އަމީނިއްޔާ ސްކޫލުގެ ދަރިވަރުންތަކެއް އެ ސްކޫލަށް މަސްތުވާތަކެތި ގެންދިޔަ ކަމަށް ބުނާ މައްސަލާގައި އެފަދަ ކަމެއް ހިނގާފައި ނެތް ކަމަށް ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
މީގެ ދުވަސްކޮޅެއް ކުރިން، އަމީނިއްޔާ ސްކޫލުގެ ގްރޭޑް 5 ގެ ދަރިވަރުންތަކެއް ކްލާހުގެ އެހެން ދަރިވަރުންތަކަކަށް މަސްތުވާތަކެތި ދީގެން އުޅޭ ކަމަށް ބުނާ ވާހަކަތަކެއް ސޯޝަލް މީޑިއާގައި އާންމުވި އެވެ.
އޭގެ ފަހުން މިއަދު ސޯޝަލް މީޑިއާއަށް ފެންމަތިވީ އެ ސްކޫލުގެ ގްރޭޑް 10 ގެ ކްލާހެއްގައި ދަރިވަރަކު މަސްތުވާތަކެތި ގެންގުޅޭ ކަމުގެ ތުހުމަތުވާ މައްސަލައެއް ތަހުގީގު ކުރާ ކަމަށް ބުނެ އެވެ.
އެކަމާ ގުޅޭގޮތުން ސުވާލު ކުރުމުން ޝިޔާމް "މިހާރު" އަށް ވިދާޅުވީ އެ ސްކޫލުގެ އެފަދަ އެއްވެސް މައްސަލައެއް ރިޕޯޓުކޮށްފައި ނުވާ ކަމަށެވެ.
"އެކަމާ ގުޅިގެން ސްކޫލު އަދި ބެލެނިވެރިން އަދި ދަރިވަރުންގެ ފަރާތުން ވެސް މިފަދަ އެއްވެސް ކަމެއް ހިނގާފައިވޭތޯ އަދި އެއްވެސް ކަހަލަ ރިޕޯޓެއް ނުވަތަ ޝަކުވާއެއް ވެސް އައިސްފައިވޭތޯ ބެލި ބެލުމުން އެފަދަ ކަމެއް ނުވާ ކަމަށް ވަނީ ޔަގީން ކުރެވިފައި،" އޭނާ ވިދާޅުވި އެވެ.
ފުލުހުން ވަނީ ދަރިވަރުންނާ ގުޅޭ އެފަދަ ދޮގު ވާހަކަތައް ނުފެތުރުމަށް އެދިފަ އެވެ.
އެކަމާ ގުޅޭގޮތުން އެޑިޔުކޭޝަން މިނިސްޓްރީގެ ބަހެއް އަދި ނުލިބެ އެވެ.