ގިނަ ދިރާސާތަކެއް ކޮށްގެން، ރާއްޖޭގެ ކަނޑުތަކުގައި ދުއްވަން އެންމެ އެކަށީގެންވާ ގޮތަށް އައިމާ ކޮންސްޓްރަކްޝަން ކުންފުނިން ބަނދެފައިވާ ކޮޅުވެއްޓި "އައިމާ-21 ބާލައި ހިދުމަތަށް ނެރެފި އެވެ.

އައިމާގެ މެނޭޖިން ޑައިރެކްޓަރު އިބްރާހީމް އަބްދުލް އަޒީޒު (އައިމާ އިބްރާހީމް) "މިހާރު" އަށް ވިދާޅުވީ އައިމާ-21 އަކީ 150 ފޫޓު ދިގު، 30 ފޫޓު ފުޅާ އުޅަނދެއް ކަމަށާއި އެ އުޅަނދަށް މުދާ އަރުވަން ބޭނުންކުރެވޭނެ ޑެކް ސްޕޭސްގައި 5،000 އަކަފޫޓު ހުންނާނެ ކަމަށެވެ.

ޖުމްލަ 650 ޓަނުގެ މުދާ އެރުވޭ އެ އުޅަނދުގައި އަޅާފައި ވަނީ ޖަޕާނުގެ މިޓްސުބިޝީ ބްރޭންޑްގެ އިންޖީނެއް ކަމަށާއި ހުސްކޮށް ދަތުރު ކުރާ އިރު ގަޑިއަކު 10 ނޯޓިކަލް މޭލުގެ ބާރުމިނުގައި ދުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެއީ މުދާ އުފުލާ މިފަދަ އުޅަނދުތަކުގެ އާއްމު ސްޕީޑެވެ.

އިމާރާތްކުރުމުގެ މަސައްކަތްތައް ފުޅާ ދާއިރާއެއްގައި ކުރާތީ ހެވީ ވެހިކަލްތަކާއި އެނޫން ވެސް ބަރު އެތައް އިކްއިޕްމެންޓެއް ކަނޑުމަގުން އުފުލުމަކީ އައިމާ ކޮންސްޓްރަކްޝަން ކުންފުނިން ވަރަށް ގިނައިން ކުރަން ޖެހޭ ކަމެކެވެ. އިބްރާހީމް ވިދާޅުވި ގޮތުގައި ރަނގަޅަށް ދިރާސާކޮށްގެން ރާއްޖޭގެ މާހައުލާ ގުޅޭ ގޮތަށް ކޮޅުވެއްޓިއެއް (ލޭންޑިން ކްރާފްޓެއް) ބަންނަން މީގެ ހަތަރު އަހަރު ކުރިން ނިންމެވީ އެހެންވެ އެވެ. 

އޭރު ފެށި މަސައްކަތް ނިންމައި "އައިމާ-21" މިހާރު އޮތީ ބަނދެ ނިންމައި ކަނޑަށް ބާލައި ދަތުރަށް ތައްޔާރުވެފަ އެވެ. ފުރަތަމަ ވެސް ދަތުރުކުރާނީ ވ. ފޮއްތެޔޮ ފަޅުގައި ނުވަ ރިސޯޓެއް ތަރައްގީކުރުމުގެ ބޮޑު މަޝްރޫއަށް ގެންނަ މުދާތަކެއް އަރުވައިގެން ފޮއްތެލަށެވެ.

"ކަނޑު ގަދަވީމާ ބައެއް ފަހަރު އުނދަގޫވޭ ބާޖްތަކުގައި އަޅުގަނޑުމެންގެ ހެވީ އިކްއިޕްމެންޓް ގެންދަން،  އެެހެންވެ އަޅުގަނޑުމެން އާއްމު ގޮތެއްގައި ކުއްޔަށް ހިފަނީ ތަންކޮޅެއް ރަނގަޅު ލޭންޑިން ކްރާފްޓްތައް. ދެން އެހެންވެގެން އަޅުގަނޑުމެން ގަސްދުކުރީ ރާއްޖޭގެ މާހައުލާ، ރާއްޖޭގެ ކަނޑުތަކާ ގުޅޭ އެއްޗެއް، ސްޓަޑީކޮށްފައި ހަދަން،" އިބްރާހީމް ވިދާޅުވި އެވެ. 

