ސިވިލް ސާވިސް މުވައްޒަފުންގެ ތެރެއިން، ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިންނަށް ގޭގައި ތިބެގެން މަސައްކަތް ކުރެވޭނެ ގޮތަށް ގަވާއިދަށް އިސްލާހު ގެނެސްފި އެވެ.
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން މިއަދު އާންމުކުރި ސިވިލް ސާވިސް ގަވާއިދުގެ އިސްލާހުގައި ވަނީ ސަރުކާރު އޮފީސްތަކުގައި މަސައްކަތްކުރާ، ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިންނަށް އޮފީހަށް ހާޒިރުނުވެ، އޮފީހުގެ ރަސްމީ މަސައްކަތްތައް ކުރުމަށް އެދޭ ހާލަތުގައި އެގޮތަށް މަސައްކަތްކުރުމުގެ ހުއްދަ ދެވޭނެ ގޮތްތައް ބަޔާންކޮށްފަ އެވެ.
އޮފީހަށް ހާޒިރުނުވެ މަސައްކަތްކުރުމުގެ ހުއްދަ ދޭންވާނީ، ނުކުޅެދުންތެރިކަން ހުންނަ ކުއްޖާގެ އާންމު ދިރިއުޅުމުގައި ދުވަހުން ދުވަހަށް ކުރަން ޖެހޭ ކަންތައްތަކުގައި އެހެން މީހެއްގެ އެހީތެރިކަން ބޭނުންވާނެ މިންވަރު ބަޔާންކޮށް، ސިއްހީ މަސައްކަތްތެރިޔަކު ދޫކޮށްފައިވާ ލިޔުމަށް ރިއާޔަތްކޮށް ކަމަށް އެ އިސްލާހުގައި ބުނެފައިވެ އެވެ.
ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިން ދަރަޖަ ކުރެވޭނެ ތިން ގޮތެއް ވެސް އެ ގަވާއިދުގައިވެ އެވެ. އެއީ؛
- ދަރަޖަ 1: އާންމު ދިރިއުޅުމުގައި ދުވަހުން ދުވަހަށް ކުރަން ޖެހޭ ކަންތައްތަކުގައި އެހެން މީހެއްގެ އެހީތެރިކަން ކޮންމެހެން ވެސް ބޭނުންވާ ނުކުޅެދުންތެރިކަން ހުންނަ ކުއްޖާގެ ބެލެނިވެރިން.
- ދަރަޖަ 2: އާންމު ދިރިއުޅުމުގައި ދުވަހުން ދުވަހަށް ކުރަން ޖެހޭ ކަންތައްތަކުގައި އެހެން މީހެއްގެ އެހީތެރިކަން މެދު މިންވަރަކަށް ބޭނުންވާ ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިން.
- ދަރަޖަ 3: އާންމު ދިރިއުޅުމުގައި ދުވަހުން ދުވަހަށް ކުރަން ޖެހޭ ކަންތައްތަކުގައި އެހެން މީހެއްގެ އެހީތެރިކަން ބޭނުން ނުވާ ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިން.
ގަވާއިދުގައި ބުނީ ދަރަޖަ 1 ގައިވާ ބެލެނިވެރިންނަށް މުޅި ދުވަހު އެއްކޮށް އޮފީހަށް ހާޒިރު ނުވެ މަސައްކަތްކުރުމުގެ ހުއްދަ ދޭންވާނެ ކަމަށެވެ. އަދި ދަރަޖަ 2 އާއި ދަރަޖަ 3 ގައިވާ ބެލެނިވެރިން އޮފީހަށް ހާޒިރު ނުވެ މަސައްކަތްކުރުމުގެ ހުއްދަ ދޭންވާނީ، ނުކުޅުދުންތެރިކަން ހުންނަ ކުއްޖާގެ ކައިރީގައި ކޮންމެހެން ވެސް ހުންނަން ޖެހޭ ހާލަތެއް މެދުވެރިވެއްޖެ ނަމަ އެވެ.
ނުކުޅެދުންތެރިކަން ހުންނަ ކުއްޖާއަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ކުއްޖަކަށް ވާނެ ޖެހެ އެވެ. އަދި އެ ކުއްޖާގެ ބެލެނިވެރިންކަމުގައި ބަލާނީ އޭނާގެ މަންމަ ނުވަތަ ބައްޕަ ނުވަތަ ޝަރުއީ ބަލަދުވެރިޔާ ނަމަ އެވެ.
އޮފީހަށް ހާޒިރު ނުވެ މަސައްކަތްކުރުމުގެ ހުއްދަ ދިނުމުގެ އިދާރީ އިންތިޒާމުތައް ހަމަޖައްސަން ޖެހޭ ގޮތާއި އެ މުވައްޒަފުންގެ ބަފާ ޓައިމް ކަނޑައަޅާނެ ގޮތާއި ހުސްވަގުތުކޮޅާ އެކު އިތުރު ވަގުތު ދޭނެ ގޮތް ވެސް ގަވާއިދަށް ގެނައި އިސްލާހުގައި ވަނީ ބަޔާންކޮށްފަ އެވެ.
ރަސްމީ މަސައްކަތު ގަޑި ފެށޭ ވަގުތަށް އޮފީހަށް ހާޒިރު ނުވެވޭ ދުވަސްތަކަށް، މަސައްކަތަށް ހާޒިރުވާން ކަނޑައަޅާފައިވާ ގަޑިން ފެށިގެން އެއް ގަޑިއިރުގެ ވަގުތެއް ބަފާ ޓައިމްގެ ގޮތުގައި ދެވޭނެ އެވެ. އަދި ބަފާ ޓައިމްގެ ތެރޭގައި، މުވައްޒަފު އޮފީހަށް ހާޒިރުވި ވަގުތަށް ބަލައި، އެ މިންވަރަށް އޮފީސް ނިމޭ ގަޑި ފަސްކުރެވޭނެ އެވެ.
އެ މުވައްޒަފުންނަށް ދެވޭ ހުސްވަގުތުކޮޅުގެ 30 ތިރީސް މިނިޓުގެ އިތުރަށް، ނުކުޅެދުންތެރިކަން ހުންނަ ކުއްޖާއާ ގުޅޭ ޒިންމާތަކުގެ ތެރެއިން އާދަވެގެން ކޮންމެ ދުވަހަކު އަދާކުރަން ޖެހޭ ޒިންމާއަކާ ގުޅިގެން އިތުރަށް ވަގުތު ބޭނުންވާ ހާލަތުގައި، ހުސްވަގުތުކޮޅާ އެކު އިތުރު ވަގުތު، އޮފީހުން ކަނޑައަޅާ ގޮތެއްގެ މަތީން ހަމަޖައްސައިދެވޭނެ ކަމަށް އެ އިސްލާހުގައި ބުންޏެވެ.
ސިވިލް ސާވިސް ވަޒީފާގައި އުޅޭ ބެލެނިވެރިންނަށް ގޭގައި ތިބެގެން މަސައްކަތް ކުރެވޭ ގޮތަށް، އަންނަ މަހުން ފެށިގެން "ވޯކް ފްރޮމް ހޯމް" ދޭން ނިންމާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރެއްވީ މި މަހުގެ ފަސް ވަނަ ދުވަހު އިއްވި މި އަހަރުގެ ރިޔާސީ ބަޔާނުގަ އެވެ.