މަައްސަލަތައް ތަހުގީގުކުރުމުގައި ހަަރަކާތްތެރިވާނެ އިންވެސްޓިގޭޓަރުން މަދުވުމަކީ ބޮޑު ގޮންޖެހުމެއް ކަމަށް ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އިން މިއަދު ބުނެފި އެވެ.
އެންއައިސީއަކީ ތަންފީޒީ އިދާރާތަކުން އަޅާ ފިޔަވަޅުތަކާއި ނިންމާ ނިންމުންތައް ގާނޫނާ ހިލާފު ކަމަށް ތުހުމަތު ކުރެވޭ ހާލަތްތަކުގައި އެ މައްސަލަތައް ބަލަން ގާނޫނަކުން އުފައްދާފައިވާ މިނިވަން މުއައްސަސާ އެކެވެ.
އެންއައިސީގެ މެންބަރުންނާ އެކު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އެ ކޮމިޝަނުގެ ނައިބު ރައީސް ފާތިމަތު ޝަރީފް ވިދާޅުވީ އެ ތަނުގައި މިހާރު ހަރަކާތްތެރިވަނީ އެންމެ ނުވަ އިންވެސްޓިގޭޓަރުންނެވެ. އަދި މި އަހަރު ފެށުނު އިރު އެ ކޮމިޝަނުގައި ތިބީ އެންމެ ހަތަރު އިންވެސްޓިގޭޓަރުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވާ ތަންކޮޅަކީ އަޅުގަނޑުމެންގެ އިންވެސްޓިގޭޓަރުންގެ އަދަދު، ނުވަ ކުދިން މިހާރު ތިބީ، އެއީ ހަމަ އަަޅުގަނޑުމެންނަށް ލިބިފައި އޮތް މުވައްޒަފުންގެ އަދަދު. މި އަހަރު ފެށުުނު އިރުގައި ތިބީ ހަތަރު އިންވެސްޓިގޭޓަރުން،" ފާތިމަތު ވިދާޅުވި އެވެ.
"އެއީ ވަރަށް ބޮޑު ޗެލެންޖެއް، އަޅުގަނޑުމެން ބޭނުންވާ ސްޕީޑްގައި މައްސަލަތައް ކުރިއަށް ގެންދިއުމުގައި."
ފާތިމަތު ވިދާޅުވި ގޮތުގައި، އިންވެސްޓިގޭޓަރުންގެ އަދަދު އެހާ މަދުއިރު އެންއައިސީއަށް ކުރިއްސުރެ ހުށަހަޅައި ނުނިމި ހުރި ގިނަ މައްސަލަތަކެއް ވެސް އެބަހުއްޓެވެ. އެ މައްސަލަތައް ނިންމައި ބެކްލޮގް ސާފުކުރަން ދަތިވާ އެއް ސަބަބަކީ ވެސް އޭނާ ވިދާޅުވި ގޮތުގައި މުވައްޒަފުންގެ އަދަދު މަދުވުމެވެ.
"އަޅުގަނޑުމެންގެ އަތުގައި ވަރަށް ބޮޑު ބެކްލޮގެއް [ކުރިން ހުށަހަޅައި ނުނިމި ހުރި މައްސަލަތަކެއް] ވެސް އެބައޮތް. ހާއްސަ އިސްކަމެއް ދީގެން އެ ބެކްލޮގް ކްލިއާ ކުރުމުގެ މަސައްކަތް ވެސް އަޅުގަނޑުމެން އެބަކުރަން،" ފާތިމަތު ވިދާޅުވި އެވެ.
މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުގައި އެންެއައިސީން މިއަދު ހުށަހެޅި ރިޕޯޓްގައިވާ ގޮތުން އެ އެއިދާރާއަށް ހުށަހެޅި މައްސަލަތައް މިދިޔަ ދެ އަހަރު ވަނީ އޭގެ ކުރީ އަހަރުތަކަށް ވުރެ އިތުރުވެފަ އެވެ.
