ދައުލަތުން ދޭ ޔުނިވާސަލް ހެލްތު އިންޝުއަރެންސް "އާސަންދަ"އިގެ ބަދަލުގައި ހުރިހާ ރައްޔިތުން އެލައިޑް އިންޝުއަރެންސްގައި ބައިވެރިކުރަން ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު މުހައްމަދު ޝާހިދު މިއަދު ގޮވާލައްވައިފި އެވެ.
"ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ދޭ އަގުބޮޑު ހެލްތު އިންޝުއަރެންސް ކަނޑާލަން" ގޮވާލައި 7،000 އަށް ވުރެ ގިނަ މީހުން ސޮއިކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ޕެޓިޝަނަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރި ބަހުސްގައި ޝާހިދު ވިދާޅުވީ މެންބަރުން ބައިވެރިކޮށްފައިވާ ފަދަ އިންޝުއަރެންސް ސްކީމެއްގައި ހުރިހާ ރައްޔިތުން ބައިވެރިކޮށްފި ނަމަ ދައުލަަތަށް ހަރަދު ކުޑަވާނެ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ރައްޔިތުންނަށް ނުލިބޭ ފަދަ އަގުބޮޑު ހެލްތު އިންޝުއަރެންސް ޕެކޭޖެއް މެންބަރުންނަށް ދޭ ކަމަށް ބުނާ ބުނުމަކީ އޮޅުވާލުމެކެވެ.
"އަޅުގަނޑު މި ދަންނަވަނީ މިއަދު ވެސް، ދިވެހި ރައްޔިތުން އިންޝުއަރެންސް ޕެކޭޖްގައި ހިމަނަން ޖެހޭ ދިވެހި ދައުލަތަށް މާ ބޮޑަށް ވެސް ލުއިވާނެ. މާ ފަސޭހަވާނެ. އެކަމަކު ފަހުން ގަބޫލުކުރަން ޖެހޭނެ މީގަައި ޖެހުނީމާ އެއްކަލަ ޓިކެޓް ވެސް ނުލިބޭކަން. މިހާރު އާސަންދައިން އެބަ ލިބޭ ދެކޮޅު ޓިކެޓް، އެންސްޕާއަށް ލީމާ އަނެއްކާ އިތުރު އެލަވަންސެއް. އެކަމަކު އަޅުގަނޑުމެންނަކަށް [މެންބަރުންނަކަށް] ނެތް،" ޝާހިދު ވިދާޅުވި އެވެ.
މެންބަރުންނަށް ލިބޭ ހެލްތު އިންޝުއަރެންސަކީ މާ މޮޅު ސްކީމެއް ކަމަށް މީހުން ސިފަކުރާ ކަމަށް ވިދާޅުވެ ޕެޓިޝަނާ މެދު ނުރުހުން ފާޅުކުރައްވަމުން ޝާހިދު ސިފަކުރެއްވި ގޮތުގައި "އާސަންދަ" އަކީ ދައުލަތަށް އޮތް މާ ބޮޑު މާލީ ބުރައެއްގެ ގޮތުގަ އެވެ.
"ރަނގަޅު ވާހަކައެއް، ދިވެހިރައްޔިތުންނަށް ބޭސްފަރުވާ ލިބެން ޖެހޭ. އެކަމަކު މި ލިިބެން ޖެހޭ އެތި މިއޮތީ ހިލޭ ގޮސްގެން، ހުސްނުވާ އާސަންދަ [އަށް ވެފައި]. ދިވެހި ދައުލަތް ބަނގުރޫޓުވޭ އާސަންދައަށް ދައްކަމުން ދައްކަމުން ގޮސް،" ޝާހިދު ވިދާޅުވި އެވެ.
އޭނާ މިމޭރުމުން ވާހަކަދެއްކެވި އިރު ދައުލަތުގެ ބަޖެޓްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުން މިއަހަރަށް ފާސްކުރި 64.2 ބިލިއަން ރުފިޔާގެ ތެރެއިން އާސަންދައަށް ހާއްސަކޮށްފައި އޮތީ 2.02 ބިލިއަން ރުފިޔާ އެވެ. މިމަހުގެ އަށް ވަނަ ދުވަހު ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ ހިސާބުތަކުން ދައްކާ ގޮތުގައި އާސަންދައިގެ ބަޖެޓުން އެހާތަަނަށް ހަރަދުވެފައި ވަނީ 1.9 ބިލިއަން ރުފިޔާ އެވެެ.