ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ހުނަރު ދައްކާލައި ހަމަހަމަ ފުރުސަތު ހޯދައިދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ ހާއްސަ އެހީއަށް ބޭނުންވާ ކުއްޖެއްގެ މަންމަ “ރައްޔިތުންގެ އަޑު" ޕްރަގްރާމްގައި ފާޅުކުރި ކަންބޮޑުވުމަކާ ގުޅިގެންނެވެ.
ހއ. ކެލާއަށް އުފަން ހަދީޖާ ނަމަކަށް ކިޔާ އެ އަންހެންމީހާ ރައީސަށް ހުށަހެޅީ އޭނާގެ ހާއްސައެހީއަށް ބޭނުންވާ އުމުރުން 18 އަހަރުގެ އަންހެން ކުއްޖާއަކީ ވަރަށް މޮޅަށް ކުރަހާ ކުއްޖެއް ކަމަށް ވިޔަސް އެ ހުނަރު ދައްކާލުމަށް ފުރުސަތު ނެތުމުންނެވެ.
"ވަރަށް ދެރަވޭ އޭނާ ކަހަލަ ޓެލެންޓެޑް ކުއްޖަކަށް އަސްލު ރާއްޖޭގައި ފުރުސަތުތަކެއް ނެތް. އޭނާއަކީ އަސްލު ބުނަންޏާ ފަންސުރު އިންތާ އިންގޮތަށް ބައިންދާފައި، ރަބަރު ވެސް އިންތާ ބައިންދާފައި ހަމައެކަނި ގަލަމުން އެހެރަ ކުރަހާލަނީ. ވަރަށް ހަމަ މޮޅު،" ކުއްޖާގެ މަންމަ ބުންޏެވެ.
އެންމެ ފަހުން ހުޅުމާލޭގައި ބޭއްވި އާޓް އެގްޒިބިޝަންގައި ދަރިފުޅު ބައިވެރިވި ނަމަވެސް އޯޓިޒަމް ކުއްޖެއް ކަމަށް ވާތީ އެ ތަނުގައި މާ ގިނައިރު ނުހުރެވޭނެ ކަމަށް އެކަން އިންތިޒާމުކުރި ފަރާތުން އެންގި އެވެ. އެކަމަކު ދަރިފުޅު އެގްޒިބިޝަންގައި މަޑުނުކޮށް، އެ ތަނުގައި ކުރެހުން ބަހައްޓައިދޭން އެދުމުން އެ ކަމަށް ވެސް ޖަވާބެއް ނުލިބުނު ކަމަށް އެ ކުއްޖާގެ މަންމަ ރައީސް މުއިއްޒަށް ދެންނެވި އެވެ.
"އެ ބޭފުޅުން ވިދާޅުވީ ވާހަކަ ދައްކާފައި ފަހުން ގުޅާލާނަމޭ، އެކަމަކު ފަހުން އެ އަކަށް ޖަވާބެއް ނުލިބޭ،" މަންމަ ކިޔައިދިނެވެ.
އެ ވާހަކަތައް އަޑު އެއްސެވުމަށް ފަހު، ރައީސް ވިދާޅުވީ އެފަދަ މުބާރާތްތަކުގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ބައިވެރިވުން ވީހާ ވެސް ބޮޑުކުރަން ޖެހޭ ކަމަށެވެ. އަދި ދިރިއުޅުމުގައި ހަމަހަމަ ފުރުސަތު ވެސް އެފަދަ ކުދިންނަށް އޮންނަން ޖެހޭ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
"ވަރަށް ބޮޑަށް ބަލައިދޭނަން، ހާއްސަކޮށް ދަރިފުޅުގެ ޓެލެންޓް ކުރިއަށް ގެންދެވޭނެ މަގެއް ފަހިކޮށްދެވޭތޯ އަޅުގަނޑު މަސައްކަތް ކުރާނަން،" ރައީސް ވިދާޅުވި އެވެ.
ކެލާއަކީ ރީތި ރަށެއް ކަމަށް ވިޔަސް އެފަދަ ކުދިންނަށް ބޭނުންވާ ތައުލީމު ފުރުސަތުތައް ނުލިބުމުން މާލޭގައި ދިރިއުޅެން މަޖުބޫރުވެފައިވާ ކަން ވެސް މަންމަ ފާހަގަކުރި އެވެ.