އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުގެ އިތުބާރު ނެތް ކަމަށް  ފާސްކުރުމަށް އިދިކޮޅު އެމްޑީޕީން މިދިޔަ އޮގަސްޓްމަހު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފި އެވެ.

އެމްޑީޕީގެ 13 މެންބަރުން ސޮއިކުރައްވައި، މަޖިލީހަށް ހުށަހެޅި މައްސަލާގައި ވަނީ ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ މަސްއޫލިއްޔަތު އަދާކުރައްވަން ސައީދު އިހުމާލުވެފައިވާ ކަމަށެވެ. އަދި މަޖިލީހަށް ޖަވާބުދާރީވުވަޑައިގަތުމުގެ ވާޖިބު އަދާކުރެއްވުމުގައި ވެސް އިހުމާލުވެ، މިނިސްޓަރުން ކުރުން މަނާކޮށްފައިވާ އަމަލުތަކެއް ހިންގަވާފައިވާ ކަމަށް ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ވެ އެވެ. 

އެހެންވެ، ސައީދުގެ އިތުބާރު ގެއްލިފައިވާ ކަމަށް ކަނޑައަޅައި، އޭނާ މަގާމުން ވަކިކުރަން އެމްޑީޕީގެ މަޖިލިސް މެމްބަރުން ހުށަހެޅުއްވީ އެވެ. 

އިތުބާރު ނެތް ކަމުގެ މައްސަލާގައި ފާހަގަކޮށްފައިވާ ކަންކަން: 

- ޑޮލަރުގެ އަގު ކަޅު ބާޒަރުގައި ހުއްޓުމެއް ނެތި މައްޗަށް ގޮސް ތަކެތީގެ އަގު އިންތިހާއަށް އުފުލުން.

- ދައުލަތުގެ މުދަލާއި ދައިސާ އަމާނަތްތެރިކަމާ އެކު ނުބެލެހެއްޓުން.

- ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވުމަށް ހުރަސްއެޅުން. 

- އަމިއްލަ ވިޔަފާރިތައް ހިމާޔަތްކުރުމުގައި ފެއިލްވުން. 

- އެސްއީޒެޑް ގާނޫނަށް ގެނައި އިސްލާހާއި ދައުލަތުގެ ސިޔާދަތަށް އޮތް ނުރައްކާ.

މީގެ އިތުރުން ރާއްޖޭގެ އިގްތިސާދީ މަލަމަތި ބަދަލުކޮށްލާނެ ކަމަށް، ތަފާތު އެކި ބިޔަ މަޝްރޫއުތައް އިއުލާން ކޮށްފައިވީ ނަމަވެސް އެ މަޝްރޫއުތައް ހުއްޓިފައި އޮތުން ވެސް ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ފާހަގަކޮށްފައިވެ އެވެ. 

އޭގެ ތެެރޭގައި ބަންކަރިންގެ ހިދުމަތުން 400 މިލިއަން ޑޮލަރުގެ އާމްދަނީއެއް ނުލިބުމާއި މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭގެ އަމަލީ މަސައްކަތް ނުފެށުމާއި ޑިވެލޮޕްމެންޓް ބޭންކްގެ ހިދުމަތާއި މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރުގެ މަސައްކަތް ނުފެށުން ހިމެނެ އެވެ. 

މައްސަލާގައި ބުނެފައިވާ ގޮތުން ސައީދު ވަނީ މަޖިލީހަށް ހާޒިރުކޮށް، އޭނާއާ މެމްބަރުން ކުރައްވާ ސުވާލުތަކަށް ސީދާ ޖަވާބު ދެއްވުމުގެ ބަދަލުގައި ސުވާލާ ނުގުޅޭ "ސިޔާސީ ވާހަކަ" ދައްކަވައި މަސްއޫލިއްޔަތުން ރެކިވަޑައިގެންފަ އެވެ. 

އަދި އަމިއްލަ ވިޔަފާރިވެރިންގެ މަސްލަހަތު ހިމާޔަތް ކުރުމުގެ ބަދަލުގައި ސަރުކާރު ހިއްސާވާ ކުންފުނިތައް އާންމު ވިޔަފާރީގެ ތެރެއަށް ވައްދައި އެތައް ވިޔަފާރިއަކާއި އަމިއްލަ ފަރުދުން ބިކޮށްފައި ކަމަށް ވެސް މައްސަލާގައި އެމްޑީޕީގެ މެމްބަރުން ތުހުމަތު ކުރައްވާފައި ވެ އެވެ. 

ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ބުނީ ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ގާނޫނުގެ މައިގަނޑު އެއް މަގުސަދަކީ އިގުތިސާދު ފަތުރުވެރިކަމަށް ބަރޯސާވާ މިންވަރު ކުޑަކޮށް ސިންދަފާތުކުރުން ކަމަށްވީ ނަމަވެސް ދައުލަތަށް ގެއްލުންވާ ގޮތަށް އެ ގާނޫނަށް އިސްލާހު ގެނެސް "ޓައުންޝިޕް"ގެ މަފްހޫމް ތައާރަފްކޮށްފައިވާ ކަމަށެވެ. 

މީގެ އިތުރުން ޓައުންޝިޕްތަކުގައި ބޭރު މީހުން ދިގު މުއްދަތަކަށް އުޅެވޭނެ ގޮތަށް "މޯލްޑިވްސް ޕާލް ރެސިޑެންސް"ގެ ނަމުގައި ރެސިޑެންސް ބައި އިންވެސްޓްމަންް ޕްރޮގްރާމެއް މިނިސްޓަރު ކުރިއަށް ގެންދާކަން ވެސް މައްސަލާގައި ފާހަގަކުރި އެވެ. 

އެ ޕްރޮގްރާމް މައްސަލައެއްގެ ގޮތަށް މައްސަލާގައި ފާހަގަކުރިއިރު، ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު ވަނީ އެ އަށް ތާއީދު ކުރައްވައި، އެއީ ރާއްޖެއަށް ފައިދާވާނެ ކަމެއް ކަމަށް ވިދާޅުވެފަ އެވެ. 

އެކަމަކު އެމްޑީޕީން މަޖިލީހަށް ހުށަހެޅި މިނިސްޓަރު ސައީދުގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ބުނީ އެ ޕްރޮގްރާމަކީ ކަޅު ފައިސާ ދޮވުމަށާއި ޓެކުހަށް މަކަރު ހެދުމަށް މަގުފަހިވާ، ރާއްޖޭގެ ސިޔާސަދަތީ ބާރުތަކަށް ނުރައްކާވެދާނެ ކަމެއް ކަމަށާއި މިފަދަ ކަންކަން މަޖިލީހުގެ އެއްވެސް ދައުރެއް ނެތި ކުރިއަށް ގެންދިޔުމަކީ މިނިސްޓަރަށް ގާނޫނީ ގޮތުން ލިބިދީީފައިވާ ބާރުގެ ނަހަމަ ގޮތުގަ ބޭނުން ކުރެއްވުން ކަމަށެވެ. 

އެ މައްސަލާގައި މަޖިލީހަށް ޖަވާބުދާރީވާން ސައީދަށް އެއް ގަޑިއިރުގެ ވަގުތު ދޭން މަޖިލީހުގެ އާއްމު ކޮމިޓީން ކުރިން ވަނީ ނިންމައިފަ އެވެ.