އެެއްގަމުދަތުރުފަތުރުގެ އާ ގާނޫނުގެ ދަށުން ކުރާނެ އެންމެ ވަރުގަދަ މަސައްކަތަކީ ހުރިހާ ވަގުތެއްގައި މުޅި މާލެ މޮނިޓާކުރެވޭ ވަރުގެ ޒަމާނީ ޓްރެފިކް މޮނިޓަރިން ސެންޓަރެއް ގާއިމްކުރުން ކަމަށް އިކޮނޮމިކް އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި މީޑިއާ ބްރީފިންގައި މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ އެ ސެންޓަރު ވީހާ ވެސް އަވަހަކަށް ގާއިމްކުރުން ކަމަށާއި ބޭރުގެ އެހީ ހޯދައިގެން ނަމަވެސް އެ މަސައްކަތް ކުރާނެ ކަމަށެވެ. މާލޭގެ ވަކިވަކި މަގުތައް ބަލައިލުމާއި ޒަމާނީ ވަސީލަތެއް ބޭނުންކޮށް ޓްރެފިކް ރީޑައިރެކްޓް ކުރުން ފަދަ އިންތިޒާމްތައް އެ ސެންޓަރުގައި ގާއިމްކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މުޅި މާލެ އެެއްކޮށް ޓްރެފިކް މޮނިޓާކުރެވޭނެ ޒަމާނީ ޓްރެފިކް ސެންޓަރެއް ގާއިމްކުރުން، ރިއަލްޓައިމްކޮށް މޮނިޓާ ކުރެވޭނެ ޓްރެފިކް ސެންޓަރެއް ގާއިމްކުރުމަކީ މީގެ [އެއްގަމު ދަތުުރުފަތުރުގެ ގާނޫނުން ކުރާނެ] އެންމެ ވަރުގަދަ އެއް މަސައްކަތް. މި މަސައްކަތް ބޭރުގެ އެހީ ހޯދައިގެން ނަމަވެސް ކުރުމަކީ ސަރުކާރުން އެންމެ އިސްކަމެއް ދީގެން ކުރުމަށްޓަކައި މީގައި [ގާނޫނުގައި] ކަނޑައަޅާފައި އޮތް އެއް އޭރިއާ އަކީ، " ސައީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ފުލުހުން ތިބެގެން، މާލޭގެ ވަކިވަކި މަގުތައް ބަލައި ޓްރެފިކް ރީޑައިރެކްޓް ކުރަން އެއްވެސް ކަހަަލަ ޒަމާނީ ވަސީލަތެއް ބޭނުންކުރެވޭތޯ ބެލުމަކީ ވެސް އެ ސެންޓަރުން ކުރާނެ މަސައްކަތްތަކެވެ.
އާ ގާނޫނުގެ ދަށުން ކުރާނެ އަނެއް މަަސައްކަތަކީ ޓްރެފިކާ ގުޅޭ ކަންތައްތައް ވީހާ ވެސް ބޮޑަށް ޑިޖިޓަލް ކުރުން ކަމަށާއި އެކަމަށް އެހެން ގާނޫނުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެންނާނެ ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.
މިދިޔަ މަހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށް މިހާރު ތަސްދީގުކުރައްވާފައިވާ، އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން މާލެ ސަރަހައްދުގެ އެއްގަމުދަތުރުފަތުރާ ގުޅޭ ހުރިހާ ކަމެއް ޓްރާންސްޕޯޓް މިނިސްޓްރީގެ ދަށުން ހިންގާ ވަކި އޮފީހަކަށް ބަދަލުވެ އެވެ.
"މާލެ ސަރަހައްދަށް ހިނގާ ހާއްސަ އުސޫލު"ގެ ނަމުގައި ބިލަށް އިތުރުކުރި އަށް ވަނަ ބާބުގައިވާ ގޮތުން އެ ބާބުގެ ބޭނުމަކީ ރާއްޖޭގެ އެހެން ރަށްރަށާ ހިލާފަށް މާލެ ސަރަހައްދުގައި އާބާދީ ބޮޑުވެ، އުޅަނދުތައް އިތުރުވުމުގެ ސަބަބުން ޓްރެފިކް މެނޭޖްކުރަން ދަތިވެފައިވާތީ އެ މައްސަލަ ހައްލުކުރުމަށެވެ. އެހެންވެ އެ ބިލުގައިވާ އުސޫލުތަކާއި ޝަރުތުތައް މާލެ ސަރަހައްދުގައި ހިންގާނީ ތަފާތު ގޮތަކަށް ކަމަށް ވެސް އެ ބާބުގެ ތައާރަފްގައިވެ އެވެ. އެކަމަށް "ގްރޭޓާ މާލެ ޓްރާންސްޕޯޓް އެންޑް މޯބިލިޓީ އޮފީސް" ގެ ނަމުގައި ވަކި އޮފީހެއް އުފައްދާނެ އެވެ.
އާ ގާނޫނުގައި، ނުރައްކާކޮށް ދުއްވާ މީހުންނަށް ބޮޑެތި ޖޫރިމަނާތައް ކަނޑައަޅައި ވެހިކަލް މަދުކުރުމަށް ހާއްސަ އުސޫލުތަކެއް ވެސް ހަދާފައިވެ އެވެ.