އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުގެ އިތުބާރު ނެތް ކަމަށް ބުނެ އޭނާ މަގާމުން ވަކިކުރަން އިދިކޮޅު އެމްޑީޕީގެ މެމްބަރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ މިއަދު ނާކާމިޔާބުވެއްޖެ އެވެ.

ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހަށް އެމްޑީޕީގެ 13 މެމްބަރަކު ހުށަހެޅުއްވި އެ މައްސަލާގައި މިއަދު ނެގި ވޯޓުގައި ސައީދުއާ ދެކޮޅަށް ވޯޓު ދެއްވީ އެންމެ 10 މެމްބަރުންނެވެ. އަދި އޭނާއާ އެއްކޮޅަށް ޕީއެންސީގެ 54 މެމްބަރަކު ވޯޓު ދެއްވި އެވެ. 

ސައީދު ވަކިކުރަން ހުށަހެޅި މައްސަލާގައި ތުހުމަތުކޮށްފައި އޮތީ ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި އޭނާ އިހުމާލުވެފައިވާ ކަމަށެވެ. އަދި މަޖިލީހަށް ޖަވާބުދާރީވެވަޑައިގަތުމުގެ ވާޖިބު އަދާކުރެއްވުމުގައި ވެސް އިހުމާލުވެ، މިނިސްޓަރުން ކުރުން މަނާކޮށްފައިވާ އަމަލުތަކެއް ހިންގަވާފައިވާ ކަމަށް ވެސް އެ ހުށަހެޅުމުގައި ތުހުމަތުކޮށްފައި އޮތެވެ. 

އިތުބާރު ނެތް ކަމުގެ މައްސަލާގައި ފާހަގަކޮށްފައިވާ ކަންކަން: 

- ޑޮލަރުގެ އަގު ކަޅު ބާޒަރުގައި މައްޗަށް ގޮސް ތަކެތީގެ އަގު އިންތިހާއަށް އުފުލުން.

- ދައުލަތުގެ މުދަލާއި ދައިސާ އަމާނަތްތެރިކަމާ އެކު ނުބެލެހެއްޓުން.

- ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވުމަށް ހުރަސްއެޅުން. 

- އަމިއްލަ ވިޔަފާރިތައް ހިމާޔަތްކުރުމުގައި ފެއިލްވުން. 

- އެސްއީޒެޑް ގާނޫނަށް ގެނައި އިސްލާހާއި ދައުލަތުގެ ސިޔާދަތަށް ނުރައްކާ އޮތުން.

މީގެ އިތުރުން ރާއްޖޭގެ އިގްތިސާދީ މަލަމަތި ބަދަލުކޮށްލާނެ ކަމަށް ބުނެ ތަފާތު އެކި ބިޔަ މަޝްރޫއުތައް އިއުލާން ކޮށްފައިވީ ނަމަވެސް އެ މަޝްރޫއުތައް ހުއްޓިފައި އޮތުން ވެސް ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ފާހަގަކޮށްފައިވެ އެވެ. 

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ތުހުމަތުތަކަށް ވަކިވަކިން ޖަވާބު ދެއްވައި އެ ތުހުމަތުތައް ސައީދު ދޮގުކުރެއްވި އެވެ.