މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ތެޔޮ އަގުބޮޑުވުމުން، މަސްދޯނިފަހަރަށް ދޭން ފެށި ސަބްސިޑީ ހޯދަން ފިޝަރީޒް މިނިސްޓްރީގެ "ފަހިހަކަތަ ޕޯޓަލް" މެދުވެރިކޮށް މަސްދޯނިފަހަރު ރަޖިސްޓަރީ ކުރަންޖެހޭ ގޮތަށް އުސޫލު ބަދަލުކޮށްފި އެވެ.
ފިޝަރީޒް މިނިސްޓްރީން މިއަދު ނެރުނު ސާކިއުލާއެއްގައި ބުނީ، ޕޯޓަލް މެދުވެރިކޮށް ރިކްއެސްޓް ނުފޮނުވި ނަމަވެސް މަސްވެރިކަމުގެ ލައިސަންސް އޮންނަ ކޮންމެ އުޅަނދަކަށް ކުރިން ދޫކުރަމުން އައި އެ ސަބްސިޑީ ހޯދަން ޕޯޓަލްގައި ރަޖިސްޓަރީވާން ލާޒިމުކުރީ ތެލުގެ ސަބްސިޑީ ދިނުމުގެ ނިޒާމު ހަރުދަނާ ކުރުމަށް ކަމަށެވެ.
"އެހެންކަމުން މި މިނިސްޓްރީގެ ފަހިހަކަތަ ޕޯޓަލްގައި ރަޖިސްޓްރީވެފައި ނުވާ ކަނޑުމަހުގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ އެންމެހާ އުޅަނދުފަހަރުން 15 ސެޕްޓެމްބަރު 2026 ގެ ނިޔަލަށް މި ޕޯޓަލްގައި ރަޖިސްޓްރީވުމަށް ދަންނަވަމެވެ،" ސާކިއުލާގައި ބުންޏެވެ.
ފިޝަރީޒް މިނިސްޓްރީން ބުނި ގޮތުަގައި ހަނގުރާމައިގެ ސަބަބުން ތެޔޮ އަގުބޮޑުވުމުން ދޭން ފެށި ސަބްސިޑީއަކީ މަސްވެރިކަން ކުރާ އުޅަނދުފަހަރަށް ޑިއުޓީ އުނިކޮށްފައިވާ ޑީސަލް ވިއްކަން 2019 ވަނަ އަހަރު ސަރުކާރުން ފަށައިގެން ކުރިއަށް ގެންދާ ޕްރޮގްރާމްގެ އިތުރުން ދޭ ލުޔެކެވެ.
އެމެރިކާ އިން އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމުން އީރާނުން ހޮރުމޫޒް ކަނޑުއޮޅި ބަންދުކޮށް، ތެލުގެ ސަޕްލައި އަށް ހުރަސްއެޅުމުގެ ސަބަބުން ތެޔޮ އަގުބޮޑުވެ، މަސްދޯނިފަހަރަށް މަހަށް ފުރަން ދަތިވާ ވަރަށް ތެޔޮ އަގުބޮޑުވި އެވެ. ތެލަށް އިތުރު ސަބްސިޑީއެއް ދޭން ފެށީ އެހެންވެ އެވެ.