ޔުނިވާސަލް ފައުންޑޭޝަންގެ ފަރާތުން ސްކޮލާޝިޕްގައި ކިޔަވާ ދަރިވަރުންނަށް ސްޓައިޕެންޑް ފައިސާ ދެން ދޫކުރާނީ ރުފިޔާއިން ކަމަށް އަންގައިފި އެވެ.
އެ ކުންފުނިން ދަރިވަރުންނަށް އިއްޔެ ފޮނުވި މެމޯއެއްގައި ބުނީ ރާއްޖޭގައި އަމަލުކުރެވެމުންދާ ބޭރު ފައިސާގެ ގަވާއިދުތަކާ އެއްގޮތަށް، ޔުނިވާސަލް ފައުންޑޭޝަނުން ދެމުންދާ ސްކޮލާޝިޕްގެ ފައިސާ ދެއްކުން، ޑޮލަރުން ދިވެހި ރުފިޔާއަށް ބަދަލުކޮށްފައިވާ ކަމަށެވެ.
އެ ބަދަލާއެކު ސްކޮލާޝިޕް ސްޓައިޕެންޑް ދެއްކޭނީ ރާއްޖޭގެ ބޭންކު އެކައުންޓްތަކަށް ދިވެހި ރުފިޔާއިން ކަމަށާއި ދަރިވަރުންގެ ރުފިޔާ އެކައުންޓުތަކުގެ ތަފްސީލު ދިނުމަށް ވެސް އެދިފައިވެ އެވެ.
ދަރިވަރުން ޔުނިވާސިޓީތަކަށް ދައްކަން ޖެހޭ ފީ، ފައިސާ ދައްކާ އިންވޮއިސްގައިވާ ފައިސާއިން ނުވަތަ ޑޮލަރުން ދެއްކިދާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. ނަމަވެސް، އިންވޮއިސް ފޮނުވާ ބޭންކުން ރުފިޔާއިން ޓީޓީ ހެދުމުގެ ހުއްދަދޭނަމަ، ފައުންޑޭޝަނުން ފައިސާ ދައްކާނީ ކަނޑައެޅިފައިވާ އެކްސްޗޭންޖް ރޭޓާއި ބޭންކިންގް ގަވާއިދުތަކަށް ބަލައި ދިވެހި ރުފިޔާއިން ކަމަށް ވެސް ޔުނިވާސަލުން ބުންޏެވެ.
ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި ފާހަގަ ކޮށްލެވޭ އެންމެ ބޮޑު އެއް ކުންފުނިން އެ ބަދަލު ގެނައުމަށް ނިންމީ އަލަށް އަމަލުކުރަން ފެށި ގަވާއިދުތަކަށް ފުރިހަމައަށް އަމަލުކުރުމުގެ ގޮތުން ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
އެކަމާ ގުޅޭ އިތުރު މައުލޫމާތު ބޭނުންވާނަމަ އީމެއިލް ކުރުމަށް ވަނީ އެދިފަ އެވެ.
ރިސޯޓުތަކަށް ބޭރު ފައިސާއިން ލިބޭ އާމްދަނީގެ 40 ޕަސެންޓު ބޭންކުތަކަށް ކޮންމެ މަހަކު މާރުކުރަންޖެހޭ ގޮތަށް ބޭރު ފައިސާއާ ބެހޭ ގާނޫނު ބަދަލުކުރަން ރައްޔިތުންގެ މަޖިލީހުން މިދިޔަ ބުދަ ދުވަހު ފާސްކުރި ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވަނީ ތަސްދީގުކުރައްވައިފަ އެވެ.
ބޭރު ފައިސާ އިން އާމްދަނީ ލިބޭ ވިޔަފާރިތަކުގެ ތެރެއިން ބޭރު ފައިސާ މާރުކުރަން ޖެހޭ ވިޔަފާރިތަކުގެ ކެޓަގަރީ މަތިކުރަން ސަރުކާރުގެ ފަރާތުުން ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު ހުށަހަޅުއްވާފައިވާ ބިލަށް، ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު މަމްދޫހު ހުށަހެޅުއްވި އިސްލާހުގައިވާ ގޮތުން އޭ ކެޓަގަރީގެ ވިޔަފާރިތަކަށް މަހަކު ލިބޭ ބޭރު ފައިސާގެ 40 ޕަސެންޓް ރާއްޖޭގެ ބޭންކަަކަށް މާރުކުރަން ޖެހޭނެ އެވެ.
ބިލްގައިވާ ގޮތުން ބޭރު ފައިސާގެ 40 ޕަސެންޓު ރާއްޖޭގެ ބޭންކަކަށް މާރުކުރުން ފަށަން ޖެހޭނީ މާދަމާ އިން ފެށިގެންނެވެ.