ފިރިހެނަކު ރުޅިވެރިކަމާ އެކު ބުނަނީ ފާޑުފާޑަށް މިތަނަށް އައިސް ބުޅަލަށް ކާން ނޭޅުމަށެވެ. އިންޒާރުގެ ރާގުގައި އެ މީހާ އެހެން ބުނުމާ އެކު އަންހެނަކު ބުނާތީ އިވެނީ އެކަމަކު ބުޅަލުގައި ޖަހަން ނުޖެހޭނެ ކަމަށެވެ. އެހެން ބުނާ އަންހެން މީހާ އެ ވީޑިއޯއަކުން ނުފެނެ އެވެ. އޭނާ ތުހުމަތުކުރީ ވީޑީއޯއިން ފެންނަ މީހާ ބުޅަލަށް އަނިޔާކުރި ކަމަށެވެ.
ސޯޝަލް މީޑިއާގައި އާންމުކުރި އެ ވީޑިއޯގެ ރައްދުގައި ދެން އައީ އެހެން ވީޑިއޯއެކެވެ. އޭގައި ފެންނަނީ އަންހެނަކު ބުޅާތައް ޖަމާކޮށްގެން އިނދެ އެސޮރުމެންނަށް ކާން އަޅާތީ އެވެ. އެއީ ހުޅުމާލެ 2 ގެ ވިނަރެސް 6 ކައިރި ކަމަށާއި އެގޮތަށް ކާން އަޅާތީ މުޅި ތަން ނަޖިސްވެ ނުބައި ވަސް ދުވާ ކަމަށް އެ ވީޑިއޯއާ އެކު ބުނެފައިވެ އެވެ. އަދި ބުނެފައިވަނީ ބުޅަލަށް އަނިޔާކުރާ ކަމަށް ބުނެ ވީޑިއޯ އާންމުކުރީ ތަން ނަޖިސްވާތީ އެކަން އެގޮތަށް ނުކުރަން އެދުމުން ވެސް އެކަން ނުހުއްޓުމުން ހިތްހަމަނުޖެހުން ފާޅުކުރުމުން ކަމަށެވެ.
ސޯޝަލް މީޑިއާގައި ކުރިއަށްދިޔަ މި ކޯޅުންގަނޑާ އެކު، މިހާރު ވަނީ ބުޅަލަށް ކާން އަޅާ މައްސަލާގައި އާންމުންގެ މެދުގައި އަބަދުވެސް އޮންނަ ބަހުސް އަނެއްކާ ހޫނުވެފަ އެވެ. އަދި ޖަނަވާރުންގެ ހައްގުތަކަށް ވަކާލާތުކުރާ އަދި ބުޅަލަށް ލޯބިކުރާ ގިނަ އަދަދެއްގެ މީހުން ވަނީ ވިނަރެސް 6 ކައިރިއަށް އެއްވެ "ބުޅާ ޕާޓީ" އެއް ވެސް ބާއްވައި އެ މީހުންގެ ރައްދު އަޑު އުފުލައިފަ އެވެ.
އެ ސަރަހައްދަކީ އާންމުކޮށް ގިނަ އަދަދަކަށް ބުޅާ އެއްވާ ސަރަހައްދެކެވެ. އެތަނަށް އެއްވި މީހުން ވަނީ ބުޅަލަށް އަނިޔާކުރާ މީހުންނާ މެދު ފިޔަވަޅު އެޅުމަށާއި، މިފަދަ އަމަލުތައް ހުއްޓުވުމަށް ގޮވާލައިފަ އެވެ.
އަނެއްކޮޅުން، މިކަމުގައި ކަންބޮޑުވުން ފާޅުކޮށް އާންމުން ބުނަނީ ބުޅަލަށް ކާން ދިނުން އެއީ މައްސަލައެއް ނޫން ކަމަށާއި އެކަމަކު ތަންތަން ނަޖިސްވެ އާންމުންގެ މުދަލަށް ގެއްލުންވާ ގޮތަށް އެކަން ކޮށްގެން ނުވާނެ ކަމަށެވެ. ސައިކަލް ޕާކްކުރާ ތަންތަނަށް ވެސް ކާން އަޅަމުންދާ ކަމަށާއި ބުޅާތައް ސައިކަލްތަކަށް އަރައި މަޑި ހަލާކުކޮށް އަދި ނަޖިސްކޮށްފައި ހުންނަ ކަމަށް އެ މީހުން ބުނެ އެވެ.
