މުޖުތަމައުގެ އެންމެންގެ ހިޔާލާއި މަޝްވަރާ ޝާމިލްކުރުމުގެ ގޮތުން "ޕާސަންސް ވިތު ޑިސެބިލިޓީ (ޕީޑަބްލިޔުޑީ)" އެމްބެސެޑަރުންގެ ގޮތުގައި ދެ މީހަކު މިއަދު އައްޔަންކޮށްފި އެވެ.
އެޗްޑީސީގެ ބަޔާނެއްގައި ބުނީ ލާމެހިފައިވާ ވެއްޓެއް ގާއިމްކުރުމުގެ ތަސައްވުރުގެ ތެރެއިން މި އަހަރުގެ ބައިނަލްއަގުވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހު އެ ކޯޕަރޭޝަންގެ ޕީޑަބްލިޔުޑީ އެމްބެސެޑަރުންގެ ގޮތުގައި ރަސްމީކޮށް އައްޔަންކޮށްފައި ވަނީ އެ ކުންފުނީގެ ހިއުމަން ރިސޯސް މެނޭޖްމަންޓްގެ އާމިނަތު އިރާޝާ އާއި ސެންޓްރަލް އޮޕަރޭޝަންސްގެ އަހްމަދު ނަޖީބު ކަމަށެވެ.
އެ މީހުންގެ އެމްބެސެޑަރުކަމުގެ މުއްދަތު ހަމަވާނީ އަންނަ އަހަރުގެ އޮކްޓޯބަރު މަހަށް ކަމަށް އެޗްޑީސީން ބުންޏެވެ.
އެ ކުންފުނިން ބުނީ އެ މީހުންނާ އެކު ސޮއިކުރި ފަހުމުނާމާގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހަމަހަމަ ފުރުސަތެއް ހޯދައިދިނުމަށް އެމީހުންގެ ހިޔާލާއި މަޝްވަރާ އާއި ކަންބޮޑުވުންތައް މެނޭޖްމަންޓަށް ހުށަހެޅުމުގައި ދެ އެމްބެސެޑަރުން އެހީވާނެ ކަމަށެވެ.
މީގެ އިތުރުން ވެސް، ނުކުޅެދުންތެރިކަން ހުންނަ މީހުންނާ ގުޅޭ މަސައްކަތްތައް ޑިޕާޓްމަންޓްތަކުން ކުރިއަށް ގެންދޭތޯ ބެލުމާއި ހުޅުމާލޭގެ މަޝްރޫއުތައް ކުރިއަށް ގެންދަނީ އެންމެންނަށް ބައިވެރިވެވޭ ގޮތަށްކަން ކަށަވަރުކުރުމުގައި އެ ކޯޕަރޭޝަނަށް އެމްބެސެޑަރުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.
އެޗްޑީސީން ބުނީ އެންމެންނަށް ފަހި ތަނެއްގެ ގޮތުގައި ހުޅުމާލެ ބިނާކުރެވޭނީ މުޅި މުޖުތަމައުގެ އެއްބާރުލުމާ އެކީގައި ކަމަށާއި އެ ކޯޕަރޭޝަނުން އައްޔަންކުރި އެމްބެސެޑަރުން މަސައްކަތް ކުރާނީ އާންމުންގެ ހިޔާލުތަކާއި ބޭނުންތައް ދެނެގަނެ، އެ ކަންކަން ހަގީގަތަކަށް ހެދުމަށް ކަމަށެވެ. އަދި މަގުތަކާއި އާންމު ސަރަހައްދުތައް ތަރައްގީކުރުމުގައި ވެސް ދެމިތިބޭނީ އެ އަޒުމުގައި ކަމަށް އެޗްޑީސީން ބުންޏެވެ.
"މި ކޯޕަރޭޝަންގެ އެންމެ ބޮޑު އެއް އަމާޒަކީ ހުޅުމާލެއަކީ އެންމެހާ ރައްޔިތުންނަށް ބޭނުންކުރަން ފަސޭހަ، އެންމެންގެ ބައިވެރިވުން އެކުލެވޭ ރަށަކަށް ހެދުން. އަދި، ވަސީލަތްތަކާއި މަސައްކަތުގެ މާހައުލާއި މުޅި ހުޅުމާލެއަކީ ވެސް ލާމެހިފައިވާ ވެއްޓަކަށް ހެދުން،" އެޗްޑީސީގެ އެޗްއާރު މެނޭޖްމަންޓްގެ އެކްޓިން ހެޑް މުހައްމަދު ހިސާން ވިދާޅުވި އެވެ.
"ހުޅުމާލެއަކީ އެންމެންނަށް ހިތްފަސޭހަ ތަނަކަށް ހެދުމުގައި އަޅުގަނޑުމެން އެންމެން އެކުގައި މަސައްކަތް ކުރަމާ ހިންގަވާ."
އެޗްޑީސީން ބުނީ މިފަދަ އެއްވެސް ކަންބޮޑުވުމެއް ހިއްސާކުރައްވަން ބޭނުންވާ ނަމަ، ކުރިއެކޭ ވެސް އެއްގޮތަށް އެ ކޯޕަރޭޝަންގެ ހޮޓްލައިން 1516 އަށް ގުޅުއްވައިގެން އެކަން ހިއްސާކުރެއްވޭނެ ކަމަށެވެ. އަދި އެންމެންގެ ކަންބޮޑުވުންތައް ހައްލުކޮށް، ލާމެހިފައިވާ ވެއްޓެއް ގާއިމުކުރުމަށް އެ ކޯޕަރޭޝަނަށް މިހާރު ވެސް ދޭ އެއްބާރުލުމަށް ޝުކުރު އަދާކުރާ ކަމަށް ބަޔާނުގައި ބުންޏެވެ.