ގޮތުގައި ޑޮލަރުން އާމްދަނީ ލިބޭ ވިޔަފާރިތަކުން ވަކިވަރަކަށް ޑޮލަރު މާރުކުރަން މަޖުބޫރުކުރުން ފަދަ ފިޔަވަޅުތައް މި ސަރުކާރުން އެޅީމަ އެވެ.
އިތުބާރު ނެތް ކަމަށް ފާސްކުރަން ހުށަހަޅާފައިވާ މައްސަލާގައި ކޮށްފައިވާ އެހެން ގިނަ ތުހުމަތުތަކަށް ވެސް މިއަދުގެ ޖަލްސާގައި އޭނާ ރައްދު ދެއްވި އެވެ.
އެ މައްސަލާގައި މަޖިލީހަށް ޖަވާބުދާރީވެވަޑައިގަންނަވަން، މަޖިލީހުގެ އާއްމު ކޮމިޓީން ނިންމާފައިވާ ގޮތަށް ސައީދަށް ޖުމްލަ އެއްގަޑިއިރުގެ ފުރުސަތެއް ދިނެވެ. އެ މައްސަލާގައި ބަހުސްކުރަން މަޖިލީހުގެ ސުޕަމެޖޯރިޓީ އޮންނަ ޕީޕަލް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ މެންބަރުންނަށް 38 މިނެޓް ދިން އިރު މައްސަލަ ހުށަހެޅި އެމްޑީޕީގެ މެންބަރުންނަށް ލިބިވަޑައިގެންނެވީ ނުވަ މިނެޓެވެ.