ދިވެހި ރުފިޔާގެ ނޫޓުތަކާއި ޕްރައިޒް ލޭބަލްތަކުގައި ބޭނުންކުރުމަށް ފަރުމާކުރި ދިވެހި ރުފިޔާގެ ނިޝާން، ދުނިޔޭގެ ޑިޖިޓަލް ރައިޓިން ނިޒާމު ކަމަށްވާ 'ޔުނިކޯޑް ސްޓޭންޑަޑް' ގައި ހިމެނުމަށް ވަނީ ނިންމައިފަ އެވެ. މިއީ ރާއްޖޭގެ ޓެކްނޮލޮޖީ އަދި ފޮންޓް ފަރުމާކުރުމުގެ ދާއިރާގެ ހުނަރުވެރި ޒުވާނުންތަކެއް މިކަމަށްޓަކައި ކުރި ގިނަދުވަސްވީ މަސައްކަތުގެ ނަތީޖާ އެވެ.
ދިވެހި ރުފިޔާގެ ނިޝާނަކީ ބައިނަލްއަގުވާމީ ފެންވަރުގައި ބޭނުންކުރެވޭ ޑިޖިޓަލް އަކުރަކަށް ހެދުމަށްޓަކައި ޔުނިކޯޑް ކޮންސޯޓިއަމްއަށް ރަސްމީ ހުށަހެޅުމެއް ހުށަހެޅީ ނާއިލް އަބްދުއްރަހްމާން (ކުޑަ ނާއި) އަދި އަބްދުﷲ ޝަފީއު (އަބޯ) އެވެ.
އެމްއެމްއޭގެ އެންޑޯޒްމެންޓާ އެކު މިދިޔަ އަހަރުގެ މާޗް މަހު ހުށަހެޅި މި ޕްރޮޕޯޒަލްގައި އެދިފައިވަނީ "ރުފިޔާ ސައިން" ގެ ނަމުގައި ހާއްސަ ޔުނިކޯޑް އަކުރެއް އުފެއްދުމަށެވެ. އަދި މި އަކުރަށް ކަނޑައެޅުމަށް ހުށަހެޅި ކޯޑަކީ U+20C2 އެވެ.
ޔުނިކޯޑް ޓެކްނިކަލް ކޮމިޓީން ވަނީ މި ހުށަހެޅުން ބަލައިގަނެ، ޔުނިކޯޑް 18.0 އަދަދުގައި މި ނިޝާން ހިމަނަން ނިންމައިފަ އެވެ. މިއާ އެކު، ރުފިޔާގެ ނިޝާނަކީ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ ޑިޖިޓަލް އަކުރަކަށް ވެގެންދިޔައީ އެވެ.
މި މަސައްކަތް ފެށީ ރާއްޖޭގައި ރުފިޔާގެ ނިޝާނެއް ރަސްމީކޮށް ކަނޑައަޅާފައި އޮތް ނަމަވެސް، އެ ރަމްޒަށް ހާއްސަ ޔުނިކޯޑް އަކުރެއް ނެތުމުން ދިމާވާ ދަތިތަކުގެ ސަބަބުންނެވެ. އެ ނިޝާން 2022 ވަނަ އަހަރު ތައާރަފުކޮށްފައި އޮތް ނަމަވެސް، އޭގެ ހަގީގީ ބޭނުމެއް ނުހިފެ އެވެ. ޑިޖިޓަލް ސިސްޓަމްގައި ރުފިޔާގެ ނިޝާން ނެތުމުގެ ސަބަބުން، މީގެ ކުރިން އެ ބޭނުންކުރަމުން އައީ ނިޝާން ފެންނަ ގޮތަށް ހަދާފައިވާ ފޮންޓްތައް ނުވަތަ އެކި ކަހަލަ ޓައިޕޮގްރަފިކް އުކުޅުތަކުންނެވެ.
އެހެންވެ ނާއި އާއި އަބޯއަށް މި މަސައްކަތަކީ ހަމައެކަނި އާ ފޮންޓެއް ފަރުމާކުރުމަށް ވުރެ މާ މުހިންމު ކަމެކެވެ.
އެއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޭނުންކުރާ ކޮމްޕިއުޓަރާއި، ފޯނާއި، ވެބްސައިޓްތަކާއި، މާލީ ނިޒާމުތަކުގެ އިތުރުން އެކި އާލާތްތަކުގައި ބޭނުންކުރާ ޑިޖިޓަލް ސިސްޓަމްގެ ތެރޭގައި ދިވެހި ރުފިޔާގެ ނިޝާން ހިމެނުމަށް ކުރެވުނު ބޮޑު މަސައްކަތެކެވެ.
"ޔުނިކޯޑަށް ނިޝާން ލެވިގެން ނޫނީ އެއްވެސް ސިސްޓަމެއްގައި ބޭނުމެއް ނުކުރެވޭނެ. އެހެންވީމާ މިއީ ކޮންމެހެން ވެސް ކުރަންޖެހޭ ކަމެއް. ކޮންމެވެސް މީހަކު ކޮށްގެން ވާނީ... އެހެންވެ މިކަމުގައި އިސްނެގީ،" ނާއި ބުންޏެވެ.
