ދިވެހި ވަތަނީ ހިދުމަތުގެ ފަރާތުން ކުރިއަށް ގެންދާ ނޭޝަނަލް ސާވިސް އިނީޝަލް ޓްރޭނިންގެ ތިން ވަނަ ބެޗުގައި 341 ދަރިވަރުން މިއަދު ދަސްވެނިވެއްޖެ އެވެ.
އެމްއެންޑީއެފުން ބުނީ ޅ. މާފިލާފުށީގައި ހުންނަ އެމްއެންޑީއެފް ކޮމްޕޮސިޓް ޓްރޭނިން ސެންޓަރުގައި ބޭއްވި ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޑިފެންސް މިނިސްޓަރު ހަސަން ރަޝީދު އެވެ.
މިދިޔަ ޖޫން މަހުގެ 8 ވަނަ ދުވަހު ނޭޝަނަލް ސާވިސްގެ ތިން ވަނަ ބެޗު ފެށީ 350 ދަރިވަރުންނާ އެކު އެވެ.
އެކަމަކު އެމްއެންޑީއެފުން ބުނީ އެ ތަމްރީނު ކާމިޔާބުކަމާއެކު ފުރިހަމަކުރީ 341 ދަރިވަރުން ކަމަށެވެ. އެއީ ރާއްޖޭގެ 20 އަތޮޅަކުން 115 ރަށަކަށް ނިސްބަތްވާ 62 ޒުވާން އަންހެނުންނާއި 279 ފިރިހެނުންނެވެ.
ސާދަ ހަފްތާގެ މުއްދަތަކަށް ކުރިއަށް ގެންދިޔަ އެ ތަމްރީނު ފުރިހަމަކޮށް ނިކުންނަ ޒުވާނުންނަކީ އެމްއެންޑީއެފުން ބުނި ގޮތުގައި، ދިރިއުޅުމުގެ މައިދާނަށް ބޭނުންވާ ހުނަރުތައް ދަސްވެފައިވާ، އުފެއްދުންތެރި އަދި ޒިންމާދާރު ބަޔެކެވެ. އެއީ ނަފްސާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ ޒުވާނުންތަކެއް ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
ނޭޝަނަލް ސާވިސް އިނީޝަލް ޓްރެއިނިންގެ ދަށުން މިހާތަނަށް ވަނީ ޖުމްލަ 1،028 ޒުވާނަކު ތަމްރީނުކޮށްފަ އެވެ.