ވ. ރަކީދޫ ކައުންސިލްގައި 2024 ވަނަ އަހަރު ހުރި ވަގުތީ ސެކްރެޓަރީ ޖެނެރަލް (އެސްޖީ) މުސާރައިގެ އިތުރުން ދެ މުސާރައެއް ނެގި ކަމަށް އޮޑިޓަ ޖެނެރަލްގެ ރިޕޯޓުގައި ބުނެފި އެވެ.

އޮޑިޓް އޮފީހުން އިއްޔެ އާންމުކުރި ރިޕޯޓުގައި އެ ކައުންސިލުން ފާހަގަވި ނުވަ މައްސަލައެއް އިސްލާހު ކުރަން ލަފާދީފައިވެ އެވެ. އޭގެ ތެރެއިން ދެ މައްސަލައަކީ އޭރު ހުރި އެސްޖީގެ ދެ މައްސަލަ އެވެ.

ރިޕޯޓްގައިވާ ގޮތުން، އެ ރަށު ކައުންސިލްގެ ވަގުތީ އެސްޖީގެ މަގާމުގައި ހުރި މުވައްޒަފު ވަނީ މިސްކިތު ވޭޖް ނަމުގައި، ދައުލަތުގެ މާލީ ގަވާއިދުތަކާ ހިލާފަށް ތިން އަހަރުވަންދެން އިތުރު މުސާރައެއް ނަގައިފަ އެވެ.

އޮޑިޓްގައި ބުނެފައިވަނީ ކައުންސިލް އިދާރާގެ ވަގުތީ އެސްޖީގެ އެކައުންޓަށް އެ ފައިސާ ކޮންމެ މަހަކު ވެސް ޖަމާކޮށްފައިވަނީ، ކައުންސިލް އިދާރާއިން ބޭންކަށް ފައިސާ ފޮނުވާ ސިޓީއާ އެކު އެޓޭޗްކޮށްފައިވާ ޝީޓްގައި އެ މުވައްޒަފުގެ އިތުރުން ކައުންސިލް ނާއިބް ރައީސް އާއި ރައީސް އާއި ކައުންސިލް އިދާރާގެ އެހެން މުވައްޒަފެއް ސޮއިކޮށް ހުއްދަދީގެންކަމަށެވެ. 

އޮޑިޓް ރިޕޯޓްގައިވާ ގޮތުން 2022 ވަނަ އަހަރުން ފެށިގެން 2025 ވަނަ އަހަރުގެ ނިޔަލަށް މިސްކިތު ވޭޖްގެ ނަމުގައި 337،600ރ. އޭނާގެ އެކައުންޓަށް ޖަމާކޮށްފައިވެ އެވެ.

ރަކީދޫ ކައުންސިލުގެ ވަގުތީ އެސްޖީގެ "ދެ ވަނަ" ވަޒީފާއިން ޖަމާކުރި ފައިސާ

  • 2022 - 88،200ރ.
  • 2023 - 69،300ރ.
  • 2024 - 61،300ރ.
  • 2025 - 118،800ރ.
  • ހަތަރު އަހަރުގެ ޖުމްލަ - 337،600ރ.

މިސްކިތު ވޭޖްގެ ނަމުގައި ފައިސާ ނަގާފައި ވާއިރު މަސައްކަތްކުރި ދުވަހާއި މުސާރަ ހިސާބުކޮށްފައިވާ ގޮތާއި ކޮށްފައިވާ މަސައްކަތް އެނގޭނެ އެއްވެސް ލިޔުމެއް ނެތް ކަމަށް ވެސް ރިޕޯޓުގައިވެ އެވެ.  އަދި އެ ފައިސާ ނަގަމުން ދިޔައިރު ކައުންސިލް އިދާރާގައި މިސްކިތުގެ މަސައްކަތްކުރުމަށް "ކައުންސިލް އެސިސްޓެންޓް" މަގާމުގައި މީހަކު ވެސް ހުންނަކަން ފާހަގަކޮށްފައިވެ އެވެ.

އޭގެ އިތުރުން އެހެނިހެން ފައިސާގެ ގޮތުގައި ވަގުތީ އެސްޖީގެ އެކައުންޓަށް ފައިސާ ޖަމާކޮށްފައި ވާއިރު އެ ފައިސާއާ ގުޅޭ އިންވޮއިސްތަކާއި ފައިސާ ލިބެން ޖެހޭ ފަރާތްތައް އެނގޭނެ ރިކޯޑު ބަލަހައްޓާފައި ނުވާ ކަމަށް ވެސް ބުނެފައިވެ އެވެ.

ކައުންސިލުން އެކި ފަރާތްތަކަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން 79،771ރ. އެ މުވައްޒަފުގެ އަމިއްލަ ބޭންކު އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށާއި އެ ފައިސާއަކީ އެ ކައުންސިލުން އެހެނިހެން ފަރާތްތަކަށް ދައްކަން ޖެހޭ ފައިސާ ކަމަށް ވެސް ރިޕޯޓުގައިވެ އެވެ. 

އެހެނިހެން ފައިސާގެ ގޮތުގައި ޖަމާކޮށްފައިވާ ފައިސާ

  • 2022 - 6890ރ.
  • 2023 - 5200ރ.
  • 2024 - 25،881ރ.
  • 2025 - 41،800ރ.
  • ހަތަރު އަހަރުގެ ޖުމްލަ - 79،771ރ.

އެއީ ފައިސާ ދޭންޖެހޭ މީހުންގެ އެކައުންޓަށް ޖަމާކުރި ފައިސާ ކަމަށް ބުނި ނަމަވެސް އެ ފައިސާގެ ހައްގުވެރިންނަށް ލިބުނުކަން ކަށަވަރުކުރެވޭނެ އެއްވެސް ލިޔެކިޔުމެއް ވެސް، އޮޑިޓްގައިވާ ގޮތުން ފެންނާކަށް ނެތެވެ.

އެ މައްސަލަ އިސްލާހު ކުރުމަށް އޮޑިޓް އޮފީހުން ލަފާ ދީފައި ވަނީ އެ މުވައްޒަފުގެ އަމިއްލަ އެކައުންޓަށް ޖަމާކުރި ފައިސާއަށް ވީގޮތެއް ބަލައި ކަށަވަރުކުރުމަށް ފަހު، އެ ފައިސާ އަނބުރާ ހޯދުމަށެވެ. އަދި ގަވާއިދާ ހިލާފަށް ދެ މުސާރަ ނެގި މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިގެން ތަހުގީގުކުރުމަށާއި ދައުލަތަށް ގެއްލުނު ފައިސާ އަނބުރާ ހޯދުމުގެ މަސައްކަތް ކުރުމަށް ވެސް އޮޑިޓްގައި ލަފާދީފައިވެ އެވެ.