މި މަސައްކަތަކީ ހަމައެކަނި ޔުނިކޯޑަށް ހުށަހެޅުމެއް ފޮނުވާލުމަށްވުރެ މާ ފުޅާ މަސައްކަތެކެވެ.
މި ޕްރޮޕޯސަލް ތައްޔާރުކުރަން ޖެހުނީ ބައިނަލްއަގުވާމީ އަކުރުތަކުގެ މިންގަނޑަށް އަކުރެއް އިތުރުކުރުމުގައި އަމަލުކުރާ ފަންނީ އޮނިގަނޑާ އެއްގޮތަށެވެ. މީގެ ތެރޭގައި އެ އަކުރަށް ދިނުމަށް ހުށަހަޅާ ނަމާއި، ކޯޑް ޕޮއިންޓާއި، ގިންތިކުރެވޭ ގޮތާއި، އަކުރުގެ ސިފަތަކާއި، ލިޔާނެ ގޮތުގެ އިތުރުން، ފޮންޓްތަކުގައި އެ ބޭނުންކުރާނެ ގޮތާއި މިހާރު ވެސް އެ ނިޝާން ބޭނުންކުރަމުންދާކަން ސާބިތުކޮށްދޭން ޖެހުނެވެ.
މީގެ އިތުރުން، ޔުނިކޯޑް މަރުހަލާގައި ބޭނުންކުރުމަށް ރުފިޔާ ނިޝާނުގެ ކޮމްޕިއުޓަރު ފޮންޓެއް ފަރުމާކޮށްފައިވަނީ "އަކުރު ޓައިޕް" ގެ އަބޯ އެވެ. އަބޯ ބުނި ގޮތުގައި މިއީ އޭނާ ވަރަށް ބޮޑަށް ފަހުރުވެރިވާ މަސައްކަތެކެވެ.
ނާއި އާއި އަބޯގެ އިތުރުން މި މަސައްކަތުގައި މޯލްޑިވްސް އައިސީޓީ އެލަޔަންސްގެ ހަސަން އިރުފާން އާއި ޔުނިކޯޑް މާހިރެއް ކަމަށްވާ އަބްދުﷲ ގާދިރު އަދި ޑރ. ސަރްމަދު ހުސައިންގެ ނަން ފާހަގަކުރަންޖެހެ އެވެ.
ދިވެހިރާއްޖެއިން އެތައް ބިލިއަން ޑިޖިޓަލް ޑިވައިސްތަކަށް
މި ކާމިޔާބީގެ މުހިންމުކަން ކޮމްޕިއުޓަރު ކީބޯޑަކަށް އިތުރުވި އަކުރަކަށްވުރެ މާ ބޮޑެވެ.
ޔުނިކޯޑަކީ ތަފާތު ކޮމްޕިއުޓަރު ސިސްޓަމްތަކާއި ޑިޖިޓަލް ޕްލެޓްފޯމްތަކުގައި ލިޔުންތަކާއި ނިޝާންތައް އެއްގޮތަކަށް ބޭނުންކުރުމަށް މަގުފަހިކޮށްދޭ ބައިނަލްއަގުވާމީ މިންގަނޑެވެ. ރުފިޔާގެ ނިޝާނަށް "U+20C2" ކަނޑައެޅުމާ އެކު، ސޮފްޓްވެއާ އާއި ފޮންޓް އުފައްދާ ފަރާތްތަކަށް ވަކި ހާއްސަ ފޮންޓަކަށް ބަރޯސާވުމުގެ ބަދަލުގައި، ދުނިޔޭގެ އެންމެން ބަލައިގަންނަ މިންގަނޑެއްގެ ދަށުން މި ނިޝާން ހިމެނުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.
"...މިހާރު ކޮންމެ ގައުމެއްގެ ސިސްޓަމަކުން ވެސް އެ ރީޑްކުރުމުން ވެސް އެނގޭނެ އެއީ ރުފިޔާކަން. އެހެންވެ މިހާރު އެއޮތީ ރަސްމީވެފައި. ކޮމްޕިއުޓަރުގައި ލިޔާއިރު ދެން އެ ލިޔަން ޖެހޭ ގޮތަށް ލިޔެވޭނެ،" ނާއި ބުންޏެވެ.
ރުފިޔާގެ ނިޝާނަކީ މުޅި ރާއްޖެއަށް ހުޅުވާލައިގެން ބޭއްވި މުބާރާތަކަށްފަހު، 2022 ވަނަ އަހަރު އެމްއެމްއޭ އިން ތައާރަފްކުރި ނިޝާނެކެވެ. ހަސަން ޝުޖާއު ފަރުމާކުރި މި ނިޝާން ބިނާވެފައިވަނީ "ރ" އަކުރުގެ މައްޗަށެވެ. އަދި އޭގައި ހިމެނޭ ހުރަސް ރޮނގުން ރަމްޒުކޮށްދެނީ ހިސާބު އިލްމުގައި ބޭނުންކުރާ ހަމަހަމަކަމުގެ ނިޝާނެވެ.