ރާއްޖޭގެ ބާޒާރުގައި 20ރ. ގެ ނޫޓުގެ ސްޓޮކް މަދުވުމުގެ މައްސަލަ ބޮޑުވެފައިވާ ކަމަށާއި މިހާރު ދައުރުވަނީ އެ ނޫޓުގެ ވަރަށް މަދު އަދަދެއް ކަމަށް ބައެއް ފަރާތްތަކުން ބުނެފި އެވެ. 

އެނގިފައިވާ ގޮތުގައި ރޯދަ މަސް ކައިރިވަމުން އަންނާތީ، އޭޓީއެމްތަކުން ފައިސާ ނަގާ މިންވަރު އިތުރުވެ، ނަގުދު ފައިސާގެ މުއާމަލާތްތައް ގިނަވުމުގެ ސަބަބުން ބޭންކުތަކާއި ވިޔަފާރިތަކަށް 20ރ. ގެ ނޫޓު ލިބުމުގައި ދަތިތަކެއް ވަނީ ކުރިމަތިވެފަ އެވެ.

އެކަން ބައެއް ވިޔަފާރިވެރިން ވެސް ދަނީ ފާހަގަކުރަމުންނެވެ. 

ވިޔަފާރިވެރިންނަށް ބޭނުންވާ މިންވަރަށް 20ރ. ގެ ނޫޓު ދަތިވުމުގެ ސަބަބުން ދުވަހުން ދުވަހަށް ކުރާ ނަގުދު ފައިސާގެ މުއާމަލާތްތައް ހިންގުމުގައި އުނދަގޫތަކެއް ދަނީ ކުރިމަތިވަމުންނެވެ.  

މި މައްސަލާގައި ވާހަކަ ދެއްކި މީހަކު ބުނީ، އޭޓީއެމްތަކުން ވެސް މި ދުވަސްވަރު ލިބެނީ ވަރަށް ބޮޑަށް ބާވެފައިވާ 20ރ. ގެ ނޫޓުތައް ކަމަށެވެ. އަދި ވަރަށް ބޮޑަށް ބާވެފައިވުމުގެ ސަބަބުން 20ރ. ގެ ނޫޓު މެޝިންތަކުން "ބަލައިގަތުމުގެ" އުނދަގޫތަކެއް ވެސް ކުރިމަތިވާ ކަމަށް އޭނާ ބުންޏެވެ.

ރާއްޖޭގެ ބާޒާރުގައި 20ރ. ގެ ނޫޓު މަދުވުމުގެ މައްސަލަ ބޮޑަށް ފާހަގަވާން ފެށީ ވިޔަފާރިވެރިން ބުނާގޮތުގައި މިދިޔަ ހަފުތާއިން ފެށިގެންނެވެ. ސަބަބެއް ކަމަށް ވަނީ އޭޓީއެމްތަކުން ފައިސާ ނަގާ އަދަދު އިތުރުވެ އަދި ކުދި ނޫޓުތަކުގެ ޑިމާންޑު ބޮޑުވުން ކަމަށް އެ މީހުން ބުންޏެވެ. 

އެމްއެމްއޭ އިން ފައިސާ ދޫކުރަނީ ބޭންކުތަކާއި އާންމުންގެ ބޭނުންތަކަށް ރިއާޔަތް ކުރުމަށް ފަހުގަ އެވެ. މަރުކަޒީ ބޭންކުގެ ގާނޫނުގެ ދަށުން، އެ އޮތޯރިޓީން ފައިސާ ނެރެނީ އިގުތިސާދީ ހަރަކާތްތަކަށް އެހީތެރިވުމަށާއި ބޭނުންނުކުރެވޭ ވަރަށް ބާވެ، ހަލާކުވެފައިވާ ނޫޓުތައް ބަދަލުކުރުމަށެވެ.

އެމްއެމްއޭގެ 2024 ވަނަ އަހަރުގެ އަހަރީ ރިޕޯޓުގައިވާ ގޮތުން، މިހާރު އިގްތިސާދުގައި ދައުރުވަމުން އަންނަ ނަގު ފައިސާގެ ޖުމްލަ އަގަކީ 4.14 ބިލިއަން ރުފިޔާ އެވެ. ވަކިވަކި ނޫޓުތަކަށް އޮންނަ ޑިމާންޑް ބިނާވަނީ އާންމުން ފައިސާ ބޭނުންކުރާ ގޮތަށާއި މާލީ އިދާރާތަކުން ފައިސާ ބަހާ ގޮތުގެ މައްޗަށެވެ. އަދި 20ރ. އާއި 10ރ. އަދި 5ރ. ފަދަ ކުދި ނޫޓުތަކަކީ ބޮޑެތި ނޫޓުތަކަށް ވުރެ އަވަހަށް އަތުން އަތަށް ބަދަލުވާ އެއްޗެހި ކަމަށް ވާތީ، އެ ނޫޓުތައް ބާވެ ހަލާކުވުމުގެ ފުރުސަތު ބޮޑެވެ.

ރަސްމީ ތަފާސްހިސާބުތައް ދައްކާ ގޮތުގައި، 100ރ. ގެ ނޫޓަށް ފަހު ރާއްޖޭގައި އެންމެ ގިނައިން އަލުން ޗާޕުކުރަން ޖެހެނީ 50ރ. އާއި 20ރ. އަދި 10ރ. ގެ ނޫޓެވެ. 

އެމްއެމްއޭ އިން މި މަހު ކުރީކޮޅު ވަނީ 100ރ. ގެ ނޫޓުގެ ސްޓޮކް މަދުވުމުން އޭގެ އާ ސްޓޮކެއް ވެސް ޗާޕްކޮށްގެން ގެނެސްފަ އެވެ. 

މަދުވުމުން ދޭތެރެދޭތެރެއިން ބޭރުން ޗާޕްކޮށްގެން ނޫޓު ގެނައުމަކީ އެމްއެމްއޭ އިން އަބަދުވެސް ކުރާ ކަމެކެވެ. މިދިޔަ އަހަރު ވެސް 100ރ. ގެ އާ ސްޓޮކެއް ގެނެސްފައިވެ އެވެ.