މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓުގެ ރަސްމީ ލިޔެކިޔުންތަކެއް އަޅާފައިވާ ލޮކަރުތަކެއް، އޮންނަ އުސޫލުގެ ބޭރުން ހުޅުވާފައި ހުރި ކަމަށް އެ މިނިސްޓްރީން ކުރި ރިޕޯޓަކާ ގުޅިގެން އެކަން ބަލާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ނެރުނު ކުރު ބަޔާނެއްގައި ބުނީ އިއްޔެ ރޭ މައްސަލަ ހުށަހެޅުމުން ފުލުހުން އެތަނަށް ގޮސް ބަލާފައިވާ ކަމަށެވެ.
"... ފުލުހުންގެ ހާޒިރުގައި އެ ވުޒާރާގެ މުވައްޒަފުން އެ ލިޔެކިޔުންތައް ބަލައި ޗެކްކުރި އިރު، އެއްވެސް ލިޔުމެއް ނުވަތަ އެހެން އެއްޗެއް ވެސް މަދުވެފެފައި ނުވާކަން ވަނީ ޔަގީންކުރެވިފަ އެވެ." ބަޔާނުގައިވެ އެވެ.
ހައުސިން މިނިސްޓްރީ ހިންގި އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާއަށް ފަހު އެ މިނިސްޓްރީ މިހާރު ވަގުތީ ގޮތުން ހިންގަނީ ދަރުބާރުގޭގަ އެވެ.
މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، ހުޅުވައިގެން ހާވާފައި ހުރީ މުވައްޒަފުން ގެންގުޅޭ ލިޔެކިޔުންތައް އަޅަން ބޭނުންކުރާ، ތަޅުނުލާ ހުންނަ ލޮކަރުތަކެކެވެ.