އިބޫގެ އުފަން ރަށާއި ތިން އަތޮޅަކަށް ފުރާވަޑައިގެންފި

އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގެ އުފަން ރަށް، ޅ. ހިންނަވަރާއި ތިން އަތޮޅެއްގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރު މިއަދު ފައްޓަވައިފި އެވެ.


މި މަހުގެ 23 ގައި ބާއްވާ ރިޔާސީ އިންތިޚާބުގެ ކެމްޕެއިނަށް ޅ. އަތޮޅުގެ ހުރިހާ ރަށަކަށް އިބޫ ވަޑައިގަންނަވާއިރު، އއ. އަތޮޅާއި އދ. އަތޮޅުގެ އިތުރުން ކ. އަތޮޅުގެ ބައެއް ރަށްތަކަށް ވެސް ވަޑައިގަންނަވާނެ އެވެ. އެގޮތުން، އިބޫ އެންމެ ފުރަތަމަ ވަޑައިގަންނަވާނީ އއ. ތޮއްޑޫ އަށެވެ.

ތޮއްޑޫގެ އިތުރުން، އއ. ރަސްދު އާއި އއ. މަތިވެރިއަށް ވަޑައިގަންނަވާ އިރު، މިރޭ އދ. މާމިގިލީގައި އިދިކޮޅު ކޯލިޝަންގެ ބޮޑު ޖަލްސާއެއް ބާއްވާނެ އެވެ. މާދަމާ އިބޫ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އދ. ދިގުރަށަށާއި އދ. މަހިބަދޫއަށާއި އއ. ބޮޑުފުޅަދުއަށެވެ.

އިބޫގެ އުފަން ރަށް ކަމުގައިވާ ޅ. ހިންނަވަރަށް މާދަމާ ހަވީރު ވަޑައިގަންނަވާއިރު، އޭގެ ކުރިން، ޅ. ކުރެންދޫގައި ތިބި އިދިކޮޅު ސަޕޯޓަރުންނާ ބައްދަލު ކުރައްވާނެ އެވެ. އަދި އިދިކޮޅު ކޯލިޝަންގެ ބޮޑު ޖަލްސާއެއް މާދަމާ ރޭ ހިންނަވަރުގައި ބޭއްވުމަށް ވަނީ ނިންމައިފަ އެވެ.

މީގެއިތުރުން، ހޮނިހިރު ދުވަހު ޅ. އޮޅުވެލިފުއްޓާއި ކ. ގާފަރާއި ކ. ދިއްފުއްޓާއި ކ. ކާށިދޫ އާއި ޅ. ނައިފަރަށް ވަޑައިގަންނަވާނެ އެވެ. އަދި ނައިފަރުގައި ބޮޑު ޖަލްސާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް އިބޫ 100 އަށް ވުރެ ގިނަ ރަށްތަކަށް ވަޑައިގެން، އިދިކޮޅު ސަޕޯޓަރުންނާ ވަނީ ބައްދަލު ކުރައްވައިފަ އެވެ. އިބޫ އެންމެ ފަހުން ވަޑައިގެންނެވީ ށ. އަތޮޅާއި ނ. އަތޮޅުގެ ބައެއް ރަށްތަކަށެވެ. އެ ރަށްތަކުގެ ގިނަ ބަޔަކު ނުކުމެ، އިބޫ އަށް ހޫނު މަރުހަބާއެއް ދެންނެވި އެވެ.