މަގުމައްޗަށް ބުޅާތައް ގިނަވެފައި ވާއިރު ޖެހުނު ކޮންމެ ތާކަށް ކާންއެޅުމަކީ ސިއްހީ ގޮތުން ބޮޑު ނުރައްކަލެއް ކަމަށް ކާންދޭ ބުނާ މީހުން ވެސް ގިނަ އެވެ.
"ބުޅަލުގެ ނަޖިހުން މުޅި ސަރަހައްދު ނަޖިސް ވެއްޖެ. ބުޅަލަށް ކާންދޭން ބޭނުންކުރާ ތަށިތަކުން ވިއްސާރަ މޫސުމުގައި މުޅި ސަރަހައްދަށް ލީކުވެ، މުޅި ސަރަހައްދުގައި ވަނީ ވަސް ހިފާފައި. ނޭވާލާ އުނދަގޫވޭ،" އެކަމާ ކަންބޮޑުވުން ފާޅުކޮށް މީހަކު ބުންޏެވެ.
"ބުޅާ ގެންގުޅޭހިތްވާ މީހުން އެ މީހުންގެ ގޭގައި މިކަން ނުކުރަނީ ކީއްވެބާ؟ މިކަމުގައި ވާގިވެރިވާ ބޭރުގެ ފަރާތްތަކުން ވެސް އެބަ ޖެހޭ މިކަމަށް ފަންޑުކުރުން ހުއްޓާލަން."
ބުޅަލަށް ކާންދޭ މީހަކު ރައްދުގައި ބުނީ ކާން އަޅާ މީހުންގެ ފޮޓޯ ޖެހުމަކީ ފުރައްސާރަ ކުރުން ކަމަށާއި ސަރުކާރުން އެކަމަށް ހައްލެއް ހޯދަންޖެހޭ ކަމަށެވެ.
މާލެ ސަރަހައްދުގައި އުޅޭ މަގުމަތީ ބުޅާތަކުގެ ސަބަބުން އާންމުންގެ ކަންބޮޑުވުންތައް އޮތުމުން ހުޅުމާލެ 2 ގައި ވަނީ "އޮޅުހިޔާ" ނަމުގައި، ބުޅާ ގެންގުޅެން ތަނެއް ވެސް ހަދައިފަ އެވެ. ނަމަވެސް އެ ތަނުގައި ވެސް ބަލަހައްޓަމުން ދަނީ 280 ބުޅަލެވެ.
ޖުމްލަ 30 މިލިއަން ހަރަދު ކޮށްގެން އެޅި އެ ފެސިލިޓީއަކީ 3،000 ބުޅާ ގެންގުޅެވޭ ވަރުގެ ތަނެއް ކަމަށް އޭރު މާލެ ސިޓީ ކައުންސިލުން ވަނީ ބުނެފަ އެވެ.
މިދިޔަ ހަފްތާގައި ފިޝަރީޒް، އެގްރިކަލްޗާ އެންޑް އޯޝަން ރިސޯސަސް މިނިސްޓަރު އަހުމަދު ޝިޔާމް ވަނީ ރާއްޖޭގައި "ކެޓް އައިލެންޑް"އެއް ތަރައްގީކުރުމަށް ބައެއް ފަރާތްތަކުން ޝައުގުވެރިކަން ފާޅުކޮށް ޕްރޮޕޯސަލް ހުށަހަޅާފައިވާ ކަމަށާއި މިހާރު ކުރިއަށްދަނީ އެ ޕްރޮޕޯސަލްތައް އިވެލުއޭޓްކުރުމުގެ މަރުހަލާ ކަމަށް ވެސް ވިދާޅުވެފަ އެވެ. އޭގެ އިތުރުން އޮޅުހިޔާއަށް ޖާގަ އިތުރުކުރުން ވެސް ހިމެނޭ ކަމަށް ވިދާޅުވި އެވެ.