ސިވިލް ސާވިސްގެ ހިދުމަތްތައް ލަސްވުމާއި ފޯނަށް ޖަވާބުނުދިނުމާއި މުވައްޒަފުން ފަރުވާ ކުޑަވުމުގެ ޝަކުވާތައް އަންނަ ކަމަށާއި އަދި އެކަން ހައްލުކޮށް، ހިންގުން ހަރުދަނާކުރަން ގޮތްތަކެއް ހޯދަން ޖެހިފައިވާ ކަމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ރައީސް މުހައްމަދު މުޖުތާޒް ވިދާޅުވެއްޖެ އެވެ.
ދިވެހި ސިވިލް ސާވިސް ކޮންފަރެންސް 2026 ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި މުޖުތާޒް ވިދާޅުވީ ސިވިލް ސާވިސްގެ ހިދުމަތް ތައާރަފުވުމުގެ ކުރިން ރައީސް އޮފީހުގެ ޕަބްލިކް ސާވިސް ޑިވިޝަނުން މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމެއް ގާއިމްކޮށް، މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބަލަމުންދިޔަ ކަމަށެވެ.
އެކަމަކު ފަހުން އެ ނިޒާމު ހަރުދަނާވެ މުވައްޒަފުންގެ ފެންވަރު ބެލުން ކޮންމެ އަހަރަކު ވެސް ކުރިއަށްދާ ކަމަށާއި އެކަމަކު ރައްޔިތުންގެ އުއްމީދާ އެއްވަރަށް އަދިވެސް ހިދުމަތް ނުދެވުމަކީ ހިތާމަކުރާ ކަމެއް ކަމަށް ވެސް މުޖުތާޒް ވިދާޅުވި އެވެ.
އެހެންވެ، މުވައްޒަފުންގެ ހިދުމަތުގެ ފެންވަރު މަތިކުރެވޭނެ ގޮތްތަކެއް ހޯދުމަށް ދިރާސާތައް ކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"ހިތާމައަކީ ސިވިލް ސާވިސްގެ ހިދުމަތާ މެދު ރައްޔިތުންގެ އުއްމީދާ އެއްވަރަށް އަޅުގަނޑުމެންނަށް މަސައްކަތް ނުކުރެވޭކަން. ކަން މިހެން އޮތުމާ އެކު މުވައްޒަފުންގެ ހިދުމަތުގެ ފެންވަރު މަތިކުރެވޭނެ ގޮތްތައް އަޅުގަނޑުމެން ހޯދަން އެބަޖެހޭ. އެކަމާ މެދު ދިރާސާ ކުރަންޖެހޭ،" އެ ކޮންފަރެންސްގައި މުޖުތާޒް ވިދާޅުވި އެވެ.
ކޮންމެ ދެ އަހަރުން އެެއް އަހަރު ބާއްވާ އެ ކޮންފަރެންސްއަކީ ސިވިލް ސާވިސްގެ ހިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ބާއްވާ ކޮންފަރެންސެކެވެ.
އެ ކޮންފަރެންސްގައި މުޖުތާޒް ވިދާޅުވީ އެ ކޮންފަރެންސް ބޭއްވުމުގެ އެންމެ ބޮޑު އަމާޒަކީ ސިވިލް ސާވިސް މެދުވެރިކޮށް ރައްޔިތުންނަށް ސަރުކާރުން ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް، މަތީ ހަރުފަތަކަށް ގެންދިއުން ކަމަށެވެ.
ސިވިލް ސާވިސްގެ ސިޔާސަތުތައް އިލްމީ މައިދާނެއްގައި ފުރިހަމައަށް ދިރާސާކޮށް، ގޮންޖެހުންތަކުން އަރައިގަންނާނެ ސާފު މަގު ޗާޓެއް އެކުލަވާލުމަށް ގައުމީ ފެންވަރެއްގައި ހިޔާލު ބަދަލުކޮށް މަޝްވަރާ ކުރެވޭނެ މައިދާނެއް ގާއިމް ކުރުމަކީ ވެސް އެ ކޮންފަރެންސްގެ މުހިއްމު ބޭނުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
މުޖުތާޒު ވިދާޅުވީ ކޮންމެ ރަށެއްގައި ތިބޭ ސިވިލް ސާވިސް މުވައްޒަފުންނަކީ ވެސް މާލޭގެ އޮފީހެއްގައި މަސައްކަތްކުރާ ސިވިލް ސާވަންޓުންނާ އެއް ފެންވަރެއްގެ ވަސީލަތްތަކާ އެކު އެއް ދުވެއްޔެއްގައި މަސައްކަތް ކުރެވޭނެ ބަޔަކަށް ވާންޖެހޭ ކަމަށެވެ.