އޭނާ ވިދާޅުވި ގޮތުގައި ހުވަދޫކަނޑާއި ކާށިދޫކަނޑާއި ބަރަވެލިކަނޑާއި އަލިހުރަސްކަނޑު ފަދަ ކަނޑުތަކަކީ ގަދަވާއިރު ވަރަށް ގަދަވާ ކަނޑުތަކަށް ވާތީ، އެ ކަނޑުތަކުގައި ދުއްވަން ބަންނަ އުޅަނދެއްގެ ކިއްސަރާ މެދު ވަރަށް ފަރުވާތެރިވާން ޖެހެ އެވެ. އުޅަނދުގެ ބަރުދަނާއި އަރިނާޅައި އޮތުމުގެ ގާބިލުކަން (ސްޓެބިލިޓީ) އަކީ ވެސް އެގޮތުން ހާއްސަ ސަމާލުކަމެއް ދޭން ޖެހޭ ކަންތައްތަކެވެ.

އައިމާ ކޮންސްޓްރަކްޝަންގެ އައިމާ-21، މިއީ ރާއްޖޭގެ ކަނޑުތަކާ ގުޅޭ ގޮތަށް ރާއްޖޭގައި ޑިޒައިންކުރި ފުރަތަމަ ކޮޅުވެއްޓި. -- ފޮޓޯ: އައިމާ ކޮންސްޓްރަކްޝަން
އައިމާ ކޮންސްޓްރަކްޝަންގެ އައިމާ-21، މިއީ ރާއްޖޭގެ ކަނޑުތަކާ ގުޅޭ ގޮތަށް ރާއްޖޭގައި ޑިޒައިންކުރި ފުރަތަމަ ކޮޅުވެއްޓި. -- ފޮޓޯ: އައިމާ ކޮންސްޓްރަކްޝަން

"އެގޮތުން ބަލައިގެން، ޑިޒައިންކޮށްގެން އަޅުގަނޑުމެން މިކަން މިކުރީ. މިސާލަކަށް މި ލޭންޑިން ކްރާފްޓް ހުސްކޮށް ދާއިރު ކަނޑު ގަދަވެއްޖެއްޔާ [ރާޅާ އަރިއަޅާ ވަރު ކުޑަކުރަން] މީގައި ހުންނާނެ ބަލާސްޓް ސިސްޓަމް، އެއީ ޓޭންކްތައް ބަރުކުރެވޭނެ، ބަރުކުރީމާ ސްޓެބިލިޓީ އަންނާނެ،" އިބްރާހީމް ވިދާޅުވި އެވެ.

ބަލާސްޓް ސިސްޓަމަކީ އުޅަނދެއް އަރިއަޅައިލުން ކުޑަކުރަން، ބޭނުން ޖެހިއްޖެ ހިނދެއްގައި ލޮނުބަރުކޮށް، ހުސްކުރަން ޖެހިއްޖެ ނަމަ ހުސްކުރާ ގޮތަށް ޕަމްޕްތަކަކާއި ހޮޅިތަކެއްގެ ވިއުގައަކުން ގުޅާލާފައި ހުންނަ ޓޭންކް ތަކެކެވެ. 

އިބްރާހީމް ވިދާޅުވި ގޮތުގައި އައިމާ-21 ގައި އެ ނިޒާމު ގާއިމްކުރީ ލޭންޑިން ކްރާފްޓް ބަންޑުން ޖަހައިލުމުގެ ހިތާމަވެރި ގިނަ ހާދިސާތަކެއް ރާއްޖޭގައި މިފަހުން ހިނގާފައި ވާތީ އެކަމަށް ވިސްނައިގެންނެވެ.

