އިންޖިނިއަރުންގެ އެވޯޑަށް ކުރިމަތިލާން ހުޅުވާލި މުއްދަތު އިތުރުކޮށްފި އެވެ. 

ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން އިންޖިނިއަރުންގެ އެވޯޑަށް ހުޅުވާލީ މިމަހުގެ ހަ ވަނަ ދުވަހެވެ. އެކަމަށް ހުޅުވާލި ފުރުސަތު ހަމަވާން އޮތީ މިއަދު އެވެ. 

އެކަމަކު އެ އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ ހަފްތާގެ ބުރާސްފަތީގެ ނިޔަލަށް މިހާރު ވަނީ އިތުރުކޮށްފަ އެވެ. 

މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ އިންޖިނިއަރުންގެ އެވޯޑު ދިނުމާ ގުޅޭ އުސޫލުގައި ބަޔާންކޮށްފައިވާ ޝަރުތުތައް ހަމަވާ އެވޯޑަށް އެދި އަންނަ ހަފްތާގެ ބުރާސްފަތި ދުވަހުގެ މެންދުރު 2:00 ގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ. 

ސަރުކާރުގެ އިދާރާތަކަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށާއި އިންޖިނިއަރިން މަސައްކަތް ކުރާ ކުންފުނިތަކާއި ފާމުތަކާއި ކޮންޓްރެކްޓަރުންނާއި ކޮންސަލްޓަންޓުންނާއި މަޝްރޫއުތައް ހިންގާ ޕްރޮޖެކްޓް ޓީމުތަކާއި އަދި ތައުލީމީ ދާއިރާ ނުވަތަ ދިރާސާކުރާ ޓީމުތަކަށް ވެސް އެވޯޑަށް ކުރިމަތިލެވޭނެ އެވެ.

އުސޫލުގައި ބަޔާން ކޮށްފައިވާ ޝަރުތު ހަމަވާ ނަމަ mv.gov.infrastructure.awards މެދުވެރިކޮށް އެވޯޑަށް ހުށަހެޅޭނެ އެވެ.

އެ އުސޫލުގައި ބުނާގޮތުން 10 ދާއިރާއަކަށް އެވޯޑު ދޭނެ އެވެ. އެއީ

  1. އިންޖިނިއާ އޮފް ދަ އިޔާ
  2. ލައިފްޓައިމް އެޗީވްމަންޓް އެވޯޑް
  3. ޔަންގް އިންޖިނިއާ އެވޯޑު
  4. އިންޖިނިއަރިން އިނޮވޭޝަން، ޓެކްނޮލޮޖީ، އެޑިޔުކޭޝަން އެންޑް ރިސާޗް އެވޯޑުު
  5. ސަސްޓެއިނެބިލިޓީ ޗެމްޕިއަން އެވޯޑުު
  6. އިންޖިނިއަރިން ކޮންސަލްޓް/ ކޮންސަލްޓެންސީ ފާމް އޮފް ދަ އިޔާ އެވޯޑު
  7. ސްޓޫޑެންޓް އިނޮވޭޓާ އެވޯޑު
  8. ކޮމިއުނިޓީ އިމްޕެކްޓް އެވޯޑު
  9. ކޮންޓްރެކްޓާ އޮފް ދަ އިޔާ އެވޯޑު
  10. ވިމެން އިން އިންޖިނިއަރިން އެވޯޑު

ރާއްޖޭގައި އިންޖިނިއަރުންގެ ދުވަހެއް ފުރަތަމަ ފަހަރަށް ފާހަގަކުރާނެކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރެއްވީ މިދިޔަ އަހަރުގެ ޖޫން މަހުގެ 15 ވަނަ ދުވަހެވެ. 

ކޮންމެ އަހަރެއްގެ އޮގަސްޓް 30 ވަނަ ދުވަހު ރާއްޖޭގައި އިންޖިނިއަރުންގެ ދުވަސް ފާހަގަކުރުމަށް ރައީސް ނިންމެވީ ދިވެހި އިންޖިނިއަރުން ގައުމަށް ކޮށްދޭ ހިދުމަތުގެ އަގުވަޒަންކޮށް އެވޯޑު ދިނުމުގެ ގޮތުންނެވެ.