ހިންނަވަރުން އެމްޑީޕީ އަށް ލިބުނު ނާކާމިޔާބަށް އިބޫގެ ޖަވާބު

ސިޔާސީ މައިދާނުގައި ޅ. ހިންނަވަރު މަޝްހޫރުވެފައި އޮންނަނީ "ރަތްލާ ޖެހި އެމްޑީޕީގެ ރަށެއް"ގެ ގޮތުގަ އެވެ. ނަމަވެސް މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ހިންނަވަރުގެ އެ ތާރީޚް ވަނީ ބަދަލުކޮށްފަ އެވެ.


ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވި ގޮތުގައި މި އިންތިހާބުގައި ހިންނަވަރުން އެމްޑީޕީ އަށް ނާކާމިޔާބު ވީ ރަށުގައި ދިރިއުޅޭ މީހުންނަށް ވަޒީފާގެ ބިރު ދެއްކުމުންނެވެ. އަދި ދެ ވަނަ ސަބަބަކީ އިންތިހާބު ކާމިޔާބު ކުރަން އެކަށީގެންވާ ވަރަށް ކެމްޕެއިން ނުކުރެވުމެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ "ކިއްލާ" އެއްގެ ގޮތުގައި އޮތް ހިންނަވަރުގެ މެޖޯރިޓީ ނެގީ ވެރިކަން ކުރާ ޕީޕީއެމުންނެވެ. އިންތިހާބުގެ ވަގުތީ ނަތީޖާ މިހާތަނަށް ދައްކާ ގޮތުން ޕީޕީއެމަށް ހަތަރު ގޮނޑި ލިބިފައިވާއިރު، އެމްޑީޕީ އަށް ލިބުނީ އެންމެ ގޮނޑިއެކެވެ.

މީގެ ކުރިން ބޭއްވި އިންތިހާބުތަކުގައި ހިންނަވަރުން އެމްޑީޕީ އަށް ފުރިހަމަ ތާއީދެއް ލިބެ އެވެ. އެ ގޮތުން ކުރިން އޮތް ދެ ކައުންސިލް އިންތިހާބުގެ ހުރިހާ ގޮނޑި އެއް ނެގީ އެމްޑީޕީންނެވެ. އަދި މަޖިލިސް އިންތިހާބާއި ރިޔާސީ އިންތިހާބުގައި ވެސް ބޮޑު މެޖޯރިޓީއެއް ހޯދަނީ އެމްޑީޕީންނެވެ.

ހިންނަވަރުގެ ގޮނޑިތައް ގެއްލުނީމަ ވަރަށް ބޮޑަށް ދެރަވޭ، --އިބޫ

"މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި އިބޫ ވިދާޅުވީ ހިންނަވަރު ދާއިރާގެ ގޮނޑިތައް ގެއްލުނީ ތާއީދު ނެތިގެން ނޫން ކަމަށެވެ. ރަށުގެ ގިނަ ރައްޔިތުން ޅ. ފެލިވަރުގައި ވަޒީފާ އަދާކުރަމުން އަންނަ އިރު، އެ މީހުންނަށް ވޯޓު ދިނުމަށް މަޖުބޫރު ކުރި ކަމަށް ވެސް އޭނާ ތުހުމަތުކުރެއްވި އެވެ.

"އޭގެ ތެރެއިން ވަރަށް ގިނަ ބަޔަކާ އަޅުގަނޑާ ބައްދަލުވި. ވަރަށް ދެރަވެ، ތިބެފައި ބުނީ އިތުރު ގޮތެއް ނެތިގެންނޭ ވޯޓު ދިނީ، ވޯޓު ނުދީފިނަމަ ވަޒީފާ އިން ވަކި ކުރާނަމޭ ބުންޏޭ،" އިބޫ ވިދާޅުވި އެވެ.

އިބޫ. ކުރިއަށް އޮތް އިންތިހާބުތަކުގައި ކާމިޔާބު ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އޭނާ ވިދާޅުވި. - ފޮޓޯ: މިހާރު

ހިންނަވަރުން އެމްޑީޕީ އަށް ނާކާމިޔާބުވުމުގައި އިބޫ ފާހަގަ ކުރައްވާ އަނެއް ސަބަބަކީ އެކަށީގެންވާ ގޮތެއްގައި ކެމްޕެއިން ނުކުރެވުމެވެ. އިބޫ ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބުގައި ކެމްޕެއިންގައި ދާއިރާގެ މެމްބަރެއްގެ ހައިސިއްޔަތުން ދެއްވަން ޖެހޭ އެހީތެރިކަން ނުދެވުނު ކަމަށެވެ. އެ ގޮތުން ކެމްޕެއިން ދުވަސްވަރު ހިންނަވަރަށް ވަޑައިގެންނެވުނީ އެންމެ ދެ ފަހަރު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު އެކަމުގެ ޒިންމާ ނަގަން، އަޅުގަނޑުގެ ފަރާތުން އިހުމާލެއް އޮތް ނަމަ، އެކަން ގަބޫލު ކުރަން،" ގިނަ އަހަރުތަކެއް ވަންދެން ހިންނަވަރު ދާއިރާގެ މަޖިލިސް ގޮނޑި ދިފާއުކުރައްވަމުން ގެންދަވާ އިބޫ ވިދާޅުވި އެވެ.