"ގާތްގަނޑަކަށް މިދިޔަ ހައެއްކަ އަށެއްކަ އަހަރުގެ ތެރޭގައި ހައެއްކަ އަށެއްކަ ލޭންޑިންކްރާފްޓް ބަންޑުން ޖަހައިފި، ވަރަށް ހިތާމަވެރި ހާދިސާތައް ހިނގައިފި. އެހެންވީމާ އެ ހުރިހާ ކަމަކަށް ވިސްނާފައި އަަޅުގަނޑު ހިތަށް އެރީ ރާއްޖޭގައި ޑިޒައިންކޮށް، ރާއްޖޭގައި ހުރިހާ ކަމެއް ކޮށްގެން ރާއްޖޭގައި ބަނދެވިއްޖެއްޔާ މާ ރަނގަޅޭ ރާއްޖޭން ބޭރުން ގެނައުމަށް ވުރެެ،" އޭނާ ވިދާޅުވި އެެވެ.

އެ ގޮތަށް ގަބޫލުކުރެއްވުނީ އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭން ބޭރުން ގެންނަ ބައެއް ލޭންޑިންކްރާފްޓްތަކުގެ ފެންވަރު ދަށްކަމުންނެވެ. އޭގެ ބައެއް އުޅަނދުތައް ބަނދެފައި ހުންނަނީ ފެންވަރު ދަށް މެޓީިރިއަލް ބޭނުންކޮށްގެން ކަމަށް ވާއިރު އަޅާފައި ހުންނަނީ އާދައިގެ އިންޖީނުތަކެވެ.

ރާއްޖޭގައި މިހާރުވެސް ކޮންމެވެސް ވަރަކަށް ކޮޅުވެއްޓި ބަނދެ އެވެ. އެކަމަކު އައިމާއިން ބެލިވަރަށް ކަންތައްތަކަށް ބަލައި މިހާ ބޮޑު ހަރަދެއް ކޮށްގެން މިހާ ބޮޑު އުޅަނދެއް އުފެއްދި މިއީ ފުރަތަމަ ފަހަރެވެ.

"މި ފެންވަރަށް، މިހާ ބޮޑު ހަރަދެއް ކޮށްގެން އަދި މިއީ ފުރަތަމަ އެތިހެން އަޅުގަނޑަށް ހީވަނީ ރާއްޖޭގައި ބަން، މިހާ ބޮޑު އެއްޗެއް،" 

އިބްރާހީމް ވިދާޅުވި ގޮތުގައި އައިމާ-21 ގައި ދެ ކެޕްޓަނުންނާއި ފަޅުވެރިންގެ ހަމީހުންނާ އެކު ޖުމްލަ އަށް މީހުން މަސައްކަތްކުރާނެ އެވެ. 

އޭނާ އުއްމީދުކުރައްވަނީ އެ އުޅަނދުގެ ދަތުރުތައް ފެށުމާ އެކު އެހެން ކުންފުނިތަކުން ވެސް އެފަދަ އުޅަނދުތައް ބަންނަން ފަށާނެ ކަމަށެވެ. 

"މިކަހަލަ އުޅަނދުތައް ރާއްޖޭގައި ގިނަ މީހުން، އަޅުގަނޑުމެން ނޫން އެހެން މީހުން ވެސް އުފައްދައިފިއްޔާ އެއީ ރާއްޖޭގެ ތަރައްގީ ވަރަށް ބާރު ދުވެއްޔަކަަށް ދާނެ ކަމެއް،" އިބްރާހީމް ވިދާޅުވި އެވެ.

ކަނޑުހުރަސްކޮށް މުދާ އުފުލުމުގައި ހުރި ގިނަ ގޮންޖެހުންތަކަކީ ތަރައްގީއަށް އޮތް އެންމެ ބޮޑު އެއް ހުރަސް ކަމަށް އޭނާ ސިފަކުރެއްވި އެވެ.