ބާޒާރުގައި ފަސް ރުފިޔާގެ ނޫޓު މަދުވުމުން އާ ސްޓޮކެއް ގެނެސްފައިވާ ކަމަށް މަރުކަޒީ ބޭންކް އެމްއެމްއޭ އިން މިއަދު ބުނެފި އެވެ.
އެމްއެމްއޭ އިން މީޑިއާތަކަށް ބުނީ ރާއްޖޭގެ ބާޒާރުގައި މިހާރު ދައުރުކުރަމުން އަންނަ ފަސް ރުފިޔާގެ ނޫޓުތައް ބާވެ، ހަލާކުވުމާ ގުޅިގެން ބާޒާރުގައި ދައުރުވާ ފަސް ރުފިޔާގެ ނޫޓު ވަރަށް މަދުވެފައިވުމާ އެކު، އެ ނޫޓުގެ އާ ސްޓޮކެއް ގެނެސްފައިވާ ކަމަށެވެ.
އެ ނޫޓް ދައުރުކުރުމަށް ނިންމާފައި ވަނީ މާދަމާއިން ފެށިގެން ކަމަށް އެމްއެމްއޭ އިން ބުންޏެވެ.
އިގްތިސާދުގައި އުފެދޭ ނަގުދު ފައިސާގެ ޑިމާންޑާ އެއްވަރަށް ނޫޓު ފޯރުކޮށްދިނުމަށް އެ އޮތޯރިޓީން އަބަދު ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށާއި ފަސް ރުފިޔާގެ ނޫޓަކީ ގިނަ އަދަދަކަށް އެ އޮތޯރިޓީން އާންމުންނާއި ވިޔަފާރިތަކަށް ދޫކުރާ ނޫޓެއް ކަމަށް އެމްއެމްއޭ އިން ބުންޏެވެ.
އެމްއެމްއޭ އިން ބުނީ ފަސް ރުފިޔާގެ ސްޓޮކް މަދުވެފައި ވަނީ ބާޒާރުކުރުމުގައި އާންމު ގޮތެއްގައި ބޭނުންކުރާ ނޫޓަކަށް އެ ނޫޓު ވާއިރު، ބޭންކުތައް މެދުވެރިކޮށް އެމްއެމްއޭއަށް ފަސް ރުފިޔާގެ ނޫޓު ޖަމާކުރާ މިންވަރު މަދުވުން ކަމަށެވެ.
އަލުން ގެނައި ފަސް ރުފިޔާގެ ނޫޓުގައިވާ ތާރީޚަކީ "ޖުލައި 31، 2025، 6 ޞަފަރު 1447" ކަމަށާއި އަދި އެ ނޫޓުތަކުގައި ސޮއިކުރައްވާފައި ވަނީ ގަވަރުނަރު އަހްމަދު މުނައްވަރު ކަމަށް އެމްއެމްއޭ އިން ބުންޏެވެ.
އެމްއެމްއޭ އިން ބުނި ގޮތުގައި، މިއަދު ގެނައި ފަސް ރުފިޔާގެ ސްޓޮކަކީ އެ އޮތޯރިޓީން ރަންދިހަފަހެއް ނޫޓު ސީރީސްގެ ފަސް ރުފިޔާ 2017 ގައި ނެރުނު ފަހުން އޭގެ އާ ސްޓޮކެއް ގެނައި ފުރަތަމަ ފަހަރެވެ.
މާދަމާ ދައުރުކުރުމަށް ނެރޭ ފަސް ރުފިޔާ ނޫޓުތަކުގައި ދިވެހި ރުފިޔާގެ ނިޝާން ހިމަނާފައިވާއިރު، އެ ނޫޓާ އެކު މިހާރު ދައުރުވަމުން އަންނަ ފަސް ރުފިޔާގެ ނޫޓު ވެސް ބޭނުންކުރާނެ ކަމަށް އެމްއެމްއޭ އިން ބުންޏެވެ.
ބާޒާރުގައި ދައުރުވާ ނޫޓު މަދުވުމުން އެމްއެމްއޭ އިން މިދިޔަ އަހަރު ޖެނުއަރީ މަހު އާއި މި އަހަރުގެ ފެބްރުއަރީ މަހު ވެސް ވަނީ 100ރ. ގެ އާ ސްޓޮކެއް ގެނެސްފަ އެވެ. އަދި 20ރ. ގެ ނޫޓު މަދުވުމުން ވެސް މިދިޔަ ފެބްރުއަރީ މަހު އާ ސްޓޮކެއް ގެނެސް ބާޒާރަށް ނެރެފައިވެ އެވެ.