"ހިންނަވަރުގެ ގޮނޑިތައް ގެއްލުނީމަ ވަރަށް ބޮޑަށް ދެރަވޭ،"

އިބޫ ވިދާޅުވި ގޮތުގައި ހިންނަވަރަށް ވަޑައިގެން ކެމްޕެއިންގައި ބައިވެރިވެވަޑައިނުގެންނެވުނީ އެމްޑީޕީގެ ތެރެއިން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަން ހުރެގެންނެވެ.

ކުރިއަށް އޮތް ތަނުގައި ދާއިރާ އަށް ވަގުތު ދެއްވޭނީ އެމްޑީޕީން މަތިކޮށްފައިވާ ބައެއް މަސްއޫލިއްޔަތުތައް ދޫކޮށްލައްވައިގެން ކަމަށް ވެސް އިބޫ ވިދާޅުވި އެވެ. އަދި ކުރިއަށް އޮތް އިންތިހާބުތަކުގައި އެމްޑީޕީ އަށް ކާމިޔާބު ލިބޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ލޯކަލް ކައުންސިލް އިނތިްހާބުގައި ބެހެއްޓި ވޯޓު ފޮއްޓެއްގެ ވޯޓު ގުނަނީ.-- ފޮޓޯ: ހުސެން ވަހީދު /މިހާރު

"ދާއިރާ އަށް ވަގުތު ދޭން ބޭނުންވޭ. އެ ފުރުސަތު ޕާޓީ ތެރެއިން ހޯދާނަން. ޕާޓީ އަށް ދެރައެއް ދޭކަށް ނޫން މިއުޅެނީ. ޕާޓީގެ ކުރިއެރުމަށް ކޮށްދެވެން ހުރި ހުރިހާ ކަމެއް ކޮށްދޭނަން،" އިބޫ ވިދާޅުވި އެވެ.

ކުރިއަށް އޮތް އިންތިހާބުތަކުގައި ވަޒީފާގެ ބިރު ދައްކައިގެން، އިންތިހާބުތައް ކާމިޔާބު ކުރުމުގެ ފުރުސަތު ޕީޕީއެމަށް ނެތް ކަމަށާއި އެމްޑީޕީން "ރައްޔިތުންނަށް ވިސްނައިދޭނެ" ކަމަށް ވެސް އިބޫ ވިދާޅުވި އެވެ.

"ދާއިރާގެ ރައްޔިތުންނަށް ވިސްނައިދޭނަން. އެކަން މި ފަހަރު ނުކުރެވުނީ. އާއިލާތަކަށް ވަރަށް ބޮޑަށް މަޖުބޫރުކޮށްގެން (ހިންނަވަރުން) ވޯޓު ހޯދާފައި ހުރީ،" އިބޫ ވިދާޅުވި އެވެ.

ވަރަށް ގިނަ ބަޔަކާ އަޅުގަނޑާ ބައްދަލުވި. ވަރަށް ދެރަވެ، ތިބެފައި ބުނީ އިތުރު ގޮތެއް ނެތިގެންނޭ ވޯޓު ދިނީ، ވޯޓު ނުދީފިނަމަ ވަޒީފާ އިން ވަކި ކުރާނަމޭ ބުނީ، -- އިބޫ

އާބާދީ ބޮޑެތި ރަށްތަކުގެ ތެރެއިން ހިންނަވަރުން ޕީޕީއެމަށް މެޖޯރިޓީ ލިބުނުއިރު، މިހާތަނަށް އާއްމުކޮށްފައިވާ ނަތީޖާތަކުން ދައްކާ ގޮތުގައި ތިން ކައުންސިލްގެ ސާފު އަޣުލަބިއްޔަތު އޮތީ އިދިކޮޅު އެމްޑީޕީ އަށެވެ. އެއީ މާލޭ ސިޓީ ކައުންސިލްގެ 13 ގޮނޑީގެ ތެރެއިން 12 ގޮނޑި އާއި އައްޑޫ ސިޓީ ކައުންސިލްގެ ހުރިހާ ގޮނޑިތަކާއި ފުވައްމުލަކު ސިޓީ ކައުންސިލްގެ ތިން ގޮނޑީގެ ތެރެއިން ދެ ގޮނޑި އެވެ.

އެއާ އެކު، އާބާދީ ބޮޑެތި ކައުންސިލްތަކުގެ މެޖޯރިޓީ ވެސް ލިބުނީ އެމްޑީޕީ އަށެވެ. އިދިކޮޅު އެމްޑީޕީން ބުނެފައިވާ ގޮތުގައި އެތައް ފިއްތުންތަކާއި ބިރުދެއްކުންތަކާ އެކު ވެސް އިންތިހާބުގެ ސާފު އަޣުލަބިއްޔަތު އެ ޕާޓީ އާއި އިދިކޮޅު ޕާޓީތަކަށް ވަނީ ލިބިފަ އެވެ.