އެހެންވެ، އެ ކޮންފަރެންސްގެ ތެރެއިން ހާސިލުކުރަން ބޭނުންވާ މުހިއްމު މަގުސަދުތަކެއް ހުރިކަން ފާހަގަ ކުރައްވައި، މުޖުތާޒު ވިދާޅުވީ ހިދުމަތް ދިނުމުގައި އިދާރީ ގޮތުން ދިގުލައި ދަތިތައް އެއްކޮށް ނައްތާލަން ޖެހިފައިވާ ކަަމަށެވެ. އަދި މުވައްޒަފުންގެ މެދުގައި އޮންނަ ގުޅުން ވަރުގަދަކޮށް އެއް އިދާރާއަކުން އަނެއް އިދާރާއަކަށް މައުލޫމާތާއި ވަސީލަތްތައް ބަދަލުކުރުން ހަލުވިކުރަން ޖެހޭ ކަމަށާއި އަދި ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ރައްޔިތުން ހިދުމަތް ހޯދަން މަޑުކުރަންޖެހޭ ވަގުތު މަދުކޮށްދޭން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ
މުޖުތާޒު ވިދާޅުވީ ރައްޔިތުން ބޭނުންވަނީ އަވަސް އަދި ފަސޭހަ ހިދުމަތެއް ކަމަށާއި އެހެންވެ އަމާޒަކަށް ވެސް ވާންވާނީ އެ އުއްމީދުތައް ކާމިޔާބުކޮށްދިނުން ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ކުރިމަގު އަޅުގަނޑުމެން އަމިއްލައަށް ކަނޑައެޅުމަށް އަތޮޅު ތެރެއިންނާއި މާލޭގެ އެކިއެކި މިނިސްޓްރީތަކާއި ޑިޕާޓްމަންޓްތަކުގެ ވެރިން ދައުލަތުގެ އިސްވެރިންނާއެކު އެއް މާހައުލެއްގައި ތިބެ ގޮންޖެހުންތަކާއި ދިމާވެފައިވާ ހުރަސްތަކާ މެދު މަޝްވަރާކޮށްލާ ހިޔާލު ބަދަލުކޮށްލާނެ ފުރުސަތު މި ކޮންފަރެންސްގެ ތެރެއިން ތަނަވަސްވެގެންދާކަމީ މި ކޮންފަރެންސްގެ މުހިއްމުކަން އިތުރުވެގެންދާ ކަމެއް،"
މުޖުތާޒް ވިދާޅުވީ ސިވިލް ސާވިސް ހިދުމަތުގައި 35،000 އަށް ވުރެ ގިނަ މުވައްޒަފުން ހަރަކާތްތެރިވާ ކަމަށެވެ. އަދި ރާއްޖެ ފަދަ ކުޑަ ޖަޒީރާ ގައުމެއްގައި ލިބިފައިވާ މަދު ވަސީލަތްތަކުގެ ބޭނުން ހިފައިގެން ރައްޔިތުން ބޭނުންވާ ފެންވަރަށް ހިދުމަތް ދިނުމަކީ ގޮންޖެހުން އޮތް ކަމެއް ކަމަށް ވެސް މުޖުތާޒް ވިދާޅުވި އެވެ.
އެހެންވިޔަސް، ޓެކްނޮލޮޖީގެ އެހީގައި ރައްޔިތުން ބޭނުންވާނެ ފަދަ ހިދުމަތް ދިނުމަށް މަސައްކަތް ކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"ކަން މިހެން އޮތުމާ އެކު މިއަދުގެ މި ޒަމާނުގައި ޒަމާނީ ޓެކްނޮލޮޖީގެ ބޭނުންކޮށްގެން ރައްޔިތުންނަށް އެންމެ ފުރިހަމަ ހިދުމަތެއް ދިނުމަށް ސިވިލް ސާވިސްއިން އަބަދުވެސް މަސައްކަތް ކުރަންޖެހޭ. ތަރައްގީގެ މަގުގައި ފައި ހަމަކޮށް ރައްޔިތުންގެ އިހުސާސްތައް ދެނެގަނެ ކުރިއަށް ދެވޭނީ ހިދުމަތުގެ ފެންވަރު ކަނޑަނޭޅި ތަރައްގީކޮށްގެން ގެންގޮސްގެން،"
ދިވެހި ސިވިލް ސާވިސްގެ ހިންގުން ހަރުދަނާކޮށް ސިޔާސަތުތައް މުރާޖާކުރުމަށް ހިދުމަތަށް ގެންނަންޖެހޭ ބަދަލުތައް ގެންނަން ޖެހިފައިވާ ކަމަށް ވެސް މުޖުތާޒު ވިދާޅުވި އެވެ.
އެ ކޮންފަރެންސްގައި 8 ދިރާސާ ކަރުދާހާއި 9 ކޮންސެޕްޗުއަލް ކަރުދާހާއި ދެ އެކްސްޕެރިމެންޓަލް ކަރުދާސް ހުށަހަޅާނެ އެވެ. އަދި އެ އިލްމީ ދިރާސާތަކުގެ ތެރޭގައި ހިންގުން ހަރުދަނާ ކުރުމާއި ހިދުމަތްދޭ އިދާރާގެ މަސައްކަތުގެ ފެންވަރު މަތިކުރުމާއި ޑިޖިޓަލް ސްމާޓް ހިންގުމުގެ ޒަމާނީ ގޮތްތައް ބޭނުންކުރުމާއި މަސައްކަތުގެ ރައްކާތެރި މާހައުލެއް ގާއިމުކުރުމާއި ހިންގުމުގެ ނިޒާމު މޮޑެނައިޒްކޮށް ރިފޯމްކުރުމާއި ހިންގުމުގައި ދިމާވާ ގޮންޖެހުންތަކާ ގުޅޭ ކަރުދާސްތައް ހިމެނޭ ކަމަށް މުޖުތާޒު ވިދާޅުވި އެވެ.