ހއ. ބާރަށުގައި އުމުރުން 18 އަހަރުން ދަށުގެ ކުޑަކުދިން ރޭގަނޑު ބެލެނިވެރިއަކާ ނުލައި ގެއިން ބޭރުގައި އެކަނި އުޅުން އެރަށު ކައުންސިލުން މިއަދުން ފެށިގެން މަނާކޮށްފި އެވެ.
ބާރަށު ކައުންސިލުން ނެރުނު މިއަދު އިއުލާނެއްގައި ބުނީ މިހާރަކަށް އައިސް ކުޑަކުދިންނާއި ދަރިވަރުން ގޮނޑުދޮށާއި ފިނި މައިޒާންތަކާއި ހޮޓާ އަދި ކެފޭތަކުގެ އިތުރުން އެކަހެރި ސަރަހައްދުތަކުގައި ރޭގަނޑު ދަންވަންދެން އުޅޭކަން ކަމަށެވެ.
އެ ކުދިން އުޅެނީ އެއްވެސް ބޭނުމެއް ނެތި އަދި މުޖުތަމައު ބަލައިނުގަނެވޭނެ ފަދަ އަހުލާގީ މިންގަނޑުތަކާ ހިލާފަށް ކަމަށާއި އޭގެ ސަބަބުން އިޖުތިމާއީ ގޮތުން ނޭދެވޭ އަސަރުކޮށް އަހުލާގީ މައްސަލަ ކުރިމަތިވާނެ ކަމަށް އެ ބަޔާނުގައިވެ އެވެ.
އެހެންވެ، ރަށުގެ ޖަމްއިއްޔާތަކާއި ތައުލީމީ އަދި ފަންނީ ތަމްރީނުދޭ މަރުކަޒުތަކުން ކުޑަކުދިން ބައިވެރިކޮށްގެން ހަރަކާތްތައް ރާވައި ހިންގާއިރު އެވަގުތުތަކަށް ސަމާލުކަންދީގެން ކަންކަން އިންތިޒާމުކުރުމަށް ކައުންސިލުން ވަނީ އެދިފަ އެވެ.
"މިއަދު، ސެޕްޓެމްބަރު 24، 2026 ވީ ބުރާސްފަތި ދުވަހުން ފެށިގެން މުހިންމު އެއްވެސް ބޭނުމެއް ނެތި އުމުރުން 18 އަހަރުން ދަށުގެ ކުދިންނާއި ސްކޫލު ކުދިން ރޭގަނޑު 9:00 ގެ ފަހުން ބެލެނިވެރި ފަރާތެއް ނުވަތަ ކުއްޖާގެ ބަދަލުވެރި ފަރާތަކާއެކު ނޫނީ ރަށުތެރޭގައި ހަރަކާތްތެރިވެ އުޅުމަކީ މަނާ ކަމެކެވެ،" އެ ބަޔާނުގައިވެ އެވެ.
ކައުންސިލުން ބުނީ ގައުމު ބިނާކުރުމާއި އާއިލީ ދުޅަހެޔޮކަން ދެމެހެއްޓުމުގައި އަންނަން އޮތް ޖީލުތަކުގެ ދައުރު ވަރަށް މުހިންމު ކަމަށެވެ. އެހެންކަމުން އެ ޖީލުތައް ހެޔޮ ގޮތުގައި ތަރުބިއްޔަތު ކުރުމަށްޓަކައި ކުޑަކުދިން ރައްކާތެރި ކުރުމަކީ ކޮންމެ ފަރުދެއްގެ ވެސް މުހިންމު ޒިންމާއެއް ކަމަށް ވެސް ކައުންސިލުން ބުންޏެވެ.
ބާރަށު ކައުންސިލުން އެގޮތަށް ނިންމިއިރު، ރ. ވާދޫ ސްކޫލްގެ ދަރިވަރުންގެ އަހުލާގު ހަރުދަނާ ކުރުމަށްޓަކައި ހާއްސަ ފިޔަވަޅުތަކެއް އެޅުމުގެ ގޮތުން އެރަށުގައި ވެސް ރޭގަނޑު 9 ގެ ފަހުން ކުޑަކުދިން އެކަނި ބޭރުގައި އުޅުން ވަނީ މަނާކޮށްފަ އެވެ.