މަައްސަލަތައް އެގޮތަށް އިތުރުވީ ކީއްވެތޯ މަޖިލިހުގެ މެންބަރަކު ސުވާލު ކުރެއްވުމުން ފާތިމަތު ވިދާޅުވީ އެ ކޮމިޝަނާ މެދު އާއްމުންގެ ހޭލުންތެރިކަން ކުރިން އޮތީ ކުޑަކޮށް ކަމަށާއި މިހާރު އެކަމަކު މީހުން ހޭލުންތެރިވަމުން އަންނަ ކަމަށެވެ.
ތަންފީޒީ އިދާރާތަކުގެ މައްސަލަތައް ބަލަން ރާއްޖޭގައި ކުރިން ހުރީ ވަކިވަކި ކޮމިޝަންތަކެކެވެ. އޭގެ ތެރޭގައި ޕޮލިސް އިންޓެގްރިޓީ ކޮމިޝަނާއި ކަސްޓަމްސް އިންޓެގްރިޓީ ކޮމިޝަން ހިމެނެ އެވެ.
އެންއައިސީ އުފެއްދީ އެ ދެ ކޮމިޝަނުން ކުރަމުން އައި މަސައްކަތް ވެސް ހިމެނޭ ގޮތުން އެފަދަ ހުރިހާ ކަމެއް ބަލާ ކޮމިޝަނުގެ ގޮތުގަ އެވެ.
"އަދިވެސް ހަމަ ވަރަށް ގިނަ މީހުންނަށް އެނގިފައި އޮންނަ ގޮތުގައި ޕޮލިސް އިންޓެގްރިޓީ ކޮމިޝަނެއް އޮންނަނީ، ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން މިއީ ޕޮލިސް އިންޓެގްރިޓީ ކޮމިޝަނާއި ކަސްޓަމްސް އިންޓެގްރިޓީ ކޮމިޝަނާ ދެތަން އެކުވެގެން އުފެދުނު ތަނެއް ކަމެއް އަދި ކީއްކުރާ ތަނެއް ކަމެއް ގިނަ މީހުންނަކަށް ނުއެއް އެނގޭ،" އޭނާ ވިދާޅުވި އެވެ.
އެކަން ބަދަލުކުރަން އެންއައިސީން މީޑިއާ ސްޓްރެޓެޖީއެއް އެކުލަވާލައި މީޑިއާއަށް މައުލޫމާތު ދޭން ފަށާފައިވާ ކަމަށާއި އެފަދަ ސެޝަންތައް މި އަހަރު ކުރިއަށް ގެންދިޔަ ކަމަށް ވެސް ފާތިމަތު ވިދާޅުވި އެވެ. ކޮމިޝަނުގެ ހާމަކަން ބޮޑުވާ ވަރަކަށް ހުށަހަޅާ މައްސަލަތައް އިތުރުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި އެންއައިސީން ހުށަހެޅި އަހަރީ ރިޕޯޓްގައިވާ ގޮތުން އެ ކޮމިޝަނަށް ހުށަހެޅި އަދި ކޮމިޝަނުން އިސްނަގައިގެން ބަލަން ފެށި މައްސަލަތަކުގެ 87 ޕަސެންޓަކީ ފުލުހުންގެ އިދާރާ ގުޅޭ މައްސަލަތަކެވެ. އެ މައްސަލަތަކުގެ 10 ޕަސެންޓަކީ ކަރެކްޝަނަލް ސާވިސްއަށް ރައްދުވާ މައްސަލަތައް ކަމަށާއި އިމިގްރޭޝަނަށް ރައްދުވާ މައްސަލަތަކަކީ އެއް ޕަސެންޓް ކަމަށް ރިޕޯޓުގައި ވެ އެވެ. ކަސްޓަމްސްއަށް ރައްދުވާ މައްސަލަތައް ވަރަށް މަދުކަމަށް ވެސް ރިޕޯޓުގައި ފާހަގަކޮށްފައި ވެ އެވެ.