ކިޔަވައިދޭ ދަރިވަރުންގެ 75 ޕަސެންޓް ފާސްނުވާތީ އާއި ކިޔަވައިދިނުމުގެ ހުނަރު ދަށް ކަމަށް ކަނޑައަޅައި، ވަޒީފާއިން ވަކިކުރި ބިދޭސީ ޓީޗަރަކަށް ބަދަލުދޭން ޖެހިއްޖެ އެވެ.
ރަޔަސް ޖޮޝީ ނަމަކަށް ކިޔާ އިންޑިއާ ޓީޗަރަކު ދ. އަތޮޅު ސްކޫލްގެ ބީޓެކް ހޮސްޕިޓަލިޓީ ޓީޗަރެއްގެ މަގާމުގައި ހުއްޓާ ވަޒީފާއިން ވަކިކޮށް، ސިވިލް ސާވިސް ކޮމިޝަނުން އެކަން އަންގާފައިވެ އެވެ.
އެ ނިންމުން ނިންމީ އެކަށީގެންވާ ސަބަބެއް ނެތް ކަމަށް ޓީޗަރު ބުނާއިރު، ސިވިލް ސާވިސް ކޮމިޝަނުން ބުނީ އެ ފިޔަވަޅު އެޅީ ވަޒީފާ އެއްބަސްވުމާ ހިލާފުވުމުންނެވެ. ދަރިވަރުން ފާސްވި ނިސްބަތް 75 ޕަސެންޓްގައި ހިފެހެއްޓިފައި ނުވާ ކަމާއި އެއީ ނޯޓިސްއަކާ ނުލާ ވަޒީފާއިން ވަކިކުރެވޭނެ ހާލަތެއް ކަމަށް ކޮމިޝަނުން ދެކެ އެވެ.
ނަމަވެސް، ވަޒީފާއާ ބެހޭ ޓްރިބިއުނަލްއަށް މައްސަލަ ހުށަހަޅައި، ޓީޗަރު ބުނެފައިވަނީ އޭނާ ކިޔަވައިދިނުން ރަނގަޅު ކުރަން އެއްވެސް އިރުޝާދެއް ދީފައި ނުވާ ކަމަށެވެ. އަދި ފާސް ޕަސެންޓުގެ ތަފްސީލުގައި ހިމަނާފައިވަނީ އެ ޓާމުގައި ނެގި އެއް ޔުނިޓް އިމްތިހާނާއި އެ ޓާމުގެ ފަހު އިމްތިހާނު ކަމަށް ބުންޏެވެ. އެއީ ޓީޗަރަކު ދަރިވަރުންނަށް ކިޔަވައިދިން ވަރު ދެނެގަތުމަށް އެކަށޭނެ މިންގަނޑެއް ނޫން ކަމަށް ވެސް ޓީޗަރު ބުނެފައިވެ އެވެ.
ސިވިލް ސާވިސް ކޮމިޝަނުން ބުނެފައިވަނީ ޔުނިޓް ޓެސްޓާއި ޓާމް އިމްތިހާނުގެ ނަތީޖާ ދަށް ކަމަށާއި ޓީޗަރު ކިޔަވައިދިނުމުގައި ޕާފޯމަންސް ދަށް ކަމަށެވެ. އެހެންވެ، ޕާފޯމަންސް ރަނގަޅު ކުރަން ލީޑިން ޓީޗަރާއި ޕްރިންސިޕަލް ނަސޭހަތްތެރިވެ، އިރުޝާދު ދިން ކަމަށާއި ނަމަވެސް ޕާފޯމަންސް ރަނގަޅު ނުވި ކަމަށް ކޮމިޝަނުން ބުންޏެވެ.
އެކަމަކު، ޓްރައިބިއުނަލްގެ ނިންމުމުގައި ބުނީ ޓީޗަރު ވަޒީފާއިން ވަކިކޮށްފައިވަނީ ނޯޓިހެއް ދިނުމަކާ ނުލައި ވަޒީފާއިން ވަކިކުރެވިދާނެ ފަދަ ޣައިރު ސުލޫކީ އަމަލެއް ކޮށްގެން ކަމަށް ބުރަ ނުވެވޭ ކަމަށާއި އެ ފިޔަވަޅު އަޅާފައި ވަނީ މުވައްޒަފަކު ވަކިކުރުމުގައި ގާއިމު ކުރަންޖެހޭ މައުޟޫއީ އަދުލުވެރިކަން ގާއިމުކުރުމެއް ނެތި ކަމަށެވެ.
އަދި، ޓީޗަރު ވަޒީފާއިން ވަކިކުރަން ނިންމުމުގެ ކުރިން ޖަވާބުދާރީވުމުގެ ފުރުސަތުދީ، އެ ފުރުސަތާ އެކު އެ ފަރާތް ބޭނުންވާ ފަރާތެއްގެ އެހީތެރިކަން ހޯދުމުގެ ފުރުސަތު ދީފައިނުވާ ކަމަށެވެ.
ޓީޗަރުގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކާ ގުޅޭ އިދާރީ ތަހުގީގެއް ހިނގާފައި ނުވާ ކަން ވެސް ނިންމުމުގައި ފާހަގަކުރި އެވެ. އެހެންކަމުން ޓީޗަރު ވަޒީފާއިން ވަކިކުރުމުގައި އިޖުރާއީ އަދުލުވެރިކަން ގާއިމް ކޮށްފައި ނުވާ ކަމަށް ކަނޑައެޅި އެވެ.
ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ނިންމީ ޓީޗަރު ވަޒީފާއިން ވަކިކޮށްފައިވާ ތާރީހުން ފެށިގެން މިދިޔަ އަހަރުގެ މާޗް މަހުގެ ނިޔަލަށްވާ މުސާރަ އާއި އިނާޔަތްތައް ނަގައިދިނުމަށެވެ. އެއީ 82،592ރ. އެވެ. އެ ފައިސާ އަންނަ މަހުގެ 11 ވަނަ ދުވަހުގެ ކުރިން ދައްކާ ހަލާސްކުރަން އަންގާފައިވެ އެވެ.