ހުއްދަ ނެތި ބޭންކިންގެ ހިދުމަތް ދިނުމާއި ހުއްދަނެތި ބޭރު ފައިސާ ގަނެވިއްކުމުގެ މައްސަލައެއްގައި ފަސް މީހެއްގެ އިތުރުން ފިހާރައެއް ބަލައިފާސްކޮށްފި އެވެ.
ފުލުހުން ބުނީ އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަންގެ ކޮމްޕްލެކްސް ފައިނޭންޝަލް އިންވެސްޓިގޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން، ޓާސްކް ފޯސް ބައިވެރިވެގެން ބަލައިފާސްކުރުމުގެ ހާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
ފުލުހުން ބުނި ގޮތުގައި ހުއްދަ ނެތި ބޭންކިން ހިދުމަތްދޭ މައްސަލައެއްގައި ކުރިއަށް ގެންދިޔަ އެ އޮޕަރޭޝަނުގައި ވަނީ 4 ބިދޭސީއަކާއި ދިވެއްސެއްގެ އިތުރުން، ފިހާރައެއް އަދި ބިދޭސީއަކު ދިރިއުޅޭ ތަނެއް ބަލައިފާސްކޮށްފަ އެވެ.
އެ މައްސަލަ ފުލުހުން ތަހުގީގުކުރަމުންދާ ކަމަށް ބުންޏަސް އޭގެ އެއްވެސް ތަފްސީލެއް ފުލުހުން އަދި ނުދެ އެވެ.