މާލޭގެ މަޖީދީ މަގުގައި އޮންނަ ހީނާމާގޭ ޕާކިން ޒޯނާއި ސޯސަންމަގުގެ، ސޯސަންގޭ ޕާކިން ޒޯން އޮތް ތަނުގައި ޕާކިން އިމާރާތް އަަޅަން އަންނަ ހަފުތާގައި ސޮއިކުރާނެ ކަމަށް އިކޮނޮމިކް އަދި ޓްރާންސްޕޯޓް މިނިސްޓަރު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި ބޭއްވި މީޑިއާ ބްރީފިންއެއްގައި ސަައީދު ވިދާޅުވީ އެ ދެ ބިމުގައި ވެސް ޕާކިން އިމާރާތް އަޅާނެ ބަޔަކު މިހާރު ލިބިފައިވާ ކަމަށެވެ. އެ މަސައްކަތް އަންނަ އަހަރުގެ ނޮވެމްބަރުމަހުގެ ކުރިން ނިންމަން ރައީސް ޑރ.މުހައްމަދު މުއިއްޒު އަންގަވާފައިވާ ކަމަށް ސައީދު ވިދާޅުވި އެވެ.
އެ ދެ ތަނުގައި އަޅާ ޕާކިން ބިލްޑިންގުން ވެސް ފީ ނަގާނީ، މިނިސްޓަރު ވިދާޅުވި ގޮތުގައި، ރައްޔިތުންނަށް އުފުލޭ ވަރުގެ ރޭޓެއްގަ އެވެ.
"ހިނާމާގެ ބިމުގައި ޒަމާނީ ޕާކިން ވަސީލަތެއް ގާއިމްކުރުމަށްޓަކައި އަޅުގަނޑުމެންނަށް ބަޔަކު އައިޑެންޓިފައި ކުރެވި އެފަރާތާ އެކީ ވާހަކަ ދެކެވެމުން މިދަނީ އިނގޭތޯ. ހަމަ އެއާ އެކު ރައީސް [ޑރ.މުހައްމަދު މުއިއްޒު] ކަނޑައަޅުއްވައިފި މިކަމަށް ސަރުކާރުން ބޭނުންވާ ދެވަަނަ ބިލްޑިން ހުންނާނެ ޖާގަ ވެސް. އެއީ [ސޯސަން މަގުގައި] އެމްއެންޔޫގެ ބިލްޑިންގާ ޖެހިގެން އޮތް ބިން،" ސައީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ދެ އިމާރާތް އަޅާނީ ޕްރައިވެޓް ކުންފުނިތަކަކުން ކަމަށް ވިޔަސް އެ ތަންތަނުގެ ބޭނުން ކުރަން ނަގާނެ އަގު ކަނޑައަޅާނީ ސަރުކާރުން ކަމަށެވެ.
އަލަށް ގާއިމްކުރާ ޕާކިން ފެސިލިޓީތައް ހުންނާނީ ދެފުރޮޅީ އުޅަނދުތަކާއި ހަތަރުފުރޮޅުލީ އުޅަނދުތައް ވަކިން ޕާކްކުރާ ގޮތަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މާލޭގައި ޕާކިން ޖާގަ ނެތުމުގެ މައްސަލަ ހައްލުކުރަން ކުރިއަށް ގެންދާ އެ ޕްރޮޖެކްޓްގައި އަޅާނީ ޕާކިން އިމާރާތްތަކެއް އެކަނި ނޫން ކަމަށެވެ. މެކޭނިކަލް ޕާކިން ވެސް ގާއިމްކުރާނެ ކަމަށް ވިދާޅުވި އެވެ.