ޅ. ހިންނަވަރުގެ އާބާދީ މަދުވިޔަ ނުދޭން އަޅާ ފިޔަވަޅެއްގެ ގޮތުން، އެ ރަށުގެ ރަށްވެހިކަން ދޫކޮށްލާ ނަމަ 2،000ރ.ގެ ފީއެއް ނަގާ ގޮތަށް ކައުންސިލުން ނިންމައިފި އެވެ. 

ހިންނަވަރު ކައުންސިލުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ އެ ރަށުގެ ރަށްވެހިކަން ދޫކޮށް، އެހެން ރަށްރަށަށް ބަދަލުވާ މީހުންގެ އަތުން އެ ގޮތަށް ފީ ނަގަން ނިންމީ އެކަމުގެ ސަބަބުން ހިންނަވަރުގެ އާބާދީއަށް "ނުރަނގަޅު އަސަރު ކުރާކަން" ފާހަގަކުރެވޭތީ ކަމަށެވެ.

އެ ރަށުގައި މިހާރު ދިރިއުޅޭ އާބާދީ އަކީ 2،000 އެވެ.  

ކައުންސިލުގެ އިއުލާނުގައި ބުނީ ފީއެއް ނަގަން ނިންމީ، ހިންނަވަރު ރަށްވެހިން ހިންނަވަރުގެ ރަށްވެހިކަން ދޫކޮށް އެހެން ރަށްރަށަށް ބަދަލުވުމަކީ ހިންނަވަރުގެ އާބާދީގެ އަދަދަށް ނުރަނގަޅު އަސަރުކުރާ ކަމެއްކަމަށް ފާހަގަ ކުރެވޭތީ އާއި ހިންނަވަރުގެ އާބާދީ އިތުރުކުރުމަށް ބާރުއެޅުމުގެ ގޮތުންނެވެ. 

އެ ޕޯސްޓްގައިވާ ގޮތުން އެ އުސޫލަށް އަމަލުކުރަން ފަށާނީ އަންނަ ސެޕްޓެމްބަރުމަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ.

"...ރަށްވެހިކަން ބަދަލުކޮށްދިނުމުގެ ހިދުމަތުގެ އިދާރީ ފީގެ ގޮތުގައި 2،000ރ. ނެގުމަށް ކައުންސިލުން ނިންމާފައިވާ ކަމުގައި އާއްމުކޮށް އަންގާ އިއުލާން ކުރީމެވެ،" އިއުލާނުގައި ވެ އެވެ. 

އެގޮތަށް ނިންމީ އެކައުންސިލުގެ ބައްދަލުވުމަކަށް ހުށަހަޅައި ފާސްކޮށްގެން ކަމެއް ނުވަތަ ނޫން ކަމެއް ހިންނަަވަރު ކައުންސިލްގެ ޕޯސްޓްގައި ނުބުނެ އެވެ.

ދިވެހިރާއްޖޭގެ ރަށެއްގެ ރަށްވެއްސަކަށް ވުމާ ބެހޭ ގާނޫނުގައިވާ ގޮތުން، މީހަކު ރަޖިސްޓްރީ ވެފައިވާ ރަށް ނޫން އެހެން ރަށަކަށް ރަޖިސްޓްރީ ބަދަލުކުރުމުގެ ޝަރުތު ހަމަވެ، އޭނާ ބަދަލުވާން އެދޭ ރަށަށް ރަޖިސްޓްރީކޮށްދިނުމާ އެކު އޭނާ ކުރިން ރަޖިސްޓްރީކޮށްފައި އޮތް ރަށުގެ ރަޖިސްޓްރީން އުނިކުރުމަކީ ގާނޫނީ ގޮތުން އެރަށަކުން ކުރަން ޖެހޭ ކަމެކެވެ.