ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ފޯނު ނުނަގާ މައްސަލަ ހައްލުކުރުމަށް ކޯލް ސެންޓަރެއް ގާއިމުކޮށް މިހާރު އެ މައްސަލަ އެއްކޮށް ހައްލު ކޮށްފައިވާ ކަމަށް އެ ކޮމިޝަންގެ ރައީސް މުހައްމަދު މުޖުތާޒު ވިދާޅުވެއްޖެ އެވެ.
މިދިޔަ އަންގާރަ ދުވަހު "މިހާރު" އަށް ދެއްވި އިންޓަވުއުއެއްގައި މުޖުތާޒު ވިދާޅުވީ ޝަކުވާ ހުށަހެޅުމުގެ ނިޒާމު ލުއި ފަސޭހަކުރުމުގެ ގޮތުން މިހާރު އެކައުންޓް މެދުވެރިކޮށް އޮންލައިންކޮށް ޝަކުވާ ހުށަހެޅޭ ގޮތަށް ބަދަލު ގެނެސްފައިވާ ކަމަށެވެ.
މީގެ ކުރިން ސިވިލް ސާވިސްއާ ގުޅޭ މައްސަލަތައް ހުށަހަޅަން ޖެހެނީ ސިޓީ މެދުވެރިކޮށެވެ.
ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ކޮންމެ މީހަކަށް ވެސް ލިިބޭއިރު ސީއެސްސީގެ ރައީސް ވިދާޅުވީ އެ ޝަކުވާތަކަށް ޖަވާބު ދެނީ ވެސް އޮންލައިންކޮށް ކަމަށެވެ. އޭގެ ސަބަބުން ވަގުތު ސަލާމަތްވެ، ރިކޯޑު ބެލެހެއްޓުމަށް ވެސް ފަސޭހަވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މުޖުތާޒު ވިދާޅުވީ 2025 ވަނަ އަހަރުގެ ތެރޭގައި އެ ކޮމިޝަނަށް 204 މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ވަޒީފާއާ ގުޅޭ މައްސަލަތަކާއި މުވައްޒަފުން ސިވިލް ސާވިސް ގަވާއިދާ ހިލާފުވުމާ ގުޅޭ ގިނަ މައްސަލަތަކެއް ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ކޮމިޝަނުން ފޯނަށް ޖަވާބު ނުދޭ މައްސަލަ ހައްލުކުރުމުގެ ގޮތުން މިދިޔަ މެއި މަހުގެ ތެރޭގައި ކޯލް ސެންޓަރެއް ގާއިމުކޮށް ހިދުމަތް ދޭން ފަށާފައިވާ ކަމަށް ވެސް މުޖުތާޒު ވިދާޅުވި އެވެ.
"އެގޮތުން ފޯނަށް ޖަވާބުނުދޭ މައްސަލަ އަަޅުގަނޑުމެން މިހާރު މިވަނީ ވަރަށް ބޮޑަށް ހައްލުކުރެވިފައި 10 މެއި، 2026 އިން ފެށިގެން އަޅުގަނޑުމެންގެ ކޯލް ސެންޓަރު ގާއިމުކުރެވި. ވަރަށް ބޮޑުތަން 99 ޕަސެންޓުގެ ކުރިއެރުމެއް ލިބިއްޖެ ކަމަށް އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ ކޯލް ސެންޓަރު ގާއިމުކުރެވުމުން،" 35،000 އަށް ވުރެ ގިނަ ސިވިލް ސާވަންޓުންގެ ކަންކަން ބެލެހެއްޓުމުގައި އެންމެ އިސްކޮށް ހުންނެވި މުޖުތާޒު ވިދާޅުވި އެވެ.
ސިވިލް ސާވަންޓުން ރަސްމީ ގަޑީގައި ކޮފީތަކުގައި އުޅޭ މައްސަލާގައި ވެސް އޭނާ ކަންބޮޑުވުން ފާޅުކުރެއްވި އެވެ. ވިދާޅުވީ މި ފަހުން ސިވިލް ސާވިސް ކޮމިޝަނުގެ ގަވާއިދަށް ގެނެސްފައިވާ ބަދަލުގެ ދަށުން މުވައްޒަފުންނަށް ދިމާވާ ކަމެއްގެ ސަބަބުން ގަޑިއަށް އޮފީހަށް ހާޒިރު ނުވެވޭ ހާލަތެއްގައި 30 މިނިޓުގެ ބަފަ ޓައިމެއް ލިބޭ ގޮތަށް ބަދަލު ގެނައީ މުވައްޒަފުންގެ ސަލާން މަދުކުރުމާއި ބޭރުގައި އުޅޭ ވަގުތު މަދުކުރުމަށް ކަމަށެވެ.
އެފަދަ ލުޔެއް ދިން ނަމަވެސް އެ މުވައްޒަފަކު މަސައްކަތް ކުރަންޖެހެނީ އެމީހަކު އޮފީހަށް ދާ ވަގުތުން ފެށިގެން ހަ ގަޑިއިރު ހަމަވަންދެންނެވެ. މިސާލަކަށް ހެނދުނު 8:30 ގައި އޮފީހަށް ހާޒިރުވެފައި އެ މުވައްޒަފަކު މެންދުރު 2:30 ވަންދެން އުޅެން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.