ރާއްޖޭގެ 164 ރަށެއްގެ ސްކޫލް ދަރިވަރުން، އިންޖިނިއަރުންގެ ދުވަސް ފާހަގަކުރަން ތިލަމާލެ ބްރިޖާއި އިންޖީނުގެތަކާއި ތަރައްގީގެ މަޝްރޫއުތައް ހިނގާ ސައިޓްތަކަށް އިއްޔެ ޒިޔާރަތްކޮށްފި އެވެ. 

ހެނދުނު ނުވައަކުން ފެށިގެން ކުރިއަށް ގެންދިޔަ އެ ހަރަކާތުގައި ރާއްޖޭގެ 164 ރަށަކުން ގިނަ އަދަދެއްގެ ދަރިވަރުން ބައިވެރިވި އެވެ. 

އެ ދަރިވަރުން ވަނީ ފެނަކަ ކޯޕަރޭޝަނާއި ސްޓެލްކޯގެ އިންޖީނުގެތަކަށާއި އެމްޑަބްލިއުއެސްސީގެ ފެސިލިޓީތަކުގެ އިތުރުން އެމްޓީސީސީން ކުރިއަށްގެންދާ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކުގެ ސައިޓުތަކަށް ޒިޔާރަތްކޮށްފަ އެވެ.

އިންޖިނިއަރުންގެ ދުވަސް ފާހަގަ ކުރުމަށް ރަށެއްގެ ދަރިވަރުން އެ ރަށުގެ އިންޖީނުގޭގައި. -- ފޮޓޯ: އުމްރާނީ ތަރައްގީއާ ބެހޭ މިނިސްޓްރީ
އިންޖިނިއަރުންގެ ދުވަސް ފާހަގަ ކުރުމަށް ރަށެއްގެ ދަރިވަރުން އެ ރަށުގެ އިންޖީނުގޭގައި. -- ފޮޓޯ: އުމްރާނީ ތަރައްގީއާ ބެހޭ މިނިސްޓްރީ

އުމްރާނީ ތަރައްގީއާ ބެހޭ މިނިސްޓްރީން ބުނީ އެތަންތަނުގައި އިންޖިނިއަރިންގެ މަސައްކަތްތައް ހިނގަމުންދާ ގޮތް ދަރިވަރުންނަށް އަމަލީ ގޮތުން ކިޔައިދިނުމުގެ އިތުރުން، މަސައްކަތާ ގުޅޭ މައުލޫމާތު ސާފުކުރުމާއި ސުވާލުކުރުމުގެ ފުރުސަތު ދަރިވަރުންނަށް ފަހިކޮށްދީފައިވާ ކަމަށެވެ.

މި ހަރަކާތުގެ ތެރެއިން ސީއެޗްއެސްއީ އާއި މާލެ ވޮކޭޝަނަލް ހައި ސްކޫލުގެ 45 ދަރިވަރުން ތިލަމާލެ ބްރިޖް މަޝްރޫއުގެ ސައިޓަށް ދެ ސެޝަނަކަށް ބަހާލައިގެން ގެންދިޔަ ކަމަށް މިނިސްޓްރީން ބުންޏެވެ. 

މި ބްރިޖަކީ ރާއްޖޭގައި މިހާރު ހިނގާ އުމްރާނީ ތަރައްގީގެ އެންމެ ބޮޑު އެއް މަޝްރޫއު އެވެ. 

އިންޖިނިއަރުންގެ ދުވަސް ފާހަގަ ކުރުމަށް ރަށެއްގެ ދަރިވަރުން އެ ރަށުގެ އިންޖީނުގެއަށް ޒިޔާރަތް ކުރަނީ-- ފޮޓޯ: އުމްރާނީ ތަރައްގީއާ ބެހޭ މިނިސްޓްރީ
އިންޖިނިއަރުންގެ ދުވަސް ފާހަގަ ކުރުމަށް ރަށެއްގެ ދަރިވަރުން އެ ރަށުގެ އިންޖީނުގެއަށް ޒިޔާރަތް ކުރަނީ-- ފޮޓޯ: އުމްރާނީ ތަރައްގީއާ ބެހޭ މިނިސްޓްރީ

މިނިސްޓްރީން ބުނި ގޮތުގައި ދަރިވަރުން އެ ތަންތަނަށް ގެންދިއުމުގެ ބޭނުމަކީ އިންޖިނިއަރިން ދާއިރާއަށް އަހުލުވެރިކޮށް، އެ ދާއިރާއާ ގުޅުން ހުރި މައުލޫމާތު ފޯރުކޮށްދިނުމެވެ. 

ރާއްޖޭގެ އިންޖިނިއަރުންގެ ދުވަސް ފާހަގަކުރާނީ ކޮންމެ އަހަރެއްގެ ވެސް އޮގަސްޓު 30 ގަ އެވެ. އަލަށް ފާހަގަކުރަން ފެށި މި ދުވަހު، އިންޖިނިއަރުންގެ ހިދުމަތުގެ އަގު ވަޒަންކޮށް މި ދާއިރާ އަށް ޝައުގުވެރިކަން އުފެއްދުމަށް ސަރުކާރުން އަންނަނީ ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ.